ދުނިޔެއަށް އުފަންވުމަށްފަހު ކޮންމެ މީހަކަށްވެސް 3 ހަޔާތެއް ވެއެވެ. އަދި ޙަޔާތުގެ 3 މަރުޙަލާކަމަށްވެސް ބުނެވެއެވެ. އެއީ ދުނިޔޭގައި ހޭދަކުރާ މަރުޙަލާއާއި ކައްވަޅުގައި ހޭދަކުރަންޖެހޭ މަރުޙަލާ އާއި ޤިޔާމަތްވުމުން ކައްވަޅުންތެދުވެ ހޭދަކުރަންޖެހޭ މަރުޙަލާއެވެ.
ދުނިޔެއާއި އާޚިރަތުގައި އަދި ކައްވަޅުގައިވެސް އަލިކަމަށް އެދިގެންނާއި އަދި ފާފަތައް ފުއްސަވައިދެއްވެވުން އެދި މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!
ދުނިޔޭގައި އަލިކަމަށް އެދުމަކީ ދުނިޔޭގެ ޙަޔާތް ބާއްޖަވެރިކޮށްދެއްވެވުމަށް އެދުމެވެ. އަހަރެމެންނަށް އަލިކަން ބޭނުންވަނީ ހަމައެކަނި މިދުނިޔެއަކު ނޫނެވެ. ކައްވަޅުގައިވެސް އަލިކަން ބޭނުންވެއެވެ. އަދި އާޚިރަތް ދުވަހުގައިވެސް އަލިކަން ބޭނުންވެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އަނދިރިކަމުން ފުރިގެންވާ ނަރަކައަށް ނުވަދެވޭތޯއެވެ.
رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
މިދުޢާއަށް ނޫރު ދުޢާ ވެސް ކިޔައެވެ. މިދުޢާ ނަގާފައި އެވަނީ ކީރިތި ޤްރުއާނުގެ އައްތަހްރީމް ސޫރަތުގެ 8 ވަނަ އާޔަތުންނެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިއަބައިމީހުން ﷲ އަށް ތައުބާ ވާށެވެ! އޭރުން ތިއަބައިމީހުންގެ ވެރިރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވިމީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އައްތަޙްރީމް: 8)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން