ލޮބުވެތިއެކުވެރިންނޭވެ! ދުނިޔެއަކީ މުއުމިނުންގެ
ހުރަގެއެވެ. ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވާނެއެވެ. ކަންބޮޑުވާންޖެހޭ ކަންކަން އިތުރުވާވަރަކަށް ނަމާދުކުރުން ގިނަކުރާށެވެ! ސަޖިދަކުރުން ގިނަކުރިވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ލިބުން ދާނީ އިތުރުވަމުންނެވެ! އިން ޝާ ﷲ
ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ނާޅާށެވެ! ކޮންމެ ނަމާދެއް ކުރުމަށްވެސް އެކަށީގެންވާ ވަގުތު ވަނީ ދެއްވަވައިފައެވެ. އެ ވަގުތުގެ ތެރޭގައި ނަމާދުކުރަން ޖެހޭނެ އެވެ. ނަމާދުތައް އެނަމާދުގެ ވަގުތުގައި އަދާކުރާ ބިލިއަނަރުންވެސް އެބަތިއްބެވެ. އަދި ނަމާދުތަކަށް ރައްކައުތެރިވާ ނުހަނު ބުރަކޮށް މަސައްކަތްކުރާ ނިކަމެތި ފަޤީރުންވެސް އެބަތިއްބެވެ.
އެހެންކަމުން ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދުތައް ވަގުތުގައި އެންމެންނަށްވެސް ނަމާދު ކުރެވޭނެ އެވެ. ބޭނުންވަނީ އެކަމަށް ޢަޒުމްކަނޑައެޅުމެވެ. ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި ކުރަން މަސައްކަތްކުރުމެވެ.
ނަމާދުނުކުރާ މީހުންނަށްވެސް ﷲ ތަޢާލާ ތަނަވަސްކަމާއި އެހެން ނިޢުމަތްތައްވެސް ދެއްވަވައެވެ. ނަމަވެސް އެކަންކަމުން އެމީހަކަށް ކުރަންވާވަރާއި ގާތަކަށްވެސް ޙަޤީޤީ ފައިދާއެއް ނުކުރެއެވެ. އަބދުހެން އުޅެންޖެހެނީ ނުތަނަވަސްކަމެއްގެތެރޭގައެވެ. އެހެނަސް ތަނަވަސްކަން ނެތް ނަމަވެސް ފަރުޟުނަމާދުތަކަށް ރައްކައުތެރިވާ މީހުން ތިބެނީ ހިތްހަމަޖެހިގެންނެވެ. އުފަލުގައެވެ. އަދި ފުދިއިތުރުވެގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން