ތިމާ ތާއީދުކޮށް ކޮޕީމިކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނުވާ މީހަކު ކަމަށްވެއްޖެނަމަ ކުރަންޖެހޭނެ ހިތާމަ ވަރަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިމާ ތާއީދުކޮށް ކޮޕީމިކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނުވާ މީހަކު ކަމަށްވެއްޖެނަމަ ކުރަންޖެހޭނެ ހިތާމަ ވަރަށް ބޮޑުވާނެ!

މުސްލިމުން ނަމޫނާ ޝަޚްޞިއްޔަތު ކަމަށް ބަލައިގަންނަން ޖެހޭނީ އެމީހަކު އިސްލާމް ދީނުގެ ކަންކަމުގައި ކުރިއަރައިދާ މިންވަރުންނެވެ. އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި ކުރިއަރައި ދިއުމުންނެވެ. ތަޤްވާވެރިކަމުގައި ކުރިއަރައިދިއުމުންނެވެ. އެމީހެއްގެ ސަބަބުން އިސްލާމް ދީނަށް ނަޞްރު ލިބެމުން އަންނަ ނަމައެވެ.  

އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމުން ފެށިގެން ތަފާތު އެކި ފަންނުތަކުގައި ދުނިޔެއަށް މަޝްހޫރު އެމީހުންނަކީ މާމަތީ ދަރަޖަ ލިބިފައިވާ ބައެއް ކަމަށް ބަލައި ގަތުމަކީ ވަރަށް ބިރުހުރި ނުރައްކައުތެރި ކަމެމެއް ނަމަވެސް ސެލިބްރިޓީންނަކީ މާމަތި ބައެއް ކަމަށް ދެކޭ ބައަކު އެބަ އުޅެއެވެ. ސެލިބްރިޓީންނަށް ތާއީދުކުރަމުން ގޮސް އެމީހުންނަކީ މާމަތީ ދަރަޖައެއްގެ އިންސާނުން ކަމަށް ޤަބޫލުކުރާ ހިސާބަށް ދިއުމުން އެއޮތީ މުޅިން ގޯސްވެފައެވެ.  

އަބަދުވެސް ބުނާ ފަދައިން އެމީހަކީ ދުނިޔެއަށް ކިތަންމެ މަޝްހޫރު މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެމީހާއަކީ އުޑުތަކުގެ މަލާއިކަތުން "ދެނެވަޑައިނުގަންނަވާ" މީހަކު ކަމުގައި ވާނަމަ އެމީހާގެ އެއްވެސް މަތިވެރިކަމެއް ނެތެވެ. ދުނިޔޭގެ ކިތަންމެ ގިނަ ބައަކު އެމީހަކަށް ސަނާ ކީ ނަމަވެސް މަލާއިކަތުންގެ ހެޔޮ ދުޢާ އެމީހަކަށް ނުލިބޭނަމަ އެމީހަކީ އެއްވެސް މީހަކަށް ނުވާނެއެވެ. މާނައަކީ އެމީހަކީ އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ.  

ބައެއް ސެލިބްރިޓީންނަށް ތާއީދުކުރަމުން ގޮސް އެމީހުންނަކީ ކަލާނގެތަކަކަށް އެބަ ހަދައެވެ. އެމީހުން ކުރާ ކޮންމެ ކަމަކީ ރަނގަޅު ކަމެއްކަމަށް އެބަދެކެއެވެ. އެމީހުންނަށް އެބަ އަޅުކަން ކުރެއެވެ. އަޅުކަންކުރާކަމަށް މިބުނަނީ އެމީހުންގެ ހުރިހާ ކަންކަން ކޮޕީކުރާތީއެވެ. އެމީހުންވެސް ތިބެނީ އެކަމަށް މަރުޙަބާ ލިޔައިގެންނެވެ. އެ ހިސާބުން ކަންކަން އެވަނީ ގޯހުން ގޯހަށް ގޮސްފައެވެ. އެފަދަ ބޮޑު ގޯހެއް ހެދުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެވިއްޖެ ނަމަ އެމީހަކު ދެ ދުނިޔެއިން ގެއްލިގެން ދިއައީއެވެ. ވީމާ މިކަންކަމަށް ވިސްނައި ހޭލުންތެރިވުމަށް ނަޞޭޙަތްތެރިވަމެވެ.  

މުސްލިމުން، އެމީހުންގެ ނަމޫނާ ޝަޚްޞިއްޔަތުންގެ ގޮތުގައި ބަލަންގަންނަން ޖެހޭނެ މީހުން ދަރުސް ފަށަމުން ބަޔާންކުރީމެވެ. އާޚިރަތުގައި ފައިދާކުރާނީ އެކަން އެގޮތަށް ކުރި މީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން