ތިބާކުރާ ދުޢާގެ ބާރު ގަދަވެ ޢިޖާބަކުރެއްވެވުން އަވަސްވާނެ ގޮތްތައް އެބަހުރި!: ޔާސްމީން މުގާހިދް

ކިޔުމަށް ހޭދަވާނީ 4މ 57ސ
ތިބާކުރާ ދުޢާގެ ބާރު ގަދަވެ ޢިޖާބަކުރެއްވެވުން އަވަސްވާނެ ގޮތްތައް އެބަހުރި!: ޔާސްމީން މުގާހިދް

ޢާއިޝަތު ރަފާޙް ޢަލީ

 

މުއުމިނަކީ ތަނަވަސްކަމުގެ ވަގުތުގައްޔާއި ދަތި އުނދަގޫ ޙާލަތްތަކުގައިވެސް މާތް ﷲ ހަނދުމަކުރާ މީހެކެވެ. އެގޮތުގައި ސާބިތުވެ ހުރުމުގެ ސަބަބުން، އޭނާގެ ހިތާއި ޚާލިޤުވަންތަ ރަސްކަލާނގެއާ ދެމެދު އޮންނަ ގުޅުން އަބަދުވެސް ވަރުގަދަވެފައިވެއެވެ. ދަތި ހާލެއް ކުރިމަތިވާ ހިނދު، އެ ގުޅުން ކެނޑިފައި ނުވާތީ، މާތް ﷲ އެމީހެއްގެ ދުޢާ އަވަހަށް އިޖާބަކުރައްވަވައެވެ. ދިރިއުޅުމުގެ ހުރަސްތަކުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ކެތްތެރިވާންޖެހެއެވެ. އަދި ފާފަތަކުން ދުރުހެލިވެ، ދުޢާކުރުންމަތީ ދެމިތިބެންޖެހެއެވެ. އޭރުން ދުޢާއަކީ އެއްވެސް ހުރަހެއްނެތި އުޑަށް އުފުލިގެންދާ ނޫރަކަށް ވެގެންދާނެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ ރަޙުމަތްފުޅުން، ދުޢާ އިޖާބަވުމަށް ޚާއްޞަ ވަގުތުތަކެއް ލައްވާފައިވެއެވެ. އެއީ އުޑުގެ ދޮރުތައް ހުޅުވި، މަލާއިކަތުން އަޅުތަކުންގެ ދެންނެވުންތަކަށް އިންތިޒާރުކުރައްވާ ވަގުތުތަކެވެ. މީގެ ތެރެއިން އެންމެ ބަރަކާތްތެރި އެއް ވަގުތަކީ ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި، ކޮންމެ ރެއެއްގެ އެ ވަގުތުގައި ﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގެން، ތިމަންރަސްކަލާނގެއަށް ދުޢާކުރަނީ ކާކުތޯއާއި، އެމީހަކަށް އިޖާބަދެއްވާނެ ކަމަށާއި، ކަމަކަށް އެދި ދަންނަވަނީ ކާކުތޯއާއި، އެމީހަކަށް އެކަމެއް ދެއްވާނެ ކަމަށާއި، ފާފަފުއްސެވުމަށް އެދެނީ ކާކުތޯއާއި، އެމީހަކަށް ފާފަފުއްސަވައިދެއްވާނެ ކަމަށް ގޮވައިލައްވައެވެ. އެ ވަގުތުގެ މަތިވެރިކަމާ މެދު ވިސްނާލަބަލާށެވެ. މުޅި ދުނިޔެ ހިމޭންވެ، ހިތްތަކަށް މަޑުމޮޅިކަން ލިބިފައިވާ އެ ވަގުތު ތެދުވެ ދުޢާކުރާ މީހާ މުޢާމަލާތް އެ ކުރަނީ، ދުޢާ އިޖާބަކުރައްވާނެ ކަމަށް ވަޢުދުވެވޮޑިގެންވާ ރަސްކަލާނގެއާއެވެ. 

ދުޢާ އިޖާބަވާ އަނެއް ވަގުތަކީ ބަންގީގެއާއި ގޮވުމުގެ (އިޤާމަތުގެ) ދެމެދުގައިވާ ވަގުތެވެ. މިއީ ބަރަކާތުން ފުރިގެންވާ ވަގުތެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި އެ ވަގުތު ކުރާ ދުޢާ ރައްދުނުކުރެވޭނެއެވެ. ހަމައެފަދައިން، ފަރުޟު ނަމާދުތަކުގެ ފަހުން އޮންނަ ވަގުތަކީވެސް މާތް ﷲ އާ ކުށްތަންވުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. މިއީ ހިތުގައިވާ އެންމެހައި އެދުންތަކެއް ދެންނެވުމަށް އޮތް އެންމެ އެކަށީގެންވާ ވަގުތުތަކެވެ. 

ދުޢާގެ ބާރު ވަރުގަދަކޮށްދޭ މުހިންމު ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި ހިތުގެ މަޑުމޮޅިކަން ހިމެނެއެވެ. އަތްއުފުލައި، ނަޒަރު ތިރިކޮށް، މަޑުމައިތިރި އަޑަކުން ދަންނަވާއިރު، ތިމާގެ ނިކަމެތިކަން އިޙްސާސްކުރުމަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ ސިފައެކެވެ. އަދި ދުޢާ ފެށުމުގެ ކުރިން ﷲ އަށް ޙަމްދާއި ޘަނާ ދަންނަވައި، ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އިޖާބަވުމުގެ ދޮރުތައް ހުޅުވައިދޭ ކަމެކެވެ. ކަންކަމަށް އެދޭއިރު ތަފްޞީލުކޮށް ދެންނެވުމަކީ، ތިމާ އެކަމަކަށް އެދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ. ދުޢާކުރުންމަތީ ދެމިހުރުމަކީ (Consistency) ވެސް ވަރަށް މުހިންމު ޝަރުޠެކެވެ. 

ޚާއްޞަ ޙާލަތްތަކުގައި ކުރެވޭ ދުޢާތަކަކީ އިޖާބަވުމުގެ ފުރުޞަތު ބޮޑު، ބާރުގަދަ ދުޢާތަކެކެވެ. ރޯދަވެރިޔާ ރޯދަވީއްލާ ވަގުތު ކުރާ ދުޢާ، ދަތުރުވެރިޔާގެ ދުޢާ، ދަރިންނަށްޓަކައި މައިންބަފައިން ކުރާ ދުޢާ، އަދި އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަކީ އިޖާބަވުމުގެ ވަޢުދު ލިބިފައިވާ ކަންކަމެވެ. މި ފުރުޞަތުތަކުގެ ބޭނުން ހިފުމަކީ މުއުމިނަކަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ. މިކަމުގެ ފަހަތުގައިވާ ޙިކުމަތަކީ އަޅުގަނޑުމެން އަބަދުވެސް އަޅުކަމުގެ ތެރޭގައި ދެމިތިބުމަށް ބާރުއެޅުމެވެ. ރޭގަނޑުގެ އަޅުކަމުން ހިތަށް ދިރުން ލިބޭއިރު، ނަމާދު ވަގުތުތަކުގައި ﷲ ހަނދުމަކުރުމުން ދުވާލުގެ މަސައްކަތްތަކަށް ބަރަކާތް ލިބެއެވެ. އިސްވެދިޔަ ޞާލިޙު ބޭކަލުން ރޭގަނޑަކީ ޚަޒާނާއެއް ކަމުގައި ދެކެވަޑައިގެން، މި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިއްޕެވިއެވެ. 

ދުޢާ އިޖާބަވުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރަނގަޅު ތަރުތީބަކުން ދުޢާކުރަން އާދަކުރުމެވެ. އަތްއުފުލައި ﷲ އަށް ޙަމްދުކޮށް، އެކަލާނގެ ކިބްރިޔާވަންތަކަމަށް އިޢުތިރާފުވުމަށްފަހު، ރަސޫލާ ﷺ އަށް ޞަލަވާތް ކިޔަވާށެވެ. މިއީ ހިތާއި ސިކުނޑި ދުޢާއަށް ތައްޔާރުކޮށްދޭ ގޮތެވެ. ކަންކަމަށް އެދޭއިރު، ހަމައެކަނި ހިދާޔަތަށް އެދުމުގެ ބަދަލުގައި، ދިރިއުޅުމުގެ އެކި މައިދާންތަކުގައި މަގުދައްކަވައިދެއްވުމަށް ތަފްޞީލުކޮށް އެދޭށެވެ. ފާފަފުއްސެވުމަށް އެދޭއިރު، ކުރެވުނު ކުށްތަކަށް އިޢުތިރާފުވެ، ތައުބާވުމަށް އެދި ދަންނަވާށެވެ. 

ދުޢާކުރުމުގައި އަމިއްލަ "ލިސްޓެއް" ގެންގުޅުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ބޭނުންވާ ކަންކަން ލިޔެފައި ބެހެއްޓުމުން، ދުޢާކުރާއިރު އެއްވެސް ކަމެއް ހަނދާން ނުނެތި ދެންނެވުމަށް ފަސޭހަވާނެއެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް، އެ ލިސްޓުން އިޖާބަވެފައިވާ ކަންކަން ފެނުމުން އީމާންތެރިކަން ވަރުގަދަވެ، ﷲ އަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ. ދުޢާއާ އެކު ހެޔޮ ޢަމަލުތައް ގުޅުވާލާށެވެ. ދުޢާކުރުމުގެ ކުރިން ޞަދަޤާތެއް ދިނުމާއި، އެހެން މީހުންނަށް މަޢާފުކުރުމަކީ ދުޢާގެ ބަރުދަން އިތުރުކޮށްދޭނެ ކަންކަމެވެ. 

ކީރިތި ޤުރުއާން ކިޔެވުމަށްފަހު، އެ ކިޔެވި އާޔަތްތަކުގެ މާނައާ ގުޅުވައިގެން ދުޢާކުރުމަކީވެސް ވަރަށް ރަނގަޅު ގޮތެކެވެ. އެންމެ މުހިންމު ކަމަކީ ދުޢާކުރުން ހުއްޓާނުލައި ކުރިއަށް ގެންދިއުމެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި، ﷲ ދުޢާ އިޖާބަކުރައްވަނީ ތިން ގޮތަކުންކުރެ ގޮތަކަށެވެ. އެއީ ވަގުތުން ދެއްވުން، ނުވަތަ އެއަށްވުރެ ރަނގަޅު ވަގުތަކަށް ލަސްކުރެއްވުން، ނުވަތަ އާޚިރަތަށްޓަކައި ރައްކާކުރެއްވުމެވެ. މިއީ ހައްތަހާވެސް ރަޙުމަތެވެ.

ދުޢާއަކީ ހަމައެކަނި އާޚިރަތަށް އޮތް ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުން ބައްޓަންކޮށްދޭ މުހިންމު ވަސީލަތެކެވެ. ދުޢާއިން ދުވަސް ފަށާ މީހާގެ ހިތަށް ހަމަޖެހުން ލިބި، ކުރާ މަސައްކަތުގައި ބަރަކާތް ލައްވައެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި، ދުޢާ މެނުވީ މިންވަރުފުޅު ބަދަލެއް ނުކުރެއެވެ. މިއިން އެނގެނީ ދުޢާއަކީ އެންމެ ވަރުގަދަ ޢަމަލު ކަމެވެ. 

ވަގުތަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތެވެ. ކޮންމެ ނޭވާއަކީވެސް އެކަލާނގެއަށް ރުޖޫޢަވުމަށް ލިބޭ ފުރުޞަތެކެވެ. ސޫރަތުލް ޢަޞްރުގައި ﷲ ހަނދާންކޮށްދެއްވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހުންވަނީ ގެއްލުމެއްގައި ކަމެވެ. ދުޢާކުރުމުގައި ހޭދަކުރާ ކޮންމެ ސިކުންތަކީ ޤިޔާމަތް ދުވަހަށްޓަކައި ރައްކާކުރެވޭ ނޫރެކެވެ. ކުދިކުދި ދުޢާތަކުން ދުވަސް ފުރާލައިފިނަމަ، ދިރިއުޅުން ބަރަކާތްތެރިވާނެއެވެ.

 

- ޔާސްމީން މުޤާހިދުގެ ދަރުސަކުން 

- މިއަދުނޫސް

 

                   

މިއަދު އޮންލައިން