ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭނަމަވެސް، ކަންނެތްވެ ފަރުވާކުޑަކުރެވޭނަމަވެސް ނިކަން މިދުޢާކުރަން ފަށައިބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭނަމަވެސް، ކަންނެތްވެ ފަރުވާކުޑަކުރެވޭނަމަވެސް ނިކަން މިދުޢާކުރަން ފަށައިބަލަ!

އިންސާނާގެ ޘާބިތުކަން ގުޅިފައިވަނީ ނަމާދާއިއެވެ. އަދި އިންސާނާގެ މުޅި މުސްތަޤްބަލް ވެސް ގުޅިފައިވަނީ ނަމާދާއިއެވެ. އެހެންކަމުން ނަމާދުގައި ސާބިތުވުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑު އިސްކަމެއްދީގެން ކުރަންޖެހޭ ކަންތަކެވެ.

ބަންގީގެ އަޑަށް ކަޑަބޮއް ޖަހަމުން އިބިލީސް ދުވެފިލައެވެ. ނަމަވެސް ބަނގި ހަމަ ނިމުމާއިއެކު އެނބުރި އައިސް ސިކުނޑިއާއިކުޅެ ސިކުނޑީގެ މައްޗަށް ބާރު ހިންގަން މަސައްކަތް ފަށައެވެ. ނަމާދަށް ހުންނައިރު ވަސްވާސްދީ އުނދަގޫކުރަން ޝައިޠޯނާ ވަނީ ޝާއްޝަ ޝައިޠޯނުންތަކެއް ކަނޑައަޅައިފައެވެ. އެ ޝައިޠޯނުންތަކުގެ ހަމައެކަނި މަސައްކަތަކީވެސް ނަމާދަށް ހުންނައިރު އެމީހަކަށް ވަސްވާސްދީ ނަމާދުން ބޭރުކުރުވަން މަސައްކަތްކުރުމެވެ. މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.  

ނަތީޖާއަކަށް ވެގެންދަނީ ނަމާދުގައި ޚުޝޫޢަތްތެރި ނުވެވުމެވެ. ބޭކާރު ކަންކަން ހިތަށް ގެނެވޭގޮތް ވުމެވެ. ޝައިޠާނާގެ ވަސްވާސްތަކުން ހިތް ފުރިގެން ދިއުމެވެ. އެހެންކަމުން އެހާލަތުން ސަލާމަތްވެ ނަމާދުގައި ޚުޝޫޢަތްތެރިވާން ޝައިޠާނާ އާއި ދެކޮޅަށް ހަނގުރާމަކުރަންޖެހެއެވެ.  

އެކަމުގެ ކުޅަދާނަކަން މިންވަރުކޮށްދެއްވެވުން އެދި ﷲ ތައާލާއަށް ގިނަގިނައިން ދުޢާކުރަންވާނެ އެވެ. އެގޮތުން ކުރަން މިއީވެސް އެންމެ ރަނގަޅު ދުޢާއެކެވެ.  

اللَّهُمَّ لاَ سَهْلاً إِلّاَ مَا جَعَلّتَهٌ سَهْلاً وَأَنّتَ تَجّعَلَ الحَزَنَ إِذَا شِئتَ سَهْلاً 

ދުޢާގެ މާނަ: ހައްދަވާ ގެންގުޅުއްވަވާ އިލާހްއެވެ. އިނބަ ﷲ ފަސޭހަކޮށްދެއްވެވި ކަމެއް މެނުވީ ފަސޭހައެއް ނުވާނެއެވެ. އުނދަގޫވެއްޖެ ކޮންމެ ކަމެއް އިނބަ ﷲ އިރާދަ ކުރައްވަވައިފި ނަމަ ފަސޭހަކޮށްދެއްވަވައެވެ. (ދުޢާ މާނަކޮށް ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް)  

ތަފާތު ސަބަބުތައް މެދުވެރިވެ ނަމާދުކުރަން ކަންނެތްވެ އުނދަގޫވާ މީހުންވެސް މިދުޢާ ގިނަގިނއިން ކުރާށެވެ! ނަމާދުކުރަން ފެށުމުގެ ކުރިންވެސް މިދުޢާ ކުރާށެވެ! ނަމާދަށް ފަހުގައިވެސް ކުރާށެވެ! އެމީހަކަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން