ދުޢާކުރަން ހަނދާންކުރަންވީ ކަމެއް ބޮޑުވުމަކުން އެކަންނެއް ނޫނެވެ. އަބަދުވެސް ތިބެންވީ ދުޢާކުރުންމަތީގައެވެ. ގިނަގިނައިން ދުޢާކުރުމަކީ ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބުމަށް އޮތް މަގެކެވެ.
މިއަދުވެސް ހަނދުމަކޮށްލައިދޭން ބޭނުންވަނީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތަކުގައި ދުޢާކުރާއިރުވެސް ފުރަތަމަ ކަމަކަށް ތިމާއާއި މައިންބަފައިންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާށެވެ. އެއަށްފަހު އެމީހަކަށް ބޭނުންބޮޑުވެފައިވާ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރާށެވެ.
މިއަދަކީވެސް ހުކުރު ދުވަހެކެވެ. ހުކުރުދުވަހުގެ އެވަޤުތެއްގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަކުރައްވަވާނެ ވަގުތުކޮޅެއް ވެއެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެވަގުތުކޮޅު ހިމެނިގެންވަނީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދުން ފެށިގެން އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ. އަދި ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެވަޤުތުކޮޅުވަނީ ހުކުރު ދުވަހުގެ އެންމެ ފަހު ސާޢަތުގައެވެ. އެއީ ސިއްރުކުރައްވަވާފައިވާ ވަޤުތުކޮޅަކަށްވާތީ ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ރަމަޟާންމަހު ޤަޟާކުރަންޖެހިފައިވާ ރޯދަތައް ގިނަ ބައަކު އަންނަނީ ހިފަމުންނެވެ. ގިނަ ބައަކު ހަފްތާ ބަންދުގައި ރޯދަހިފައެވެ. އެހެންކަމުން އެމީހުންނަށް ބުނެލަން އޮތީ ޤަޟާރޯދައެއް ހިފިނަމަވެސް ރޯދަވީއްލާ ވަޤުތުގައި ދުޢާކުރަން ސަމާލުކަންދޭށެވެ. އެއީވެސް ދުޢާޢިޖާބަކުރައްވަވާ ވަޤުތެކެވެ.
ހަފްތާ ބަންދުގައި ރޯދަހިފަންބޭނުންވާ މީހުންނަށް ބުނެލަން އޮތީ ހަމައެކަނި ހުކުރު ދުވަހު ރޯދަނުހިފާށެވެ. ބުރާސްފަތިދުވަސް ނުހަތަ ހޮނިހިރުދުވަހާއި ގުޅުވައިގެން ހިފާށެވެ. އެންމެ ރަނގަޅީ ބުރާސްފަތިދުވަހާއި ގުޅުވައިގެން ހިފުމެވެ. އެއީ ބުރާސްފަތިދުވަހަކީ ރޯދަހިފުން ސުންނަތް ދުވަހަކަށްވުމުން ޤަޟާރޯދައެއް ހިފިނަމަވެސް ދެރޯދައިގެ ޘަވާބަށް އެދި ނިޔަތްގަނެގެން ހިފުމުން އެކަމަށް ޘަވާބުދެއްވަވާނެތީއެވެ.
ވީމާ މިއަދުވެސް އަދި ރޯދައަށް ހުންނަ ދުވަސްތަކުގައި ދުޢާކުރަން ލިބޭ ފުރުޞަތު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހުންގެ ޙައްޤެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން