ފިރިމީހާއަކީ ޢާއިލާގެ އެންމެ އިސް މީހާ ކަމާއި އަދި ޢާއިލާގެ ބެލެނިވެރިޔާކަން އެއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. ދީނުގައި އެކަން ލައްވާފައިވަނީ އެގޮތަށެވެ. އެހެންކަމުން ވިސްނާލަން ޖެހޭނެ ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނެއެވެ.
އެކަމަކީ ޢާއިލާގެ އެންމެ އިސްމީހާ ކަމަށްވުމުން އޮތީ ހަމައެކަނި އަމުރުކޮށް ތިމާ ބޭނުންވާހައި ގޮތަކަށް ކަންކަން ކުރުމެއް ނޫނެވެ. ޢާއިލާގެ ބެލެނިވެރިކަމުގެ ޒިންމާ ނަގަންވެސް ޖެހޭނެއެވެ. އެއީ ހަމައެކަނި ޚަރަދުކުރުމެއްވެސް ނޫނެވެ. ޚަރަދުކުރުމާއިއެކު އޯގާތެރިވާންޖެހެއެވެ. ބެލެނިވެރިކަމުގެ ދަށުގައި ތިބި މީހުންނަށް ހެޔޮކޮށްހިތަން ޖެހެއެވެ. އެމީހުންނާއިމެދު އިންޞާފުން ކަންކަން ކުރަންވެސް ޖެހެއެވެ. މިކަންކަން ނުކޮށް ޒިންމާދާރު ބެލެނިވެރިއަކަށް ނުވެވޭނެއެވެ.
ހަމައެއާއިއެކު ކަންކަމުގައި އަނބިމީހާއަށް ވިސްނޭ ރަނގަޅު ގޮތް ބުނުމުގެ ފުރުޞަތު އަނބިންނަށް ދޭންޖެހޭނެއެވެ. އަނބިމީހާގެ އަޑުއަހަންޖެހޭނެއެވެ. ދައްކާ ވާހަކަތަކަށް އިޙްތިރާމްކުރަންވެސް ޖެހޭނެއެވެ. ސަބަބަކީ ދިރިއުޅުމުގެ ކަންކަން ކުރިއަރަދިއުމުގެ އެންމެ ބޮޑު އެއްބާރަކީ ދެމަފިރިންގެ މެދުގައި ވާހަކަދައްކައި އަނެކާގެ އަޑުއެހުން ކަމުގައިވާތީއެވެ.
މީގެ އިތުރުން ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭނެ ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. ހެޔޮލަފާ، ރަނގަޅު ބައިވެރިއަކު ދެއްވަވައިފިނަމަ ﷲ ތަޢާލާއަށް ޝުކުރުވެރިވާންޖެހޭނެއެވެ. ޝުކުރުވެރިވުމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދެމަފިރިންވެސް ލޯބިން، ވަފާތެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ. ކައިވެނި ރަނގަޅު ގޮތުގައި ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަންކަން ނުކުރެވޭނަމަ އެމީހަކަށް ޝުކުރުވެރި ނުވެވެނީއެވެ.
- އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ދަރުސަކުން