މިކަންކަމަށް ސަމާލުކަންދީގެން ދުޢާކުރާނަމަ ޢިޖާބަކުރެއްވެވުން އަވަސްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
މިކަންކަމަށް ސަމާލުކަންދީގެން ދުޢާކުރާނަމަ ޢިޖާބަކުރެއްވެވުން އަވަސްވާނެ! އިން ޝާ ﷲ

ދުޢާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން އޮޅުން ފިލުވަން ގިނަ ބައަކު ބޭނުންވެއެވެ. އެހެންވެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކަށް ތިމާ ކައިބޮއިހަދަނީ ޙަލާލް ގޮތުގައި ހޯދާތަކެތިކަން ކަށަވަރުކުރަންޖެހެއެވެ. އަދިލައިގެން ހުންނަ ފޭރާމަކީވެސް ޙަލާލްގޮތުގައި ހޯދާފައިވާ އެއްޗަކަށްވާންޖެހެއެވެ.  

އަދި މީގެ އިތުރުން ދުޢާކުރުމުގައި ތިމާގެ ނިކަމެތިކަން ބަޔާންކުރަން ޖެހެއެވެ. އާދަމްގެފާނާއި ޔޫނުސްގެފާނު ކުރެއްވެވި ދުޢާފަދަ ޤުރްއާނުގައި ހުރި ދުޢާތަކުން އެކަން އެނގިގެންދެއެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދުޢާ ކުރުމުގެ ކުރިން އެކަމަށް ތިމާ ފުރިހަމައަށް ތައްޔާރުވާން ޖެހޭނެއެވެ. އެގޮތުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޢާންމުކޮށް ކުރާވަރަށްވުރެ އިތުރަށް ހެޔޮ އަމަލުކުރުމެވެ. މިސާލަކަށް ސުންނަތް ނަމާދެއް ކުރުން، މައިން ބަފައިންންށާއި އަނބިދަރިންނަށް ނުވަތަ ފަޤީރުންނަށް އެހީތެރިވުން، ޞަދަޤާތްކުރުން ފަދަ ކޮންމެވެސް ހެޔޮ އަމަލެއް އިތުރަށް ކުރަންވާނެއެވެ!

ދެވަނަ ކަމެއްގެ ގޮތުން ﷲ ތަޢާލާއަށް ތަޢްރީފްކޮށް ޙަމްދުކުރަންވާނެއެވެ! ﷲ ތަޢާލާ މަތިވެރިކުރަންވާނެއެވެ. އެހެނީ އަހަރެމެން ﷲ ތަޢާލާއަށް ދުޢާ މިކުރަނީ އެކަލާނގެ މަތިވެރިވަންތަކަމުންނެވެ. ﷲ ތަޢާލާ މެނުވީ އަހަރެމެންގެ ބޭނުންތައް ފުއްދަވައި ދެއްވެވޭނެ ފަރާތެއް ނެތުމުންނެވެ.  

ތިންވަނަ ކަމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ޞަލަވާތްކިޔަވަން ވާނެއެވެ. އެހެނީ އަހަރެމެންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބިފައި މިވަނީ އިތުރު މާތް ޞާޙިބާ (ﷺ) ގެ ސަބަބުންނެވެ. އެމަތިވެރި ދަރަޖަ ﷲ ތަޢާލާ ވަނީ ރަސޫލް (ﷺ)އަށް ދެއްވަވައިފައެވެ. އެކަމަށް ބަޙުސް ކުރުމަކީ ކުރެވެން އޮތްކަމެއް ނޫނެވެ! އެއީ ﷲ ތަޢާލާގެ ނިންމެވުމެވެ.  

އެއަށްފަހު ތިމާއަށް ބޭނުންވެފައިވާ ކަމަކަށް އެދި ދުޢާ ކުރާށެވެ! ދުޢާކުރާއިރުވެސް ކީރިތި ޤްއާނުގައި އަދި ރަސޫލް (ﷺ)ގެ ސުންނަތުގައި ވާރިދުވެގެންވާ ދުޢާތަކުން ދުޢާކުރުން މޮޅު އިތުރުވެގެންވެއެވެ. އެހެނީ އެފަދަ ދުޢާތަކަކީ ﷲ ތަޢާލާ އިޖާބަ ކުރައްވަވާފައިވާ ދުޢާތަކެކެވެ. އެ ދުޢާތައް ކީރިތި ޤްރްއާނުގަ އާއި ސުންނަތުގައި ބަޔާން ކުރައްވަވާފައި އެވަނީ އެ ދުޢާތަކުން ދުޢާ ކުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެދުޢާތަކުގެ މަތިވެރިކަން ބޮޑުކަމުންނެވެ.  

އެއްވެސް ކަމަކަށް އެދި ދުޢާ ކުރާނަމަ ދުޢާ ކުރުމުގެ ކުރިން އެކަމެއް ޙާޞިލުކުރަން ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. އަދި އެފަދަ ކަމަކަށް މަސައްކަތް ފަށާނަމަ މަސައްކަތް ފެށުމުގެ ކުރިން އެ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދިވެސް ދުޢާކުރަންވާނެއެވެ.  

ދުޢާކުރަންވާނީ އެކަށީގެންވާ ކަންކަމަށެވެ. މިސާލަކަށް މިތަނުގެ ސީލިންގއިން ރަން ފައުނު ފައިބާތޯ ދުޢާ ކުރުމެއް ނެތެވެ. އަދި ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރަންވާނީ އެކަމަށް މަސައްކަތްކުރަމުންނެވެ. ކަންނެތްވެ އަތް އުރާލައިގެން ގޭގައި އޮވެ ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރުމެއްވެސް ނެތެވެ. ތަނަވަސްކަން އިތުރުކޮށް ދެއްވެވުން އެދި ދުޢާކުރަން ވާނީ އެކަމަށް ގަދައަޅައި މަސައްކަތްކުރަމުންނެވެ!  

އަހަރެމެން ކޮންމެ މީހަކީވެސް ތަފާތު ބޭނުންތައް ޙާޞިލުކުރުމަށްޓަކައި ﷲ ތަޢާލާއަށް ދުޢާކުރަންޖެހިފައިވާ މީހެކެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ކަންކަމަށް މީހުންގެ ގާތުން އެދޭނަމަ ފޫހިވުމަކީ ޢާންމުކަމެކެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ގިނަ ގިނައިން ކަންކަމަށް އެދުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން