ރިޒުޤް ތަނަވަސްވުން އެދިގެން ދުޢާކުރުމުގެ ކުރިއަށް ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ރިޒުޤް ތަނަވަސްވުން އެދިގެން ދުޢާކުރުމުގެ ކުރިއަށް ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ސަބަބެއް! އިން ޝާ ﷲ

ކޮންމެ ކަމަކަށް ދަތިވި ނަމަވެސް މުސްލިމުން ކުރަން އޮތް ފުރަތަމަ ކަމަކީ ދުޢާކުރުންކަން އެނގިހުރެވެސް ބުނަމެވެ. ރިޒުޤަށް ދަތިވާނަމަ ފުރަތަމަ ކަމަކަށް ރަޙިމުގެ ގުޅުން ޤާއިމުކުރާށެވެ. އެގުޅުން ދަމަހައްޓާށެވެ! އެމީހުންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ޙައްޤުތައް އަދާކުރާށެވެ.  

މިހެން މިބުނަނީ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރަންވާނީ ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށްފަހުގައި ކަމަސްވާތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅަކަށްވުމަށް މަސައްކަތްކުރުމާއިއެކުގައެވެ. ތައުބާވެ އަސްތަޣްފާރުކޮށް ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ރަޙިމުގެ ގުޅުން ޤާއިމުކުރުމުގެ މުހިންމުކަމާ އެކަމަށް ކުރެވިދާނެ ބައެއް ކަންކަން:  

ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ﷲ ތަޢާލާއާ ނުހަނު ކުއްތަންކުރުވާ ޢަމަލެކެވެ. އަދި އެއީ އެއިލާހަށް ކިޔަމަންގަތުމުގެ ގޮތުން ކުރެވޭ އިތުރުކަން ބޮޑު ޢަމަލެކެވެ. ﷲ ތަޢާލާގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން އެއިލާހުވަނީ، ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ވަޤުތުގައި ބަރަކާތްލެއްވޭ އަދި ރިޒްޤު ތަނަވަސްކޮށްދޭ ކަމެއްގެ ގޮތުގައި ލައްވާފައެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. 

«مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» [رواه البخاري (5986)]

މާނައީ: "ރިޒްޤު ތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލު ފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހަކު ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ." 

މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ރަޙިމުގެ ގުޅުން ޤާއިމުކޮށް އަދި އެ ދަމަހައްޓާ ބަޔަކަށް ވުމެވެ. އެގޮތުން ކުރެވިދާނެ އެންމެ ރަނގަޅު އެއްކަމަކީ ކޮންމެ ހަފްތާއެއްގެވެސް ވަކި ދުވަހެއްގައި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް އެބައިމީހުންނާ ވާހަކަދައްކާލުމެވެ. އޭގެ ސަބަބަން ހިތްތައް ސާފުވެއެވެ.  

އަދި އެބައިމީހުންނަށް ޒިޔާރަތްކުރުމަކީ ޢިލްމު ޙާޞިލުކުރުމާއި މީސްތަކުންނަށް ދަޢުވަތު ދިނުމާ އަދި މީސްތަކުންނަށް ފައިދާ ކޮށްދިނުމަށް ހުރަސްއަޅާނެ ކަމެއް ނޫނެވެ. ފަހެ އެބައިމީހުންނަށް ޒިޔާރަތްކުރުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭކަމެކެވެ. އެމީހެއްގެ ޙަޔާތުގައި ބަރަކާތް އިތުރުވުމަށް އެދޭމީހާ ފަހެ ރަޙިމުގެ ގުޅުން ޤާއިމުކުރުން އިތުރުކުރާށެވެ. 

[خطوات إلى السعادة لد. عبدالمحسن القاسم (ص:  53)] 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން