މަރުވާ ވަޤުތު ހިނގާ ކަންކަން އެންމެ ގާތުގަ ތިބޭ މީހުންނަކަށްވެސް ނުއެނގޭނެ! މިއާޔްތަކުގަ އެވަނީ ވަރަށް ވަރުގަދަ އިންޒާރުތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 33ސ
މަރުވާ ވަޤުތު ހިނގާ ކަންކަން އެންމެ ގާތުގަ ތިބޭ މީހުންނަކަށްވެސް ނުއެނގޭނެ! މިއާޔްތަކުގަ އެވަނީ ވަރަށް ވަރުގަދަ އިންޒާރުތަކެއް!

މަލަކުލްމައުތު ފެނުމާ މަރު ހިއްޕެވުމާ ދެމެދު ވާނީ ފަޅި ސިކުންތެއްހައި ކުޑަކުޑަ ހިނދުކޮޅެކެވެ. އެއީ ދުނިޔޭގެ ގަޑިންނެވެ. މަރުގެ ވޭނުގައި އެކިމީހުންނަށް އުޅެންޖެހޭނީ އެކިވަރަށެވެ. އެކަން އެނގޭނީ ހަމައެކަނި މަރުވާ މީހާއަށެވެ. ކައިރީގައި ތިބޭ މީހުންނަށްވެސް އެއްވެސް ކަމެއް ނުއެނގޭނެއެވެ. 

މަރުވުމުގެ ކުރިން މަރުގެ ތަދު އިޙްޙްޞާޞް ކުރެވޭނެއެވެ. އެކި މީހުންނަށް އެކި މިންވަރަށެވެ. އެކި ގޮތަށެވެ. މަރުގެ ވޭނުން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އަދި ސަލާމަތްވެވޭނެ މީހަކުވެސް ނުހުންނާނެއެވެ.  

އެހެނީ މީސްތަކުންކުރެ އެންމެ މާތް ޞާޙިބާ މުޙައްމަދު (ﷺ) ވެސް ވަނީ އަވަހާރަވުމުގެ ތަދުފުޅު އިޙްޞާޞް ކުރައްވަވައިފައެވެ. ޢައިޝަތުގެފާނު ވިދާޅުވެފައިވަނީ އެވަގުތު ހަށިކޮޅުން އޮއްދައުފޮދު ހިއްލި ކަމަށެވެ. އަދި ތަދުފުޅުގެ ސަބަބުން ފުރޮޅިވަޑައިގެންނެވި ކަމަށެވެ. އަދި މަރުގެ ވޭންފުޅު ކަމަށާއި މަރުގެވޭނަކީ ކޮންމެ މީހަކުވެސް އިޙްޞާޞް ކުރަން ޖެހޭނެ ވޭނެއް ކަމަށް ޙަދިޘްފުޅު ކުރެއްވެވި ކަމަށެވެ.  

ޤާފް ސޫރަތުގެ 19 އާޔަތް ބަލާށެވެ! "އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ." މިއާޔަތުން އެނގިގެންދަނީ ކޮންމެ މީހަކަށްވެސް އެމީހަކަށް ޙައްޤު މިންވަރުން މަރުގެ ސަކަރާތް، ވޭން އިޙްޞާޞް ކުރަން ޖެހޭނެ ކަމެވެ.  

ވާޤިއަތު ސޫރަތުގެ މި ތިން އާޔަތް ކިޔައިލާށެވެ. "ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމައަށް ފުރާނަ އައިސް ނޭވާހޮޅިއަށް އެޅިއްޖެހިނދެވެ. (83) އަދި އެހިނދު، ތިއަބައިމީހުން ބަލަބަލައި ތިބެމުއެވެ. (84) އަދި ތިއަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ."  

އަލްއަންޢާމް ސޫރަތުގެ 93 ވަނަ އާޔަތް ބަލާށެވެ. "لَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެން، ނުވަތަ އެމީހަކަށް އެއްވެސް އެއްޗެއް وحى ނުކުރައްވަނީސް، ތިމަންނާއަށް وحى ކުރައްވައިފިއޭ ބުނި މީހަކަށްވުރެން އަދި اللّه ބާވައިލެއްވި ފަދަތަކެތި ތިމަންވެސް ބާވައިލައިފާނަމޭ ބުނި މީހަކަށްވުރެން ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެެ؟ އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. ملائكة ން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި عذاب ން ޖަޒާ ދެއްވާނެތެވެ. (އެއީ) ތިޔަބައިމީހުން، اللّه އާމެދު ބުނެއުޅުނު حق ނޫން ބަސްތަކުގެ ސަބަބުންނާއި، އެކަލާނގެ آية ތަކަށް (إيمان ނުވެ) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ."

މިއާޔަތުގައި އަނގަވާފައި އެވަނީ ﷲ ތައާލާއަށް އުރެދި ނުކިޔަމަންތޔެރިވީ މީހުންގެ ފުރާނަ ހިއްޕަވާއިރު އެމީހުންނަކީ ޢަޛާބު ދެއްވަވާނެ ބައެއްކަން މަލާއިކަތުން އެމީހަކަށް އަންގަވާނެ ކަމެވެ. މާނައަކީ މަރުވުމަށްފަހު އެމީހުންނަށް ގަދަފަދަ ޢަޛާބު ދެއްވަވާނެކަން އެމީހުންނަށް އަންގަވާނެ ކަމެވެ.  

"އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިއަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި ޢަޛާބުން ޖަޒާ ދެއްވާނެތެވެ. (އެއީ) ތިއަބައިމީހުން، اللّه އާމެދު ބުނެއުޅުނު ޙައްޤު ނޫން ބަސްތަކުގެ ސަބަބުންނާއި، އެކަލާނގެ آية ތަކަށް (إيمان ނުވެ) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ." 

މީސްތަކުންނޭވެ! ކީރިތި ޤްރްއާނުގެ އާޔަތްތައް ކިޔައި ހިތަށް ބިރުވެރިކަން ގެންނަން ގަދައަޅައި މަސައްކަތް ކުރާށެވެ! ޢަރަބި އަކުރުން އޮތް ލިޔުން ކިޔައިލުމަކުން ނުފުދެނީ އެ ސަބަބަށްޓަކައެވެ. މާނަ ނުއެނގި ހިތަށް ބިރުވެރިކަން ނުގެނެވޭނެތީއެވެ! މަރާއިމެދު ވިސްނައި ބިރުވެތި ނުވާ މީހާއަކީ ގެއްލެނިވެގެންވާ މީހެކެވެ. އެފަދަ މީހުންނަށް އެއްވެސް ސަލާމަތްކަމެއް ލިބިދާނެ ކަމަށް އުންމީދުވެސް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

މަރުގެ މަލާއިކަތާ ފެނުމުން ތައުބާވުމުގެ ދޮރު ވަނީ ބަނދުކުރައްވަވައިފައެވެ. މިއީވެސް އަހުރެންގެ ބަހެއް ނޫނެވެ. ނިސާ ސޫރަތުގެ 17 ވަނަ އާޔަތާއި 18 ވަނަ އާޔަތް ކިޔައިލާށެވެ. " توبة ލެއްވުން اللَّه ގެ ޙަޟްރަތުން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޮޑިގެންވާ ޙަކީމް ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (17) އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ޙާޟިރުވެއްޖެނަމަ، އެހިނދު ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ. (18)"  

ﷲ ތައާލާ އިންސާނުންނަށް ބުއްދި ދެއްވެވި ބޭނުމަކީ އެކަލާނގެ ބާވައިލެއްވެވި އާޔަތްތަކާއިމެދު ވިސްނައި ފިކުރުކުރުމެވެ. ވީމާ ބުއްދީގެ މަތިވެރި ނިޢްމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަވަސްވެގަންނާށެވެ! އަވަހަށް ތައުބާވެ ޙައްޤުގެ މަގަށް ރުޖޫޢަވާށެވެ! ހަމައެކަނި މިއާޔަތްތަކުން އެކަނިވެސް މަރާއިމެދު ބިރުވެތި ނުވެވިއްޖެނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން