ޢާއިޝަތު ރަފާޙް ޢަލީ
ދިރިއުޅުމުގެ ދަތުރުގައި ތަފާތު އިމްތިޙާނުތަކާ ކުރިމަތިލާންޖެހުމަކީ އިންސާނީ ތަބީޢަތެވެ. ޚާއްޞަކޮށް، އެކި މީހުންގެ ފަރާތުން ތަކުރާރުކޮށް ލިބޭ ހިތްދަތިކަމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި، ހިތް ސާފުކޮށް ބެހެއްޓުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މިފަދަ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަކީ ދަތި ކަމަކަށް ވީނަމަވެސް، ދުނިޔެއަކީ ވަގުތީ އިމްތިޙާނުގެ ގޮވަތިކަން ދަނެ، ނަފްސުގެ ސާފުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން މުހިންމެވެ.
ހިތުގެ ތާހިރުކަން ދެމެހެއްޓުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ދުޢާގެ އެހީތެރިކަން ހޯދުން:ޚާއްޞަކޮށް އާއިލީ ގުޅުންތަކ ފަދަ، ގުޅުން ކަނޑާލެވެން ނެތް ފަރާތްތަކުގެ ފަރާތުން ހިތްދަތިކަން ކުރިމަތިވާ ހިނދު، ސޫރަތުލް ޙަޝްރުގެ 10 ވަނަ އާޔަތުގައިވާ މި މަތިވެރި ދުޢާ ގިނަގިނައިން ކިޔަވާށެވެ:
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
ޙަޝްރު ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾
މާނަ: އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. (10)"
މި ދުޢާއަކީ ހިތުގައި އުފެދޭ ނޭދެވޭ ޝުޢޫރުތަކާއި ކުށްހީތަކުން ނަފްސު ތާހިރުކޮށްދޭނެ ވަޞީލަތެކެވެ. މީގެ އަސްލު މަޤްޞަދަކީ މާތް ﷲ ގެ ހަޟްރަތަށް ސަލާމަތްތެރި ސާފު ހިތަކާއިގެން ދިއުމަށް މަގުފަހިކުރުމެވެ.
- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން