ކައިވެނިކުރާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަކީ އަނެކާ ދީނަށް ޢަމަލުކުރާ މިންވަރު ބެލުމެވެ. އިސްކަން ދޭންއޮތީ ދީންވެރިކަމާ ތަޤްވާވެރިކަމަށެވެ. އެހެންކަމާއިއެކުވެސް ކަންދިމާވާގޮތަކުން ދީނަށް އެންމެ ފުރިހަމައަށް ޢަމަލުނުކުރާ މީހަކާއިވެސް ކައިވެނިކުރަން ޖެހިދާނެއެވެ. މައްސަލަ އެންމެ ބޮޑަށް ގޯސްވެގެންދަނީ ދީނަށް ޢަމަލުކުރަން ބޭނުންނުވާ މީހަކާއި ކައިވެނިކުރެވުމުންނެވެ.
ދީނަށް ޢަމަލުނުކުރާ މީހަކާއި ކައިވެނިކުރަންވާނީ އެކަން އިޞްލާޙްކުރުމަށް އެއްބަސްވާނަމައެވެ. އަދި އެކަމަށް ޢަމަލީ ގޮތުން މަސައްކަތްކުރާތަން ދައްކައިދޭންވެސް އެއްބަސްވާނަމައެވެ. އެކަމަށް ވަޢުދުވުމުންނެވެ. މިޙާލަތުގައިވެސް ކުއްލިއަކަށް ކަންކަން އެންމެ ފުރިހަމައަށް ބަދަލުނުކުރެވިދާނެކަންވެސް ދަންނަންވާނެއެވެ. އަދި އިޞްލާޙްކުރަން ފުރުޞަތުދޭންވެސްވާނެއެވެ.
ފުރުޞަތުދިނުމުންވެސް ތަޤްވާވެރިވުމަށް މަސައްކަތްނުކޮށްފިނަމަ "އަދުނޫން މާދަމައަށް" އިންތިޒާރުކުރަން މަޑުނުކުރާށެވެ. އެއީ އަންނާނެ ދުވަހެއް ނޫނެވެ. އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު އޮތީ ވަކިވުމެވެ. އެފަދަ ބައިވެރިއަކަށް ދަރިން ހޯދިއްޖެނަމަ ކުރިމަތިވާނެ މައްސަލަތައް ބޮޑުވާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން