ޔާ ﷲ! ކޮންމެ މީހަކީވެސް ހެޔޮލަފާ، ތިމާއަށް ހެޔޮ، ތިމާދެކެ ލޯބިވާ، ވަފާތެރި ބައިވެރިއަކަށް ބޭނުންވާނެ މީހެކެވެ. އިނބަ ﷲ އަޅަމެން އުފައްދަވާފައިވަނީވެސް އެގޮތުގައެވެ. އެކަން އިނބަ ﷲ މޮޅަށް ދެނެވޮޑިގެންވަމުއެވެ.
ޔާ ﷲ! މިއަޅާގެ ޢާއިލާގެ މީހުންނާއި އެކުވެރިންނާއި އަދި އެންމެންގެ ތެރެއިންވެސް ކައިވެނިކުރަން ބޭނުންވެ ކައިވެނި ނުކުރެވިތިބި އެންމެންނަށް ހެޔޮލަފާ ބައިވެރިއަކު ދެއްވަވާނދޭވެ! އަދި އެބައިވެރިއަކީ ދެމަފިރިން އެކުގައި ސުވަރުގެ ދިއުމަށް މަސައްކަތްކުރާނެ މީހަކު ކަމުގައި ލައްވަވާނދޭވެ!
ޔާ ﷲ! އެބައިވެރިއަކީ ކޮންމެ ޙާލެއްގައިވެސް ދެމަފިރިކަމުގެ ގުޅުން ދަމަހައްޓައި ވަފާތެރިވާނެ މީހަކު ކަމުގައި ލައްވަވާނދޭވެ! ލިބޭ ދަރިންދެކެ ލޯބިވެ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރާނެ މީހަކު ކަމުގައި ލައްވަވާނދޭވެ!
ޔާ ﷲ! އެބައިވެރިއަކީ ނުބައި މީހުންގެ ވަސްވާސްތަކާ ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލި ބައިވެރިޔާއަށް ހެޔޮ އަދި އަޅައިލާނެ މީހަކު ކަމުގައި ލައްވަވާނދޭވެ! ބޭރުފުށުގެ ސިފައަށް އަންނަ ބަދަލުތަކަށް ރުހި އަބަދުވެސް ލޯބި ދަމަހައްޓާނެ މީހަކު ކަމުގައި ލައްވަވާނދޭވެ!
އެއްކަމެއް ފާހަގަކޮށްލާނަމެވެ. ބައިވެރިއަކު ނުލިބި ތިބި މީހުންވެސް މިދުޢާކުރާށެވެ. އަދި ދުޢާގައި "މިއަޅާއަށްވެސް" އިތުރުކޮށްލާށެވެ. އެހެން މީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީ އެދުޢާ އެމީހަކަށްވެސް ހިންމަވައި ދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރައްވަވާނެ ކަމެކެވެ. ވީމާ މިފަދަ ދުޢާތައް ކުރުމަކީ އެމީހަކަށްވެސް ރަނގަޅު، ހެޔޮލަފާ ބައިވެރިއަކު ދެއްވަވާނެ ސަބަބެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން