ޢާއިޝަތު ރަފާޙް ޢަލީ
ދުޢާއަކީ އަޅާއާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ އެންމެ ބާރުގަދަ ފާލަމުގެ ގޮތުގައި ޢިލްމްވެރިން ސިފަކުރައްވައެވެ. އަދި އެފާލަމުން ދަތުރުކުރެވޭނީ ފާލަން ވަރުގަަދކުރެވިގެންކަމަށް ވިދާޅުވެއެވެ. މިފަދަ ބަސްފުޅުތަކުގެ މާނައަކީ ޝަރުޠުތައް ހަމަކޮށްގެން ދުޢާކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވުމެވެ. އެހެންވެ މިގެނެސްދެނީ ދުޢާކުރުމުގައި ސަމާލުކަންދޭންވީ ކަންކަން އެނގިގެންދާ ޙަދީޘްފުޅެކެވެ.
عَنْ فَضَالَةَ بْنِ عُبَيْدٍ رضي الله عنه قَالَ : بَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَاعِدٌ إِذْ دَخَلَ رَجُلٌ فَصَلَّى فَقَالَ : اللَّهُمَّ اغْفِرْ لِي وَارْحَمْنِي ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( عَجِلْتَ أَيُّهَا الْمُصَلِّي ، إِذَا صَلَّيْتَ فَقَعَدْتَ فَاحْمَدْ اللَّهَ بِمَا هُوَ أَهْلُهُ ، وَصَلِّ عَلَيَّ ، ثُمَّ ادْعُهُ ) وفي رواية له : ( إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ ثُمَّ لْيُصَلِّ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ لْيَدْعُ بَعْدُ بِمَا شَاءَ ) . قَالَ : ثُمَّ صَلَّى رَجُلٌ آخَرُ بَعْدَ ذَلِكَ فَحَمِدَ اللَّهَ وَصَلَّى عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( أَيُّهَا الْمُصَلِّي ، ادْعُ تُجَبْ).
މާނައަކީ މާތް ﷲ ރުއްސުން ލެއްވި ފަޟާލަތު ބިން ޢުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މިސްކިތުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް މީހަކު ވަދެ ދުޢާ ކުރަން ފަށައިފިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ، މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތްލައްވާފާންދޭވެ"، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އޭ ދުޢާ ކުރާމީހާއެވެ. އަވަސް އަރައި ނުގަންނާށެވެ. ދުޢާ ކުރަންވީމާ އިށީނދެ، ﷲ އަށް ޙައްގުވާ ގޮތުގައި ޙަމްދުކޮށް، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހުގައި ދުޢާކުރާށެވެ".
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ތިޔަބައިމީހުން ދުޢާ ކުރަން ބޭނުންވެއްޖެނަމަ ﷲ އަށް ޙަމްދު ޘަނާ ކިޔުމުން ފަށާށެވެ. އެއަށްފަހު ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔަވާށެވެ. އެއަށްފަހު އެމީހަކު ބޭނުން ދުޢާ އެއް ކުރާށެވެ". އެހެންމީހަކު މިސްކިތަށް އަރާ ﷲ އަށް ޙަމްދުކޮށް ރަސޫލާ ޞައްލަﷲ ޢލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވި ހިނދު ޙަދީޘް ކުރެއްވިއެވެ. "އޭ ދުޢާ ކުރާމީހާ އެވެ. މިހާރު ދުޢާ ކުރާށެވެ. އިޖާބަ ކުރައްވާނެއެވެ".