ނުތަނަވަސްކަމާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ކީރިތި ރަސޫލާ ﷺ އުނގަންނައިދެއްވި ބާރުގަދަ ދުޢާއެއް: އާސިމް އަލް ޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
ނުތަނަވަސްކަމާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ކީރިތި ރަސޫލާ ﷺ އުނގަންނައިދެއްވި ބާރުގަދަ ދުޢާއެއް: އާސިމް އަލް ޙަކީމް

ޝައިޚް: އަޅުގަނޑު އޮޅުންފިލުވަން ބޭނުންވަނީ، ކިޔެވުމާއި ކޮލެޖަށް ވަނުން ފަދަ ކަންކަމުގައި ދިމާވާ ނުތަނަވަސްކަމާއި (ސްޓްރެސްއާ) މުސްލިމެއްގެ ހައިސިއްޔަތުން ކުރިމަތިލާނީ ކިހިނެއްތޯ؟  

ޝައިޚްގެ ޖަވާބު: "އެއްވެސް ހިތާމަޔަކީ އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ އިންސާނީ ތަބީޢަތުގައި ހުންނަ ކަންކަމެވެ. އެހެންކަމުން ކީރިތި ރަސޫލާ ﷺ ގިނަގިނައިން މި ދުޢާ ކުރައްވައެވެ. 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ 

މާނައަކީ: 'އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި،ހިތާމައިންނާއި، ނުކުޅެދުންތެރިކަމާއި، ކަންނެތްކަމާއި، ދަހިވެތިކަމާއި، ފިނޑިކަމާއި، ދަރަނިވެރިވުމާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުން އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ.'

އިންސާނުން އާންމުކޮށް ތިބެނީ ދެކަމެއްގެ މެދުގައި ތާށިވެފައެވެ. އެއީ މާޒީގައި ހިނގާފައިވާ ކަންކަމުގެ ނަތީޖާއާ މެދު ހިތާމަކުރުމާއި، މުސްތަޤުބަލުގައި ވާނެ ގޮތަކާ މެދު ހާސްވުމެވެ. މާޒީގައި ކުރެވުނު ކަންކަމާއި އޭގެ އަސަރުތަކާ މެދު އަޅުގަނޑު ކަންބޮޑުވެއެވެ. ހަމައެފަދައިން، ކުލި ދެއްކުމާއި، ދަރިން ބޮޑުކުރުމާއި، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތަކާ މެދު ވެސް ކަންބޮޑުވެއެވެ.

ޤުރުއާނާއި ސުންނަތަށް ތަބާނުވާ ނަމަ، މިފަދަ ކަންކަމުގެ ސަބަބުން ނުތަނަވަސްކަމާއި (ސްޓްރެސް)، ހާސްކަމާއި (އެންޒައިޓީ) އަދި ބިރުގަތުން (ޕެނިކް އެޓޭކް) ކުރިމަތިވުމަކީ ޔަޤީން ކަމެކެވެ. ޤުރުއާނާއި ސުންނަތަށް ތަބާވުމަކީ އީމާންކަމުގެ ހަ ރުކުނަށް އީމާންވުމެވެ. އޭގެ ތެރެއިން ހަވަނަ ރުކުނަކީ ހެޔޮ މިންވަރާއި ނުބައި މިންވަރަށް (ޤަޟާޤަދަރަށް) އީމާންވުމެވެ. 

މުސްލިމެއްގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލުކުރަނީ، މިހާރު ހިނގަމުންދާ ކަންކަމާއި ޤިޔާމަތާ ހަމައަށް ވާނެހާ ކަމެއް މާތްﷲ މިންވަރު ކުރައްވާފައިވާ ކަމަށެވެ. މުޅި ކައުނު އުފެއްދެވުމުގެ 50،000 އަހަރު ކުރިން މާތްﷲ ވަނީ މި ހުރިހާ ކަމެއް 'ލައުޙުލް މަޙްފޫޛް' ގައި ލިޔުއްވާފައެވެ. އެއީ ވާނެހައި ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. އަޅުގަނޑު އުފަންވި ދުވަހާއި، މަރުވާނެ ދުވަހާއި ތަނާއި، އަދި ލިބޭނެ ރިޒުޤާއި މިއަދާއި މާދަމާ ވާނެ ހުރިހާ ކަމެއް ވަނީ ނިމިފައެވެ. ގަލަމެއް ނެގުމާއި، އެ ގަލަން ބޭއްވުން ފަދަ ކުދިކުދި ކަންކަން ވެސް ވަނީ ލިޔެވިފައެވެ. 

މިކަން މިގޮތަށް ގަބޫލުކުރުމުން ހިތަށް ހަމަޖެހުން ލިބެއެވެ. މިސާލަކަށް، ތިރީގައި ބާއްވާފައި އޮތް ތިބާގެ ކާރުގައި މީހަކު ޖެހި އެކްސިޑެންޓެއް ވެއްޖެ ކަމުގެ ޚަބަރު ލިބުމުން 'إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ' ކިޔައި، އެކަމާ ކެތްތެރިވެ ހަމަޖެހެވޭނެއެވެ. މީހުން ސުވާލުކޮށްފާނެއެވެ. 'ތިބާ ހަޅޭއްނުލަވަނީ ހެއްޔެވެ؟ ކާރު ހަލާކުކޮށްލި މީހާގެ ގައިގައި ނުޖަހަނީ ހެއްޔެވެ؟' ޖަވާބަކީ 'ނޫނެކެވެ.' ދެރަވެފައި ރުޅިއައީ ނަމަވެސް، އަޅުގަނޑު ކަންކަން ކިރައިވަޒަން ކުރަނީ ޤުރުއާނާއި ސުންނަތުގެ އަލީގައެވެ. މިއީ މާތްﷲ މިންވަރު ކުރައްވާފައިވާ ކަމެކެވެ. 

ޔުނިވަރސިޓީ ފީއާ މެދު ނުވަތަ ވަޒީފާއާއި ކައިވެންޏާއި ދަރިންނާ މެދު ކަންބޮޑުވެގެން މަސްދުވަސް ވަންދެން ނުނިދައި ހުރެއްޖެ ނަމަ، އޭގެ ގެއްލުން ލިބޭނީ ހަމައެކަނި އަޅުގަނޑަށެވެ. އެހެން މީހުން ރޭގަނޑު 10 ޖަހާއިރު އަރާމުގައި ނިދާއިރު، އަޅުގަނޑު މި އުޅެނީ އަމިއްލަ ބާރު ފޯރުވޭނެ ކަމެއް ނެތް ކަމަކާ މެދު ހާސްވެގެންނެވެ. 

އަޅުގަނޑު ކުރަންޖެހޭ ކަމަކީ މަސައްކަތް ކުރުމެވެ. ގަދައަޅާ ކިޔަވައި، ރަނގަޅު ވަޒީފާއަކަށް އެދި ފޯމު ހުށަހަޅައި، ފައިދާހުރި ކޯސްތައް ހަދައި، އެންމެ ފުރިހަމައަށް ތައްޔާރުވުމެވެ. ނަމަވެސް އެންމެ ފަހުން ހިތް އޮންނަންޖެހޭނީ ހަމަޖެހިފައެވެ. އަބަދު ކަންބޮޑުވެ، ނިދިން މަޙްރޫމްވެފައި ހުންނާކަށް ނުޖެހެއެވެ. މިއީ ޙަޤީޤީ މުއުމިނަކާއި އެނޫން މީހުންގެ މެދުގައި ހުންނަ ތަފާތެވެ."

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

                   

މިއަދު އޮންލައިން