ޢާއިޝަތު ރަފާޙް ޢަލީ
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފުންކޮށް ވިސްނާލަންޖެހޭ ސުވާލެއް ތިޔަބޭފުޅުންނާ ކޮށްލާނަމެވެ. ދިރިއުޅުމުގެ ކަންކަމުގައި ބައެއް މީހުން ނުހަނު ހަމަޖެހިގެން، މޫނުމަތިން އުޖާލާކަން ފެންނަން ތިބޭއިރު، އަނެއްބަޔަކު އަބަދުވެސް ހާސްކަމާއި، ނުތަނަވަސްކަމާއި، ފިކުރުބޮޑުވުމުގެ ތެރޭގައި އުޅެނީ ކީއްވެގެންތޯއެވެ؟ ގިނަ ފަހަރަށް މީގެ ސަބަބަކީ މުއްސަނދިކަމެއް، މަޤާމެއް، ނުވަތަ ޖިސްމާނީ ބާރެއް ނޫނެވެ.
މިކަމުގެ ސިއްރަކީ ލޮލަށް ނުފެނުނަސް، ކޮންމެ މުއުމިނަކަށްވެސް ލިބިފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. އެއީ "ދުޢާ" އެވެ. ދުޢާ އަކީ ހަމައެކަނި ކަމަކަށް އެދި ދެންނެވުމެއް ނޫނެވެ. އެއީ އުޑުތަކާއި ބިމުގެ ވެރި ރަސްކަލާނގެ ކުރިފުޅުމަތީގައި ތިމާގެ ހިތް ހުޅުވާލުމެވެ. އެއީ ތިމާގެ ނިކަމެތިކަން ޤަބޫލުކޮށް، ﷲގެ ރަޙުމަތުން ބާރުވެރިކަން ހޯދުމެވެ. ތިޔަބޭފުޅުން ދުޢާއަށް އަތްއުފުއްލަވާއިރު، އެ ކުރައްވާ ކަމަކީ ހަމައެކަނި ބޭނުންވާ ކަމަކަށް އެދުމެއް ނޫނެވެ. އެއީ ހުރިހާ ކަމެއްގެ ވެރިފަރާތަކީ ހަމައެކަނި ﷲ ކަމަށް އިޢުލާން ކުރުމެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވީ ދުޢާ އަކީ އަޅުކަމުގެ މަރުކަޒު ކަމަށެވެ. އެކަމާ މެދު ވިސްނަވާށެވެ. ދުޢާއާ ނުލައި އަޅުކަން ފުރިހަމައެއް ނުވެއެވެ. ތިޔަބޭފުޅުން ސިއްރިއްޔާތުގައި ކުރައްވާ ދުޢާތައް ބޭކާރެއް ނުވެއެވެ. މަލާއިކަތުން އެ ދުޢާތައް ލިޔުއްވައެވެ. އިޚްލާޞްތެރިކަމާއެކު ދަންނަވާ ދެންނެވުންތަކަށް އުޑުތަކުން އިޖާބަދެއެވެ. މަޑުމޮޅިކަމާއި އިތުބާރާއެކު ﷲ އަށް ގޮވާލާ މީހުންނަށް ރަޙުމަތުގެ ދޮރުތައް ހުޅުވިގެންދެއެވެ.
އިސްލާމްދީނުގައި ދުޢާއަށް ވަރަށް މަތީ ދަރަޖައެއް ދެވިފައިވަނީ އެއީ ހަމައެކަނި އެދުމަކަށް ނުވާތީއެވެ. އެއީ އަޅާގެ ބޭނުންތެރިކަމާއި، ﷲގެ ފުދުންތެރިކަމަށް އިޢުތިރާފުވުމެވެ. އެއީ މުއުމިނަކު ހަމައެކަނި ﷲ އަށް ބަރޯސާވާކަމުގެ ސާފު ހެއްކެކެވެ. ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް މި ޙަޤީޤަތް ހަނދާންކޮށްދެއްވައެވެ. ﷲ ވަޙީކުރެއްވިއެވެ: "ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ." މިއީ ހަމައެކަނި އަމުރެއް ނޫނެވެ. މިއީ ހިތްހަމަޖެހުމުން ފުރިގެންވާ ވަޢުދެކެވެ. ތިމާގެ ބޭނުން ކިތަންމެ ކުޑަނަމަވެސް ﷲ އެ އަޑުއައްސަވައެވެ. މައްސަލަ ކިތަންމެ ބޮޑުނަމަވެސް، ﷲ އެއަށްވުރެ ބޮޑެވެ.
ރަސޫލާ ﷺ ދަސްކޮށްދެއްވީ އަޅުކަމަކީ ހަމައެކަނި ނަމާދު، ރޯދަ ނުވަތަ ޒަކާތް ނޫން ކަމެވެ. ޙަޤީޤީ އަޅުކަމަކީ އުއްމީދާއި ބިރުވެތިކަމާއެކު، ލޯތްބާއި ތަވައްކަލާއެކު މުޅި ހިތް ﷲ އަށް ހުސްކުރުމެވެ. މުއުމިނެއްގެ ހަޔާތުގައި ދުޢާއަކީ އިޚްތިޔާރީ ކަމެއް ނޫންކަމާއި، އެއީ ލާޒިމު ކަމެއްކަން މިއިން އެނގެއެވެ. ނަބީބޭކަލުންގެ ސިޔަރަތަށް ބަލާއިރު، އެބޭކަލުންގެ ދިރިއުޅުމުގެ މަރުކަޒަކީ ދުޢާއެވެ. އާދަމުގެފާނު ތައުބާވެވަޑައިގެން ދުޢާކުރެއްވުމުން ﷲ އެކަލޭގެފާނަށް ފާފަ ފުއްސެވިއެވެ. ޔޫނުސުފާނު އަނދިރިކަމުގެ ފަށަލަތަކުގެ ތެރެއިން (ބޮޑުމަހުގެ ބަނޑާއި، ކަނޑުގެ އަޑީގެ އަނދިރިކަމުގެ ތެރެއިން) ﷲ އަށް ގޮވާލެއްވުމުން އެކަލޭގެފާނަށް އިޖާބަދެއްވިއެވެ. ޒަކަރިއްޔާގެފާނު މުސްކުޅިފުޅުވެ، ދަރިއަކު ލިބުމުގެ އުއްމީދު ކެނޑިފައިވަނިކޮށް ކުރެއްވި ދުޢާއަށް އިޖާބަދެއްވައި ޔަޙްޔާގެފާނު ދެއްވިއެވެ.
މިއީ ހަމައެކަނި އަޑުއަހާލަން އޮތް ވާހަކަތަކެއް ނޫނެވެ. މިއީ ނުވާނެ ކަމަށް ހީވާ ކަންކަންވެސް ދުޢާގެ ސަބަބުން ބަދަލުވާކަމުގެ ފިލާވަޅުތަކެވެ. ދުނިޔެ ބުނެފާނެއެވެ؛ ތިޔަކަމެއް ނުވާނެއެވެ. މާހިރުން ބުނެފާނެއެވެ؛ ތިޔައަކަށް ޙައްލެއް ނެތެވެ. މީހުން ބުނެފާނެއެވެ؛ މާ ލަސްވެއްޖެއެވެ. ނަމަވެސް މުއުމިނަކު އިޚްލާޞްތެރިކަމާއެކު އަތްއުފުލައިފިނަމަ އުޑުގެ ދޮރުތައް ހުޅުވޭނެއެވެ.
މިއީ އިސްލާމްދީނުގައި ދުޢާގެ ހުރި ބާރެވެ. އެއީ ނިކަމެތިކަމެއް ނޫނެވެ. އެއީ މުއުމިނެއްގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އެއީ އެންމެ ނިކަމެތި އަޅާ، އެންމެ ބާރުގަދަ ކަލާނގެއާ ގުޅުވައިދޭ ވަސީލަތެވެ. އެއީ ބިރުވެތިކަން ފިލުވައިދީ، ހިތަށް ހަމަޖެހުމާއި ޔަޤީންކަން ގެނެސްދޭ ކަމެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ދުޢާކުރުން ދޫކޮށްލާ މީހަކީ ދިރިއުޅުމުގެ އެންމެ ބޮޑު ނިޢުމަތުން މަޙްރޫމްވެފައިވާ މީހެކެވެ. ދުޢާ އަކީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކެއް ނޫނެވެ. އެއީ ހިތާއި ﷲ އާ ދެމެދު ކުރެވޭ ސިއްރު މުޢާމަލާތެކެވެ. ދުޢާކުރާއިރު ތިމާގެ ހިތުގެ އުދާސްތައް ބޭރުކޮށް، ތިމާގެ ދިރިއުޅުމުގެ މައްޗަށް ތިމާގެ އެއްވެސް ބާރެއް ނެތްކަން ޤަބޫލުކޮށް، ރައްކާތެރިކަމާއި މަގުދެއްކެވުންވަނީ ހަމައެކަނި ﷲގެ އަތްޕުޅުގައިކަން ކަށަވަރުކުރެވެއެވެ. އެހެންވެ، ދުޢާއަކީ ހިތްތައް މަޑުމޮޅިކޮށްދީ، ލޮލުން ކަރުނަ އަޅުވައި، ﷲގެ ކިބްރިޔާވަންތަކަމުގެ ކުރިމަތީގައި ނިކަމެތިކަން އިޙްސާސްކޮށްދޭ ކަމެކެވެ. އެއީ އިންސާނުންގެ ހިތްހަމަޖައްސައިދިނުމުން ފަރުވާ ނުލިބޭ ޒަޚަމްތަކަށް ފަރުވާދޭ ކަމެކެވެ. މީހުން ތިމާގެ ގާތުގައި ތިބެދާނެއެވެ. ނަމަވެސް ޙަޤީޤީ ހިތްހަމަޖެހުން ލިބެނީ އެކަނި އިނދެ، ޚާއްޞަކޮށް ރޭގަނޑުގެ ހިމޭންވަގުތު ﷲ އާ ވާހަކަދެއްކުމުންނެވެ.
- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން
- މިއަދުނޫސް