ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާނަމަ ފުރަތަމަވެސް ބަލަންވީ ތިބާގެ ކިބައިން އެކަމަށް ހުރަސްއެޅިފައިވޭތޯ!: ޔާސްމީން މުގާހިދް

ކިޔުމަށް ހޭދަވާނީ 3މ 8ސ
ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާނަމަ ފުރަތަމަވެސް ބަލަންވީ ތިބާގެ ކިބައިން އެކަމަށް ހުރަސްއެޅިފައިވޭތޯ!: ޔާސްމީން މުގާހިދް

ޢާއިޝަތު ރަފާޙް ޢަލީ

 

ދުޢާއަކީ ހިތާމަ އުއްމީދަށް، އެކަނިވެރިކަން ގާތްކަމަށް، އަދި ބިރުވެތިކަން އިތުބާރަށް ބަދަލުކޮށްދޭ ކަމެކެވެ. ތިޔަބޭފުޅުން ބުނާ ކޮންމެ ބަހަކީ އަގުހުރި ބަހެކެވެ. އޮހޮރޭ ކޮންމެ ކަރުނަތިއްކެއްގެ ޚަބަރު ﷲ ދެނެވޮޑިގެންވެއެވެ.

އިބްރާހީމްގެފާނަށް ބައްލަވާށެވެ. އެއްވެސް ވަސީލަތެއް ނެތް ފަޅު ސަހަރާއެއްގައި ހުންނަވައި، އެ ބިމަކީ އަމާން، ބަރަކާތްތެރި ބިމަކަށް ހެއްދެވުމަށް އެދި ދުޢާކުރެއްވިއެވެ. މިއަދު އެއީ މިލިއަނުން މީހުން ޒިޔާރަތްކުރާ މައްކާއެވެ. ޔޫނުސުފާނަށް ބައްލަވާށެވެ. ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތް ތަނެއްގައި ހުންނަވައި ކުރެއްވި އެންމެ އިޚްލާޞްތެރި ދުޢާއަކުން ސަލާމަތްވިއެވެ. 

މި ނަސޭހަތުން ތިޔަބޭފުޅުންގެ ހިތަށް އަސަރުކޮށްފިނަމަ، މިހިސާބުން މިކަން ހުއްޓާނުލައްވާށެވެ. މިހާރުވެސް މަޑުކޮށްލައްވާފައި އަތްއުފުއްލަވައި، ތިޔަބޭފުޅުންގެ އަމިއްލަ ބަހުން ﷲ އަށް ދަންނަވާށެވެ. އަދި ދުޢާގެ ބާރު ޤަބޫލުކުރައްވާނަމަ، އުއްމީދަކަށް ބޭނުންވެފައިވާ މީހަކަށް މި ހަނދާންކޮށްދިނުން ފޯރުކޮށްދޭށެވެ. "އަޅުގަނޑު ﷲ އަށް އިތުބާރުކުރަން އަދި ދުޢާކުރަން" މިހެން ބުނެ ހިތްވަރު ދޭށެވެ. އަދި މިފަދަ ހަނދާންކޮށްދިނުންތަކާ ގުޅިފައި ތިބޭށެވެ. އެއީ މިކަމުގެ ސަބަބުން ހިތްތަކަށް ބާރުލިބި އީމާންތެރިކަން އާލާވާތީއެވެ.

ޔޫނުސުފާނު ﷲ އަށް ދެންނެވިއެވެ: " އިބަރަސްކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަޅުގަނޑުވީ އަނިޔާވެރިންގެ ތެރެއިންނެވެ." ﷲ އެކަލޭގެފާނަށް އިޖާބަދެއްވައި ސަލާމަތްކުރެއްވިއެވެ. 

ޒަކަރިއްޔާގެފާނު ހުރިހާ ދޮރެއް ބަންދުވެފައިވަނިކޮށް ދަރިއަކަށް އެދި ދުޢާކުރެއްވިއެވެ. ﷲ އެކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވީ އެކަލާނގެއަށް ކުޅަދުންވަންތަ ނޫން އެއްވެސް ކަމެއް ނުވާކަމުގެ ނިޝާނެއްގެ ގޮތުގައެވެ. މި ވާހަކަތަކުން އެނގެނީ ދުޢާގެ ބާރު ބިނާވެފައިވަނީ އެދޭ ކަމުގެ ބޮޑުމިނުގެ މައްޗަށް ނޫންކަމާއި، އެދޭ މީހާގެ ހިތުގެ އިޚްލާޞްތެރިކަމުގެ މައްޗަށް ކަމެވެ. އިޚްލާޞްތެރިކަމާއެކު ދަންނަވައިފިނަމަ، ނުވާނެ ކަމަށް ހީވާ ކަންކަންވެސް ވާނެއެވެ. ދުޢާ އަކީ ހަމައެކަނި ބަދަލެއް ގެނައުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ. އެއީ މުއުމިނާގެ އުއްމީދުތައް ދިރުވައިދީ، ޚާލިޤުވަންތަ ރަސްކަލާނގެއާ ގުޅުވައިދޭ ހަކަތައެވެ. 

ބައެއް މީހުން ދުޢާކޮށްފައި، އިޖާބަ ނުލިބޭ ކަމަށް އިޙްސާސްވުމުން ހިތާމަކޮށް، ބައެއް ފަހަރު ޝައްކުވެސް އުފެދެއެވެ. ނަމަވެސް ޙަޤީޤަތަކީ ﷲ އަބަދުވެސް އައްސަވާވޮޑިގެންވާ ކަމާއި އިޖާބަދެއްވާ ކަމެވެ. އިޖާބަ އަންނަނީ އަޅުގަނޑުމެން ހީކުރާ ގޮތަށް ނޫން ކަމަށް ވެދާނެއެވެ. ނަމަވެސް އެ އިޖާބަ އަބަދުވެސް އޮވެއެވެ. ދުޢާ އިޖާބަވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކެތްތެރިކަން ކުޑަވުމެވެ. މީހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ދުޢާކޮށްފައި ހުއްޓާލައެވެ. އަވަހަށް އިޖާބަ ނުލިބުމުން، ދުޢާ އިޖާބަ ނުކުރެއްވީ ކަމަށް ހީކުރެއެވެ. ނަމަވެސް ﷲ އަޅާ އިމްތިޙާން ކުރައްވައެވެ. އެކަލާނގެ ބައްލަވަނީ އަޅާގެ ހިތް ޘާބިތުތޯއާއި، އީމާންތެރިކަން ވަރުގަދަތޯއާއި، އިތުބާރާއެކު ދެންނެވުމުގައި ދެމިހުރޭތޯއެވެ. ކެތްތެރިކަމަކީ ދުޢާގެ ބައެކެވެ. ދެންނެވުމުގައި ދެމިހުންނަ މީހާ އެ ދައްކައިދެނީ އޭނާ ޙަޤީޤަތުގައިވެސް ﷲ އަށް ބަރޯސާވާ ކަމެވެ. އުންމީދު ކަނޑާލާ މީހާގެ އިތުބާރު ބަލިކަށީއެވެ. 

އަނެއް ހުރަހަކީ ފާފަކުރުމެވެ. ފާފަތަކުގެ ސަބަބުން ދުޢާގެ ނޫރު ބަންދުވެއެވެ. ހިތުގައި އުރެދުންތަކުގެ ދަވާދު އުނގުޅިފައިވާނަމަ، ދުޢާގެ އަޑު އުޑަށް އުފުލުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި، މީހަކު އުޑަށް އަތްއުފުލައި ދުޢާކުރާއިރު، އޭނާގެ ކެއުމާއި، ބުއިމާއި، އަންނައުނަކީ ޙަރާމް ތަކެތި ކަމަށްވާނަމަ، އޭނާގެ ދުޢާ އިޖާބަވާނީ ކިހިނަކުން ހެއްޔެވެ؟ ކެއުމާއި ބުއިމުގެ ސާފުތާހިރުކަމަކީ ދުޢާ ވަރުގަދަވާ ކަމެކެވެ. އަދި ހަނދާން ނެތުމަކީވެސް ހުރަހެކެވެ. ބައެއް މީހުން ދުޢާކުރަނީ ހަމައެކަނި ދަތި ހާލެއް ޖެހުމުންނެވެ. އުފަލުގައި އުޅޭއިރު ﷲ މަތިން ހަނދާން ނައްތާލައެވެ. ނަމަވެސް މުއުމިނަކީ ތަނަވަސްކަމުގައްޔާއި ދަތިކަމުގައިވެސް ﷲ ހަނދާންކުރާ މީހެކެވެ.

 

- ޔާސްމީން މުޤާހިދުގެ ދަރުސަކުން

- މިއަދުނޫސް

 

މިއަދު އޮންލައިން