ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭ ކަމެއް!: މައިން އެކަމަށް ނުއެދުނަސް މައިންނަށް ދެރަގޮތް ހަދާދަރިންނަށް ދެރަ ނިކަމެތި ގޮތްތައް މެދުވެރިކުރައްވަވާ ސަބަބު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭ ކަމެއް!: މައިން އެކަމަށް ނުއެދުނަސް މައިންނަށް ދެރަގޮތް ހަދާދަރިންނަށް ދެރަ ނިކަމެތި ގޮތްތައް މެދުވެރިކުރައްވަވާ ސަބަބު އެނގޭތަ؟

ކިތަންމެ ތަނަވަހަސް، ކިތަންމެ މަތީ މަޤާމެއްގައި ހުއްޓަސް، އަދި ކިތަންމެ ބޮޑު ޤަދަރުވެރިއެއް ނަމަވެސް އަދި ހުރިހާ ގޮތަކުން އެންމެ ބޮޑު ނިކަމެތިކަމެއްގައި ހުރިނަމަވެސް އެމީހަކާއި ދިމާއަށް އެނބުރި ނައިސް ނުދާނެ ކަމެއްވެއެވެ. އެއީ އެމީހަކު އެމީހެއްގެ މަންމައާއިމެދު ކަންތައްކުރިގޮތެވެ. 

އެކަން އެނބުރި އެމީހަކާއިދިމާއަށް އެދަނީ މަންމަ އެކަން އެގޮތަށްވުމަށް އެދޭތީއެއްވެސް ނޫނެވެ. ދަރިން ކިތަންމެ ބޮޑު ނިކަމެތިކަމެއް ދިންނަމަވެސް މައިން އެދޭނީ އެދަރިއަކަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށެވެ. އެއްވެސް މިންވަރެއްގެ ދެރައެއް ލިބުމަކަށް ނުއެދޭނެއެވެ.  

އެހެންކަމާއިއެކުވެސް އެޙާލަތުގައި އެދަރިއަކަށް ނިކަމެތިކަމާ ދެރަގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވަތެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ﷲ އެހައި ވަރުގަދައަށް ކުރައްވަވާފައިވާ އަމުރުފުޅަކަށް ކިޔަމްނަތެރިނުވީމައެވެ. ﷲ ތަޢާލާއާއި ލޮބުވެތި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށްފަހު އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކޮށް ލޯބިވާންއޮތީ މަންމައަށް ކަމަށް އަންގަވާފައިވާ އެންގެވުމަށް ނުކިޔަމަންތެރިވީތީއެވެ.  

އަދިވެސް ވިސްނާށެވެ! މަންމަގެ ބަނޑުގައި ދަރިފުޅު ލެއްވެވީންސުރެ ވިހަންދެން އަދި ދަރިފުޅު ބޮޑުވަންދެން އެދަރިފުޅަށްޓަކައި ގުނައި، ކިރައި، މިންއަޅައި ވަޒަންނުކުރެވޭވަރަށް ތަކްލީފްތައް އުފުލަން މަންމައަށް މިންވަރުކުރައްވަވަނީވެސް ﷲ ތަޢާލާއެވެ. އެކަމުގައި މަންމަ އުފުލި ވޭނާއި ތަކްލީފް އެންމެ މޮޅަށް ދެނެވޮޑިގެންވަނީވެސް ﷲ ތަޢާލާއެވެ.  

މައިންނަށް އަޅާނުލައި ލޯބިނުދީ ނިކަމެތިކުރާ ދަރިންނަށް ޤިޔާމަތްދުވަހު އެކަމަށް ޙައްޤު ޖަޒާދެއްވަވާނެތެވެ. އެއިގެ އިތުރުން ދުނިޔޭގައިވެސް ދެރަގޮތްތައް ދެރަ ނިކަމަމެތިކުރައްވަވައެވެ. މިއީ އަބަދުހެން ލޮލަށް ފެންނަ ކަމެކެވެ.  

އަހުރެން މިދެއްކި ވާހަކަކޮޅަށް ކޮންމެ ދަރިއަކުވެސް ވަރަށް ފުންކޮށްވިސްނާށެވެ. ތިމާއަށް އެފަދަ ދެރައެއް ނުލިބޭނެ ގޮތަށް ކަންކަންކުރާށެވެ. މައިންދެކެ ލޯބިވާށެވެ. ލޯބިދޭށެވެ. އަޅައިލާށެވެ. އެކަންކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން