މިއީ ދައްކަން ހުތުރުވާހަކައަކަށް ހަދައި ލަދުގަނެގެންވާކަށް ނެތެވެ. ކަމުގެ ޙުކުމް ނުއެނގި ތިބެ އަމިއްލައަށް ފާފަވެރިވެވޭ މީހުން ގިނަވާތީއެވެ. އަދި އެކަމުގެ ސަބަބުން ދެމަފިރިންގެ ގުޅުނަ ކެނޑި ކައިވެނިތައް ރޫޅެމުންދާތީއެވެ.
ކައިވެނިކުރުމަށްފަހު އެއްދާން ނުކުރުމަކީ ދެމަފިރިންކުރެ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު އެކަންކުރަން ބޭނުންވި ނަމަވެސް ޖެހޭނީ ކުރާށެވެ. މަނާވެގަނެވޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އިންތަކުގެ ތެރެއިންނެވެ. މާނައަކީ ޝަރުޢީ ޢުޒުރަކާ ލައިގެންނެވެ.
އެއީ ތިމާގެ ޞިއްހަތު ތަންނުދިނުން، ޙައިޟުގެ ދުވަސްވަރާއި ނިފާސްކަމުގެ ދުވަސްވަރު ފަދަ ތިމާގެ އިޚްތިޔާރުން ބޭރުގައިވާ ޙާލަތްތަކުގައެވެ. އެދުވަސްތަކުގައި އަނބިންނަށް ރަޙުމްކުރުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ.
ޙައިޟުގެ ދުވަސްވަރާއި ނިފާސްކަމުގެ ދުވަސްވަރުގައި އެކުގައި ނިދުމަކީ މައްސަލައެއް ނޫނެވެ. ލޯބި ދެމެހެއްޓުމަށްޓާކައި އެއީ ކުރަންޖެހޭނެވެސް ކަމެކެވެ. އަދި އެދުވަސްވަރަށް ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ލޯބިކުރުމަކީވެސް މައްސަލައެއް ނޫނެވެ.
މީގެ އިތުރުން އެއްދާންކުރަން ބޭނުންވެގެން އިންތިޒާރުކުރަން ޖެއްސުވުމަކީ ކުރެވޭ ފާފައެއް ކަމަށާއި އަނެކާއަށް ދެވޭ އަނިޔާއެއް ކަމަށްވެސް ބައެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެހެންކަމަށްވާއިރު ދިރިއުޅެން މަސައްކަތް ކުރަން ޖެހިގެން ނުވަތަ މުހިންމު ސަބަބެއް އޮވެގެން ނޫނީ މަސް ދެމަސްވަންދެން އަނބިމީހާ ނިދާއިރު ލޮލަށް ނުފެނި ގެއިން ބޭރުގައި އުޅެން ފިރިންނަށް ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންނަސް އޮތީ އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ. އެމަސައްކަތްވެސް ރަނގަޅަށް ކުރެވޭނީ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ރަނގަޅުގޮތުގައި އޮވެގެންނެވެ. ދިރިއުޅުމުގެ ކަންކަން އިޞްލާހްކުރަން މިފަދަ ނަޞޭޙަތް ދޭންޖެހެނީ އެހެންވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން