ކިޔައިލާތި!: ފިރިމީހާ ވަޒީފާއަދާނުކުރާތީ ގޭގެ ހުރިހާ ޚަރަދެއްކުރަމުންއައި އަނބިމީހާ، އޭނާއަށް ބޭނުންވާ ތަކެތި ގަތުމުން ރުޅިގަދަވެ އަތްއިސްކުރި ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކިޔައިލާތި!: ފިރިމީހާ ވަޒީފާއަދާނުކުރާތީ ގޭގެ ހުރިހާ ޚަރަދެއްކުރަމުންއައި އަނބިމީހާ، އޭނާއަށް ބޭނުންވާ ތަކެތި ގަތުމުން ރުޅިގަދަވެ އަތްއިސްކުރި ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

ފިރިމީހާގެ ވަޒީފާ ގެއްލުނުތާ 6 މަސްދުވަހެވެ. ގޭގެ ކުލިދެއްކުމާ އެހެންވެސް ޚަރަދުތައް ބަލަހައްޓަނީ އަނބިމީހާއަށް ލިބޭ މުށާރައިންނެވެ. އެކަމަކަށް އަނބިމީހާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ފިރިމީހާއަށް ޤަދަރުކުރުމުގެ އިތުރުން ކޮށްދޭންޖެހޭ ހުރިހާ ޚިދުމަތެއްވެސް ކޮށްދެއެވެ.  

އެމަހުގެ މުސާރަލިބުމުން އަނބިމީހާ ގެއަށް އައީ އޭނާ ބޭނުންކުރާ އެއްޗެތި ހުސްވެފައި ހުރުމުން ގަނެގެންނެވެ. އެކަން ފިރިމީހާއަށްވީ ވަރަށް ބޮޑު ކަމަކަށެވެ. އޭނާގެ ހުއްދަނެތި ޚަރަދުކުރީތީއެވެ. ބުނީ އެއްވެސް ކަމަކަށް ޚަރަދުކުރަންޖެހޭނީ އޭނާގެ ހުއްދަ ލިބިގެން ކަމަށެވެ. އެހެން ބުނެފައި ނިންމައިލީއެއްވެސް ނޫނެވެ. ރުޅިއައިސް މޫނުމަތީގައި ޖަހަންވެސްޖެހީއެވެ.  

އަނބިމީހާއަށް ލިބުނު ސިހުމުގައި ބަލަންހުރެފައި ވާހަކަދެއްކިއެވެ. "އަހުރެން މިއަދާކުރަނީ އާދައިގެ ކާތިބެއްގެ ވަޒީފާއެއް ނޫނެވެ. އިސްމަޤާމެކެވެ. އޮފީހަށްދާން ތައްޔާރުވާންވެސް ޚަރަދުކުރަންޖެއެވެ. އަދި އަންހެނަކަށްވުމުން ކުރަންޖެހޭ އިތުރު ޚަރަދުތައްވެސް ހުރެއެވެ. އަހުރެން ޚަރަދުކުރީ ކަލޭގެ ފައިސާއެއް ނޫނެވެ. އަހުރެންގެ ފައިށާއެވެ. އެހެންކަމާއިއެކުވެސް އެއްޗެކޭ ބުނުމަކުން ރުޅިއެއް ނައުދެއެވެ. ނަމަވެސް އަނިޔާކުރުމަކަށް މާފެއްނުކުރާނަމެވެ. އަހުރެން މިދަނީ މައިންބަފައިންގެ ގާތަށެވެ. މައްސަލަ ނިންމާނީ ކޯޓުންނެވެ."  

އެވަރުންވެސް މާފަށް އެދުމުގެ ބަދަލުގައި ފިރިމީހާ ބުނީ ދާންޖެހޭނީ 5 އަހަރުގެ ދަރިފުޅު ބަހއްޓާފައި ކަމަށެވެ. ފިރިމީހާ ހީކުރީ އަނބިމީހާ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާތީ ދޭތެރެމެދަށް ދަރިފުޅު ފެއްތުމުން އަނބިމީހާގެ ނިންމުން ބަދަލުކުރާނެ ކަމަށެވެ.  

އަނބިމީހާ ވަޤުތުން ގުޅީ ފުލުހުންނަށެވެ. ފުލުހުން އައުމުން ހުށަހެޅީ ގެވެށިއަނިޔާކުރުމުގެ މައްސަލައެވެ. ދެން ބުނީ އަމިއްލަ އެކައުންޓުގައި 100 ރުފިޔާވެސް ނެތްމީހަކާ ދަރިފުޅު ޙަވާލުކުރަން ބޭނުންނޫންކަމަށެވެ. އަދި މިމަހުގެ ކުލިވެސް ފިރިމީހާއަށް ނުދެއްކޭނެ ކަމަށާއި ދަރިފުޅު ނުބެލޭނެ ކަމަށެވެ.  

ފުލުހުން އަނބިމީހާގެ ގާތުގައި ބުނީ ދަރިފުޅު ގޮވައިގެން ދިއުމަށެވެ. އަދި ފިރިމީހާ ބޭނުންނަމަ ކޯޓަށް ހުށަހަޅައިގެން ދަރިފުޅު ހޯދުމަށެވެ. އެގޮތަށް ނިންމުމުން އަނބިމީހާ ދަރިފުޅު ގޮވައިގެން ނުކުމެގެންދިއުމުން ފުލުހުން ދިއައީ ފިރިމީހާގެ މައްސަލަ ބެލުމަށް ފިރިމީހާ ގޮވައިގެންނެވެ.  

އަނބިމީހާ ކޯޓަށް ގޮސްވަރިވީއެވެ. ދަރިފުޅުވެސް ލިބުނީ އަނބިމީހާއަށެވެ. ފިރިމީހާގެ ކިބައިގައި ދަރިއަކު ބެލުމުގެ ޤާބިލުކަން ނެތުމުންނެވެ. އަނބިމީހާ ފުލުހުންނަށް ހުށަހެޅި ގެވެށިއަނިޔާގެ މައްސަލައިގައި ކޯޓުގައި އަނބިމީހާ ފިރިމީހާއަށް މާފުކުރިއެވެ. ދަރިފުޅުގެ ބައްޕަކަމަށްވީތީއެވެ. އެހެންކަމާއިއެކުވެސް ޤާނޫނީ ކުށަށް ޖަލުޙުކުމެއް އިއްވިއެވެ.  

މިއީ އަޅުގަނޑުގެ އެކުވެރިއަކަށް މެދުވެރިވި ޙާލުގެ ވާހަކައެވެ. ހެޔޮލަފާ އަންތބަކު ލިބުމުން އަގުވަޒަންކޮށް ޝުކުރުވެރިވާން ނުއެނގުމުގެ ނަތީޖާއެވެ. އަނބިމީހާ ދެވަނަ ކައިވެނިކޮށް މާއުފަލުގައި ދިރިއުޅޭއިރު އަނބިމީހާގެ ހެޔޮކަމުން އުފަލުގަ ދިރިއުޅެމުންއައި އަޅުގަނޑުގެ އެކުވެރިޔާ އެއޮތީ ޖަލުގައެވެ.  

އަޅުގަނޑު އުންމީދުކުރަނީ މިއީ އަޅުގަނޑުގެ އެކުވެރިޔާފަދަ ސައިޒުއޮޅިގެން އުޅޭ ފިރިންނަށް ޢިބްރަތަކަށްވާނެ ކަމަށެވެ. އަދި އެގޮތަށް އަނިޔާލިބޭ އަނބިންނަށްވެސްމެއެވެ. ކިތަންމެ ލޯބިވިޔަސް އަނިޔާއަށް ކެތްތެރިވުމެއް ނެތެވެ.

 

- ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން