ދަރިންބެލުމުގެ ޒިންމާ މަންމަ އުފުލިނަމަވެސް ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރުމުމުގެ ވާޖިބު އުފުލަންޖެހޭނީ ބައްޕަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ދަރިންބެލުމުގެ ޒިންމާ މަންމަ އުފުލިނަމަވެސް
ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރުމުމުގެ ވާޖިބު އުފުލަންޖެހޭނީ ބައްޕަ!

 

ދަރިން ބެލުމަށް ބައްޕަކުރަން އޮތް ކަމަކީ ހަމައެކަނި ޚަރަދުކުރުން ކަމަށް ދެކޭ ބައްޕައިން މަދެއް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި ޚަރަދުކުރާނެ ފައިށާ ހޯދައި ގެއަށް ވެއްދުނީމާ އެއޮތީ ޒިންމާ އަދާކުރެވިފައެވެ. އެމީހުންނަށް ނުވިސްނެނީ އެއީ ޒިންމާގެ ކުޑަބައިކަމާއި ބޮޑުބައަކީ ދަރިން ތަރުބިއްޔަތުކުރުންކަމެވެ.

އެހެންވެ ގިނަ ބައަކަށް ވިސްނިފައި އޮންނަނީ ދަރިން ތަރުބިއްޔަތުކުރުމުގައިވެސް އިސްދައުރެއް އަދާކުރެވޭނީ މަންމައަށް ކަމަށެވެ. އެއީވެސް ހަމަ ރަނގަޅު ވިސްނުމެކެވެ. ނަމަވެސް މައިންނަށް އެކަން ކުރެވޭނީ ވަކިމިންވަރަށެވެ! އެންމެ މުހިންމު ބައި އޮންނަނީ ބައްޕަގެ ކިބައިގައެވެ.

 

ތިރީގައިވާ ލިޔުމަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ބައްޕައިންގެ ދައުރު އަންގައިދޭ ވަރަށް މުހިންމު ލިޔުމެކެވެ. ވިދާޅުވެލައްވާށެވެ!  

ބައްޕަގެ ތިބީ 2 ފިރިހެން ދަރިންނެވެ. ދޮށީ އަޅުގަނޑެވެ. އަޅުގަނޑަށް ދުވަހަކުވެސް ބައްޕަ އެއްވެސް އިނާޔަތެއް ނުދެއްވައެވެ. އެހީތެރިކަމެއްވެސް ނުދެއްވައެވެ. ހަމައެކަނި ދެއްވަނީ ވަޒީފާގެ މުސާރައެވެ. އިތުރަށް ބޭނުންވެގެން އާދޭސްކުރިނަމަވެސް ނުދެއްވައެވެ. ނަމަވެސް ކޮއްކޮ ބުނާހާކަމެއް ކޮށްދެއްވައެވެ. އެކަމާ ވަރަށް ދެރަވެއެވެ. ހިތުގައިވެސް ޖެހެއެވެ.

ބޮޑުވެ ކައިވެނިކުރަން ބޭނުންވެގެން ލޯނެއްގެ ގޮތުގައި ނަމަވެސް ފައިސާކޮޅަކަށް އެދުނީމެވެ. އެކަންވެސް ކޮށް ނުދެއްވައި ބުނުއްވީ މުސާރައިން ބާކީކޮށްގެން ޖަމާކުރުމަށެވެ. އެހެންވެ ޕާޓީ ބޭއްވުން ލަސްކޮށްލަން ޖެހޭ ވާހަކަ ބުނުމުން އަންހެންކުއްޖާ އެކަމާއި ރުޅިއައިސް ކައިވެނިނުކުރަން ނިންމި ދުވަހަކީ ވަރަށް ހިތުގައި ޖެހުނު ދުވަހެކެވެ.  

އެކަމާ ކަންބޮޑުވެވުނުވަރު ބޮޑުކަމުން އެވާހަކަ ނަންގަތުމުން ބުނުއްވީ އެއީ ރަނގަޅަށް މެދުވެރިވި ކަމެއް ކަމަށެވެ. އޭނާވީ ޙަޤީޤީ ލޯބިނަމަ ވަކިނުވާނެކަމަށެވެ. މަޑުކޮށްލީސް ކަމަށެވެ. ދެން ބުނުއްވީ ބައްޕަ މިކުރާ ކަންކަމުން ނުވަތަ ކަންކަންކުރާގޮތުން ދަރިފުޅަށް ފައިދާކުރާނެއެވެ. ބައްޕަ ދުނިޔޭގައި ނެތް ދުވަހަކުން އެކަން އެނގޭނެ ކަމަށެވެ.  

އެއިގެ ކުޑަދުވަސްކޮޅެއްފަހުން ބައްޕަ ނިޔާވެއްޖެއެވެ. ކުންފުނީގެ މައި ތިޖޫރީގައި ބައްޕަގެ ވަޞިއްޔަތް އޮތެވެ. ވަޞިއްޔަތުގައި އޮތީ ކުންފުނި ފިޔަވައި ދެންހުރި މުދައު ދެ ދަރިންގެ މެދުގައި ހަމައަށް ބެހުމަށެވެ. ކުންފުނި އަޅުގަނޑަށް ކަމަށެވެ. އަދި ކޮއްކޮއަށް ކުންފުނި ނުދެއްވި ސަބަބުވެސް ލިޔުއްވާފައި އޮތެވެ. ސަބަބެއްކަމަށް ލިޔުއްވާފައި އޮތީ ކޮއްކޮ ބައްޕަގެ ނަޞޭޙަތް ޤަބޫލުނުކުރުމުން ކޮއްކޮގެ ކިބައިގައި އެއްވެސް ހަރުދަނާކަމެއް ނެތުމުން ކަމަށެވެ.  

ކުންފުނި އަޅުގަނޑަށް ލިބުމުން އަޅުގަނޑު މިލިއަނަރަކަށްވީއެވެ. ބައްޕައާއިމެދު ކުރިން ނަފްރަތު ކުރެވުނީތީ ހިތާމަވެސް ކުރަންޖެހުނީއެވެ. ބައްޕަ އެކުރެއްވިކަމަކީ އަޅުގަނޑަކީވެސް ބައްޕަފަދަ ހަރުދަނާ މީހަކަށް ހެއްދެވުންކަން އެނގުމުން ލިބުނު އުފާވެރިކަން ބުނަންވެސް ނޭނގެއެވެ. 

މިބަޔާންކުރީ ސޯޝަލް މީޑިއާއިން އަޅުގަނޑުކިޔާފައިވާ ވާހަކައެކެވެ. މައެއްގެ ހައިޞިއްޔަތުން މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި އެ ބައްޕަ އެގެންގުޅެފައި އެވާ އުޞޫލަކީ ދަރިންނަށްޓަކައި ކޮށްދެވޭނެ އެންމެ ރަނގަޅު ކަންކަން ކަމަށެވެ.  

މިއަދު އަޅުގަނޑުމެންގެތެރޭގައި ގެއްލިފައި މިވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި ގެންގުޅެންޖެހޭ ހަރުދަނާ އުޞޫލުތަކެވެ. ހިފަހައްޓަންޖެހޭ މިންގަނޑުތަކެވެ. މައިންނަށް ކުރެވޭނެ ކަމަކީ ދަރިންގެ ކަންކަން ކޮށްދިނުމެވެ. ތަރުބިއްޔަތުކުރެވޭނީ ބައްޕައިން އެކަމަށް މަސައްކަތްކޮށްގެންނެވެ. ހިތާމައަކީ ގިނަ ބައްޕައިން ދަރުބިއްޔަތުކުރުމުގައި ވަރަށް ބޮޑަށް އިހްމާލްވަމުންދާކަމެވެ. 

--ޚަދީޖާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން