މިއަދުވެސް މިގެނެސްދެނީ ކޮންމެ ދުވަހަކުވެސް ކޮށްލެއްވުން މުހިންމު ދުޢާއެކެވެ. ދުޢާކުރުމަކީ އަޅާއާއި ﷲ ތަޢާލާ ގުޅުވައިލަދޭ ފާލަމެކެވެ. ދުޢާއިން ލިބިލައްވާނެ ފައިދާތައްވެސް ލިޔުމުގައި ވާނީ ބަޔާންކުރެވިފައެވެ. އިން ޝާ ﷲ
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ
"އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލް ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވަވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙްކޮށް ދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް ތައުބާ ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ."
(އަލްއަޙްޤާފް: 15)
އެހެނީ މިދުޢާގައި ވަރަށް ގިނަކަންތައްތަކެއް ވަނީ ހިމެނިގެންނެވެ.
1 " މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި،
2 " އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލް ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވަވާނދޭވެ!"
3 " އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙްކޮށް ދެއްވާނދޭވެ!
4 " ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް ތައުބާ ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ."
މިފަދައިން ދުޢާކުރަންޖެހެނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ނުހަނު ފަސޭހައިން ހެޔޮ ޢަމަލުތައް ކުރެވެން އޮވެމެ ނުކޮށް ދޫކޮށްލެވޭ ނޫންހެއްޔެވެ؟ އެއީ އެކަންކުރުމުގެ މުހިންމުކަމާއި ބޭނުން ބޮޑުކަން އޭނާއަށް ނުވިސްނޭތީއެވެ. ވީމާ އެކަންކަން އިލްހާމްކޮށްދެއްވެވުން އެދި ދުޢާކުރަންއެބަޖެހެއެވެ.
އެއަށްފަހު މިދަންނަވަނީ ތިމަންނާ މިހުރީ ތައުބާވެގެން ކަމަށެވެ. އެއަށްފަހު މިދަންނަވަނީ ތިމަންނާ މިހުރީ މުސްލިމުންގެ ތެރެއިން ކަމަށެވެ.
މިއާޔަތް ފަށްޓަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކުރައްވަވާފައިވާ ވަޞިއްޔަތްފުޅަކުންނެވެ.
"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ."
ލޮބުވެތި އަޚުންނާއި އުތުންނޭވެ! މިއަދު އެންމެންނަށްހެން ތެޅިފޮޅެންޖެހިފައި މިވަނީ ދަރިން އިޞްލާޙް ނުކުރެވިގެންނެވެ. އެކަމަށްވެސް މިދުޢާގައި ވެއެވެ. " އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙްކޮށް ދެއްވާނދޭވެ!"
އަހުރެންނަށް ވިސްނޭ ގޮތުން މިއީ ކުރަން ވަރަށް ފައިދާހުރި ދުޢާއެކެވެ. ދުޢާގައި ހިމެނޭ ކަންކަމަކީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ ކަންކަމެވެ.
- އިސްލާމީ ތިފަތުގެ ދަރުސަކުން