ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާނެ ބައެއްކަންކަން- އެއިގެ ތެރޭގަ ކުރުކުރު ޛިކުރެއް ކިޔައިލުންވެސް އެބަހިމެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 17ސ
ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާނެ ބައެއްކަންކަން- އެއިގެ ތެރޭގަ ކުރުކުރު ޛިކުރެއް ކިޔައިލުންވެސް އެބަހިމެނޭ!

ތިރީގައިވާ ލިޔުން ވިދާޅޫވެލައްވާށެވެ! ކުރުކުރު ޛިކުރެއްކޮށްލުމުން ސުވަރުގެއިން ގަނޑުވަރެއް ލިބެން އެބައޮތްކަމާއި ޛިކުރު ކިޔުމުން އެމީހަކަށް ﷲ ތަޢާލާ ހާސް ހާސް ހެޔޮކަން ލިޔުއްވަވާކަމާއި އަދި ހާސް ހާސް ފާފަ އަފޫކޮށްދެއްވަވާކަން އެނގިލައްވާނެއެވެ!  

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުނިޔޭގެ ދިރިއުޅުން ބާއްޖަވެރިކުރުމުގައި އަވަދިނެތި އުޅެ، އާޚިރަތް ހަނދާން ނައްތާ ނުލާށެވެ. އާޚިރަތްވެސް ބާއްޖަވެރިކުރުމުގައި ވަގުތު ހޭދަކުރާށެވެ. މިދުނިޔޭގައި ތިބާ އުޅޭނެ ގެ، އެތައް ދުވަހެއް ކުރިން ފަރުމާކޮށް އެ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި ތިބާ އެބަ ވަރަށް ދާ އޮހޮރުވަމުނޫންތޯއެވެ؟ އެތައް ޚިޔާލުތަކެއް ކޮށް އެތައް ބަޔަކާ މަޝްވަރާކުރަމުނޫންތޯއެވެ؟  

އެހެނެއްކަމަކު ތިބާ ހަނދާންކުރާށެވެ. މިތަނުގައި ތިބެން އޮތީ މަދު ދުވަސްކޮޅެކެވެ. ތި ފަރުމާކުރި ގެ ބިނާކޮށް ނުނިމެނީސް ތިބާ ގެ މަރު ބައްދަލުކޮށްފާނެތެވެ. އެހެންކަމުން ތިބާ އަބަދަށް އުޅުމަށްޓަކައި ސުވަރުގޭގައި ގެއެއް ބިނާކުރުން މާ ބުއްދިވެރި ނޫންތޯއެވެ؟ އެތަނަށް ވަދެއްޖެ މީހަކު މަރުވުމެއް ނުވެއެވެ. ދާއިމަށް ދެމިގެންދާ ގޮތުގައެވެ. 

އެ ސުވަރުގެ ބިނާކުރެވިފައިވަނީ ހަމަ އެންމެ ފުރިހަމައަށެވެ. އެންމެ މޮޅު ތަކެތިންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެސުވަރުގެ ސިފަކޮށްދެއްވަމުން ވަޙީކުރައްވަނީ މިފަދައިންނެވެ.

 فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة: 17) "ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތައް) އެއްވެސް ނަފްސަކަށް ނޭނގޭނެއެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ." 

އެސުވަރުގެ ބިނާކުރެވިފައިވަނީ ރަނުންނެވެ. ރިހިން ވާ ގަލުގައެވެ. އަދި އެންމެ މީރުވަސް ދޭ މިސްކެވެ. އަދި ލުއްލުއާއި ޔާޤޫތުންވާ ކުދި ހިލައެވެ. ޒަޢުފަރާނިން ވާ ވެއްޔެވެ. އަދި 100 އަހަރުންވެސް ކަޑައްތު ނުކުރެވޭނެހައި ދިގު މުއްދަތަކަށް ދެމިގެންދާނޭފަދަ ދުރު ރާސްތާއަކަށް ހިޔާ އެޅިގެންވާ ގަސްތަކެވެ. 

އެ ސުވަރުގޭގައި 100 ދަރަޖަވެއެވެ. މިއިން ކޮންމެ ދަރަޖައެއް ދޭތެރޭ އުޑާއި ބިމާ ދެމެދުގެ ރާސްތާވެއެވެ. އަދި އެންމެ މަތީގައިވަނީ ފިރުދައުސެވެ. އެންމެހައި ކޯރުތަކެއް ދެމިގެން އަންނަނީ އެތަނުންނެވެ. ސާފުފެނުގެ ކޯރުތަކެވެ. އަދި ކިރުގެ ކޯރުތަކެވެ. އަދި ބޯމީހުންނަށް ލައްޒަތު ލިބޭނެފަދައިންވާ ރަލުގެ ކޯރުތަކެވެ. އަދި މާމުއިގެ ކޯރުތަކެވެ. 

އެތަނުގެ އަހުލުވެރިންވަނީ ސާދަވިލޭރޭގެ ހަނދުފަދައިންނެވެ. ކެއުމެއްގެ ގޮތުގައި މޭވާއެވެ. އަދި ދޫނީގެ މަހެވެ. ބުއިމެއްގެ ގޮތުގައި ކާފޫރާއި ޒަންޖަބީލު އެއްކުރެވިފައިވާ ރަލެވެ. އޭގެން ބޮލުގަ ރިހުމެއް، ބުއްދި ފިލާދިއުމެއް ނުވެއެވެ. އަދި ހާއްޖަތަކަށް ދިއުމެއްވެސް އެތަނުގައި ނުވެތެވެ. ކައި ނިމުމުން ގައިން ބޭރުވެގެންދާނީ ދަލެކެވެ. އޭގައިވަނީ މިސްކުފަދަ މީރު ވަހެކެވެ.

ރަނާއި ރިހިންވާ ތަށިތަކެވެ. އަދި ފަށުއިންވާ ލިބާހެވެ. ރަނާއި ލުއްލުއިން ޒީނަތްތެރިކުރެވިފައިވާ ގަހަނާތަކެވެ. އިސްތަބްރަޤުންވާ ދާންތަކުގައެވެ. އަދި ހޫރުލް ޢީނުންގެ ތެރެއިންވާ ދެ އަނބިން ކޮންމެ މީހަކަށްމެ ވެއެވެ. އެކަނބަލުންގެ ކަށީގެ މަދުވެސް ފެންނަގޮތުގައެވެ. އެއިން ކަނބަލަކު ދުނިޔެއަށް ފާޅުވެއްޖެނަމަ މުޅި ދުނިޔެ އަލިވެދާނެތެވެ. އަދި އުޑާއި ބިމާއި ދެމެދަށް މީރުވަސް ފެތުރިގެން ހިނގައިދާނެތެވެ. 

ﷲ ސުބްޙާނަހޫ ވަތަޢާލާގެ މޫނުފުޅު އެތަނުގެ އަހުލިވެރިން ދެކޭނެއެވެ. އެއީ އެބައިމީހުންނަށް ލިބިގެންދާނޭ އެންމެ ބޮޑު ނިޢުމަތެވެ. ކާއިނާތުގެ ވެރިއިލާހުގެ މޫނު ހަމަލޮލަށް ފެނުމެވެ. އެހެންކަމުން މިސުވަރުގެ މަތިން ހަނދާނައްތާލައި، ހަމައެކަނި ދުނިޔޭގެޙަޔާތް އާރާސްތުކުރުމުގައި މިއަގުހުރި ވަގުތުތައް ހޭދަކޮށްގެން އަހަރުމެންނަށް މި ސުވަރުގޭގައިވާ ފުރިހަމަކަން ނުލިބޭނެއެވެ. އެހެންކަމުން މިތަން ހާޞިލްކުރުމުގައި ގަދައަޅައި މަސައްކަތް ކުރަމާ ހިނގާށެވެ. އެސުވަރުގޭގައިވެސް ގެއެއް ބިނާކުރަމާ ހިނގާށެވެ. 

ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ މިދައިންނެވެ. “ 

مَنْ بَنَى مَسْجِدًا لِلَّهِ تَعَالَى – قَالَ بُكَيْرٌ حَسِبْتُ أَنَّهُ قَالَ – يَبْتَغِى بِهِ وَجْهَ اللَّهِ – بَنَى اللَّهُ لَهُ بَيْتًا فِى الْجَنَّةِ” (رواه مسلم)  

މާނައީ:”ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު އަދައި، މިސްކިތެއް ބިނާކޮށްފި މީހަކަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނެތެވެ." 

މިއީ ބޮޑު މަސައްކަތަކައް ވެދާނެއެވެ. އެހެންކަމުން މިއަށްވުރެން ކުޑަ ކަމެއް މިކަމަށް އޮތްތޯ ބަލާލަމާ ހެއްޔެވެ! 

ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  

"مَا مِنْ عَبْدٍ مُسْلِمٍ يُصَلِّى لِلَّهِ كُلَّ يَوْمٍ ثِنْتَىْ عَشْرَةَ رَكْعَةً تَطَوُّعًا غَيْرَ فَرِيضَةٍ إِلاَّ بَنَى اللَّهُ لَهُ بَيْتًا فِى الْجَنَّةِ أَوْ إِلاَّ بُنِىَ لَهُ بَيْتٌ فِى الْجَنَّةِ” (رواه مسلم)    

މާނައީ:”މުސްލިމް އަޅުތަކުންކުރެ އަޅަކު ކޮންމެ ދުވަހަކު ފަރުޟުނަމާދުގެ އިތުރުން 12 ރަކްޢަތް ސުންނަތެއްގެ ގޮތުގައި ކޮށްފިނަމަ، ﷲ އެމީހަކަށް ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނެތެވެ." 

ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  

"مَنْ قَالَ فِيْ السُّوْقِ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِيْ وَيُمِيْتُ وَهُوَ حَيٌّ لَا يَمُوْتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ كَتَبَ اللَّهُ لَهُ أَلْفَ أَلْفَ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفَ سَيِّئَةٍ وَبَنَى لَهُ بَيْتًا فِيْ الْجَنَّةِ” (رواه الترمزي وحسنه الألباني) މާނައީ:”ބާޒާރުގައި، ‘ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِيْ وَيُمِيْتُ وَهُوَ حَيٌّ لَا يَمُوْتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ ‘ މިފަދައިން ކިޔައިފި މީހަކަށް ﷲ ހާސް ހާސް ހެޔޮކަން ލިޔުއްވަތެވެ. އަދި ހާސް ހާސް ފާފަ އަފޫކޮށްދެއްވަތެވެ. އަދި ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްތެވެ." 

ކިޔާލަންޖެހެނީ މިފަދައިންނެވެ.:  

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِيْ وَيُمِيْتُ وَهُوَ حَيٌّ لَا يَمُوْتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ  

ވީމާ، އާޙިރަތުގެ ގޮވެތި ވެސް މިއަދު އަހަރުމެން ބިނާކުރަން އެބަޖެހެއެވެ. އެތަން ތަރައްޤީ މިއަދު އަހަރުމެންނަށް ކުރެވިދާނެއެވެ. އެތަނުގައި ގަނޑުވަރެއް ނުތަވަ ގެއެއް އަހަރުމެންނަށް ބަޔާންވެ ދިޔަ ކަންތައްތަކުގެ އެހީގައި ބިނާކުރެވިދާނެއެވެ.

 

- އައްޝައިޚް އިބްރާހީމް ޔާމީންގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން