ހެޔޮލަފާ މައިންގެ އެންމެ ޚާއްޞަ އެއްކަމަކީ އެމީހުންނާއިމެދު ދަރިން ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ދަރިން ދެކެ ލޯބިވާކަމެވެ. އެމީހުންގެ ހިތުގައި އަޅަމުންދާ ވޭން ދަރިންނަށް ނުދައްކައި ދަރިންނަށް ހިނިތުންވެލާ ކަމެވެ. ދަރިންނަށްޓަކައި ހެޔޮދުޢާކުރުންމަތީގައި ދެމިތިބޭ ކަމެވެ.
މިކަންކަމަކީ ހިތުގެ އެންމެ ފުންމިނުން ލޯބިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ އެކަމުން އަންގައިދެނީ މައިން ދަރިން ދެކެ ލޯބިވާ މިންވަރެވެ. މައިން ދަރިން ދެކެ އެހާބޮޑަށް ލޯބިވާއިރު މައިންގެ ހިތުގައި ނުޖައްސުވާށެވެ. މައިންނަށް އަޅައިލާށެވެ! ހެޔޮކޮށް ހިތާށެވެ! ލޯބިދޭށެވެ. ވަޤުތުދޭށެވެ.
މައިންނަށްޓަކައި ހެޔޮދުޢާކުރުން ހުއްޓައިނުލާށެވެ.
"ޔާ ﷲ! މިއަޅާގެ މަންމައަށް ފާފަ ފުއްސަވައިދެއްވަވާނދޭވެ! ދުނިޔޭގައި އިންހައި ދުވަހަކު ފުރިހަމަ ޞިއްޙަތެއް ދެއްވަވާނދޭވެ! ރަނގަޅު ނިމުމެއް ދެއްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ އިނބަ ﷲ ގެ ޙަޟްރަތަށް ނުގެންދަވާނދޭވެ! ސުވަރުގޭގެ އެންމެ މަތީ ދަރަޖަ، ޖަންނަތުލްފިރުދައުސްގައި މިއަޅާގެ މަންމަ ލައްވަވާނދޭވެ! އާމީން"
- މުފްތީ މެންކުގެ ދަރުސަކުން