ޙަދީޘުން: ޤުރްއާނާ ރޯދައަކީ ޤިޔާމަތްދުވަހު އެމީހާގެ މިތުރުކަމަށްވެއްޖެ މީހަކަށް ލައްވަވާނެ ބޮޑު ރަޙުމަތް-

ކިޔުމަށް ހޭދަވާނީ 4މ 46ސ
ޙަދީޘުން: ޤުރްއާނާ ރޯދައަކީ ޤިޔާމަތްދުވަހު އެމީހާގެ މިތުރުކަމަށްވެއްޖެ މީހަކަށް ލައްވަވާނެ ބޮޑު ރަޙުމަތް-

ޢާއިޝަތު ރަފާޙް ޢަލީ

 

ޙައްޖުމަހުގެ 9 ދުވަހު ގިނަބައަކު ރޯދަހިފިއެވެ. ނަމާދުވެސް ކުރިއެވެ. އެކަމަކު ޢީދަށްފަހު ނަމާދުކުރެވޭ މީހުން މަދުވެގެންދެއެވެ. ސުންނަތް ރޯދަހިފަން އޮތް ދުވަސްތަކުގައި ރޯދަހިފާމީހުންވެސް މަދުވެގެންދެއެވެ.  

ރަސޫލު ﷲ ޢަލައިހި ވަސައްލަމް ޙަދީޡުކުރައްވާފައިވެއެވެ. 

«الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ، يَقُولُ الصِّيَامُ: أَيْ رَبِّ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ، فَشَفِّعْنِي فِيهِ، وَيَقُولُ الْقُرْآنُ: مَنَعْتُهُ النَّوْمَ بِاللَّيْلِ، فَشَفِّعْنِي فِيهِ»، قَالَ: «فَيُشَفَّعَانِ» 

މާނައީ: "ޤިޔާމަތް ދުވަހުން ރޯދައާއި ޤުރުއާން އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެއެވެ. އޭ ރައްބެވެ! ދުވާލުގެ ވަޤުތު ކެއުމާއި ޝަހުވަތުން ތިމަންނަ އޭނާއަށް މަނާކުރީމެވެ. އޭނާއަށްޓަކައި ތިމަންގެ ޝަފާޢަތް ލައްވާނދޭވެ. އަދި ޤުރުއާން ބުނާނެއެވެ. އޭ ރައްބެވެ! ތިމަންނަ އޭނާއަށް ރޭގަނޑުގެ ނިދި މަނާކުރީމެވެ. އޭނާއަށްޓަކައި ތިމަންގެ ޝަފާޢަތް ލައްވާނދޭވެ." 

މި ޙަދީޘުން ލިބޭ ބައެއް ފައިދާތައް: 

·      ރޯދަ ހިފުމުން އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެކަން

·      ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން

ރޯދައަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ފަރްޟު ކުރައްވާފައިވާ އަޅުކަމެކެވެ. އިސްލާމްކަމުގެ 5 ރުކުނުގެ ތެރެއިން ރުކުނެކެވެ. ރޯދައިގެ ސަބަބުން އަޅުގަނޑުމެން ﷲ ތަޢާލާއަށް ތަޤްވާވެރިވުމަށް ލިބޭ މަގެކެވެ. އަދި އަމިއްލަ ނަފުސުގެ އެދުންތައް ތަރުބިއްޔަތުކޮށް، މިސްކީނުންގެ މައްޗަށް ރަޙުމް އުފެދިގެން ދެއެވެ.  

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.  

مَنْ صَامَ يَوْمًا فِى سَبِيْلِ اللَّه بَاعَد اللّهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا  

މާނައީ: "މީހަކު އެންމެ ދުވަހަކު ވެސް ﷲއަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތްﷲ ދުރުކުރައްވާނެއެވެ." 

ދެން މިޙަދީޘުން ނެގޭ ކަމަކީ ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމެވެ. ކީރިތި ޤުރްއާނަކީ ވަރަށް މާތް ފޮތެކެވެ. އަދި އަޅުގަނޑުމެން ގިނަގިނައިން އެފޮތް ކިޔަވަން ޖެހެއެވެ. މީގެ އިތުރުން ކީރިތި ޤުރްއާނުގެ ސަބަބުން ތިމާގެ ހިތަށާއި، އުޅުމާއިގުޅުމަށް އަސަރުކުރުވައެވެ.  

ﷲ ތަޢާލާ ޝުޢަރާ ސޫރަތުގެ 192 ވަނަ އާޔަތުން 195 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ الرُّوحُ الْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِيٍّ مُّبِينٍ ‎﴿١٩٥﴾‏ 

މާނައީ: "ހަމަކަށަވަރުން އެ (ޤުރުއާން) އަކީ ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެކެވެ. އެ (ޤުރުއާން) އާއިގެން ފައިބައިވަޑައިގެންވީ އައްރޫޙުލް އަމީން (ޖިބްރީލް عَلَيهِ السَّلَام) އެވެ. (އެ ޤުރުއާން) ކަލޭގެފާނުގެ ހިތްޕުޅަށް ބާވައިލެއްވުނީ (މީސްތަކުންނަށް) އިންޛާރު ކުރައްވާ ބޭކަލެއްކަމުގައި ވުމަށެވެ. (އެ ޤުރުއާން) ބާވައިލެއްވުނީ ބަޔާންވެ ސާފުވެގެންވާ ޢަރަބި ބަހުންނެވެ."

މިއަދު އޮންލައިން