ޖިންސީ ފުރައްސާރަ ކުރުން ހިމެނިގެން ދާނީ މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމުގެ ޖަރީމާތަކުގެ ތެރޭގައި އެންމެ ނުބައި ކަންބޮޑު ކަމެއްގެ ގޮތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޖިންސީ ފުރައްސާރަ ކުރުން ހިމެނިގެން ދާނީ މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމުގެ ޖަރީމާތަކުގެ ތެރޭގައި އެންމެ ނުބައި ކަންބޮޑު ކަމެއްގެ ގޮތުގަ!

ގިނަ މީހުންނަށް ބައެއް ބޮޑެތި ފާފަތަކަށް އަރައިގަނެވެނީ މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ނުވެސް އެނގިތިބެއެވެ. އެހެންކަމުން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަކީ ފައިޑާކުރާނެ ކަމެކެވެ. އިން ޝާ ﷲ  

މުޅި އިސްލާމީ ޝަރީޢަތް ބިނާވެފައި ވަނީ ފަސް މަޤްޞަދެއް ޙާސިލު ކުރުމުގެ މައްޗަށެވެ. ފަސް ކަމެއް ހިމާޔަތް ކުރުމަށެވެ. އެގޮތުން، ނަފްސާއި މުދަލާއި ބުއްދިއާއި ދީނާއި އަބުރު ރައްކައުތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް ޟަރޫރިއްޔާތުގެ ތެރޭގައި ހިމެނޭ ފަސް ކަންތަކެވެ. 

މި ފަސްކަންތަކަށް ބަލާއިރު، އަބުރާއި ޢިއްޒަތް ހިމާޔަތް ކުރުމަށް އިސްލާމްދީނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. އަނެކާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ބޮޑު ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ޖަރީމާއެކެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ބޮޑު ފާފައެކެވެ.  

މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމުގެ ޖަރީމާތަކުގެ ތެރޭގައި ޖިންސީ ފުރައްސާރަ ކުރުން ހިމެނިގެން ދާނީ އެންމެ ނުބައި ކަންތަކުގެ ތެރޭގައި ކަން ކަށަވަރެވެ. މިކަންކަމަށް އަރައިގަންނާނީ އެބައެއްގެ ހަވާނަފްސަށް ހެއްލި ގެއްލިފައިވާ ޝަހުވާނީ އެދުމުން ފުރިފައިވާ ޝައިޠާނުން ކަމާ މެދަކު ވެސް ޝައްކެއް ނެތެވެ. 

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި ބަލިމަޑުކަން ފެތުރިފައި ވަނީ އިންތިހާ ކަންބޮޑުވާ މިންވަރަކަށެވެ. އެކިއެކި ދިމަދިމާލުން ޖިންސީ ފުރައްސާރައާއި އަނިޔާވެރިކަމުގެ ޚަބަރުތަކެވެ. މިކަމުގެ ނުރައްކަލުން 6 މަހާއި އެއަށްވުރެ ތުއްތު ޢުމުރުގެ ކުދިންވެސް ސަލާމަތްވެފައި ނެތެވެ. މުސްކުޅިން ސަލާމަތްވެފައި ނެތެވެ.  

މި ހިސާބަށް މިކަން ދާން ޖެހޭ ސަބަބަތަކެއް ވެސް ހުންނާނެ ކަން ކަށަވަރެވެ. މުޅި މުޖުތަމަޢު ފޭލުވެފައި ވުމުން ނޫނީ މި ހިސާބަށް ނުދާނެއެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ މައިދާނުގައި ފޭލުވުމުންނެވެ. ދީނީ މަތިވެރި އަޙްކާމާއި ޝަރީޢަތް ތަންފީޒު ނުކުރެވި ފޭލުވުމުންނެވެ. މަސްއޫލިއްޔަތު އަދާ ކުރަން ޖެހޭ ފަރާތްތަކުން އެކަންކަމަށް ފަރުވާ ކުޑަވެ ފޭލުވުމެވެ. ޖަމާޢީގޮތުންނާއި އިންފިރާދީކޮށް ފޭލުވެފައިވާ ވުމެވެ. ޢަޤީދާ އާއި އަޚްލާޤިއްޔަތުގައި ބަލިކަށިވުމުގެ ސަބަބުން ފޭލުވެފައިވާ ވުމެވެ. 

މި ވަބާއިން އަރައިގަތުމުގެ ގޮތުން، އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމާއި އަޚްލާޤިއްޔާތުގެ ފެތުރުމުގެ މުހިންމުކަން ބޮޑެވެ. އިސްލާމީ ޝަރީޢަތުގައި މި ފަދަ ޖަރީމާތަކަށް ކަނޑައަޅުއްވާފައިވާ ހަރުކަށި އަދަބުތައް މުޖުތަމަޢުގައި ތަންފީޒު ކުރެވިގެން ދިޔުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މަސްއޫލިއްޔަތާއި ޒިންމާތައް އެޅުވިފައިވާ ފަރާތްތަކުން މާތް ﷲ އަށް ބިރުވެތިވެ އެބައިމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އާމާނާތްތެރިކަމާއެކު އޭގެ އެންމެ އެދެވޭ ގޮތުގައި އަދާ ކުރުން މުހިންމެވެ. ޤާނޫނީ ޙުކޫމަތު ތަންފީޒު ކުރުމުގައި ހަމަހަމަކަމާއި ޢަދާލަތު ކަށަވަރުވެފައި އޮތުން މުހިންމެވެ. އެކުވެރިންނާއި ޢާއިލީ މީހުން ކުރާ ޖަރީމާތަކަށް ފަސްއެޅުމާއި ވަލު ދޮރާށިން އެބައިމީހުންނަށް ރައްކާތެރިކަން ދޭ ދިނުމަށް ނިމުމެއް އަންނަން ޖެހެއެވެ.

އިސްލާމީ މުޖުތަމަޢެއްގައި އޮންނަން ޖެހޭ ދަލުވެތިކަމާއި ޢިއްފަތްތެރިކަމާއި އަޚްލާޤިއްޔަތު ހިފެހެއްޓޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެނެވެ. ޖިންސީ ފުރައްސާރަ ކުރުން ފަދަ ވަބާތަކަކީ މުލުން ލުހެ އުފުރައިލަން ޖެހޭ ވަބާތަކެކެވެ. އަޅުގަނޑުމެންގެ އަނބިދަރިންނަށް ރައްކާތެރި މާހައުލެއް މި މުޖުތަމަޢުގައި ޤާއިމުކޮށް ކަށަވަރުކޮށްދެވޭނީ އެއިރުންނެވެ.

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

 

މިއަދު އޮންލައިން