ބައެއް ކުދިން އެކުދިންނަށް މައިންބަފައިން ހޯދައިދޭ ތަކެތި އެކުވެރި ކުދިންނަށް ހަދިޔާކުރެއެވެ. ތަނަވަސް މައިންބަފައިންނަށް އެއީ ކަމަކަށް ނުވިޔަސް ތަނަވަސްކަން ކުޑަ މީހުންނަށް އެކަންވާނީ ބޮޑު ކަމަކަށެވެ.
ހަމައެއާއިއެކު ސިއްރުން ކުދިންގެ އެއްޗެތި ގެންދާކުދިންވެސް ތިބެއެވެ. އެންމެ ބޮޑު މައްސަލައަކީ އެއީއެވެ. ވީމާ މިކަންކަމަށް ވިސްނާލަން އެބަ ޖެހެއެވެ.
ބެލެނިވެރިއަކު ބުނެފައިވެއެވެ. އެއްދުވަހު ސްކޫލުން ދަރިފުޅު ގެނެސް ދަރިފުޅުގެ ދަބަސްބެލިއިރު އަހަރެން ހޯދައިނުދޭ ކުލަފޮށްޓެއް ދަބަހުގައި އޮއްވާ ފެނުމުން ދަރިފުޅާއި ސުވާލުކުރުމުން ބުނީ ކްލާސް ކުއްޖަކު ދިން އެއްޗެއް ކަމަށެވެ.
އެކަން އަހަރެންނަށް ވަރަށް ބޮޑުކަމަކަށްވިއެވެ. އެކުއްޖާއަށްވެސް އެކުލަފޮށި ހޯދައިދޭނީ ބެލެނިވެރިންކަމަށްވާއިރު އެކުލަފޮށި އެހެން ކުއްޖަކަށް ދޭން ބެލެނިވެރިން ރުހޭނެކަން ޔަޤީންނުކުރެވޭތީއެވެ.
އެހެންވެ ޖެހިގެން އައި ދުވަހު ދަރިފުޅު ގޮވައިގެން ސްކޫލަށްގޮސް ޓީޗަރަށް އެވާހަކަ ކިޔައިދީ ކުލަފޮށި ޓީޗަރާއި ޙަވާލުކުރީމެވެ. އެއިގެ ފަހުން ދަރިފުޅު ދުވަހަކުވެސް އެފަދަ ކަމެއް ނުކުރެއެވެ."
އެކުއްޖާގެ ބެލެނިވެރިޔާ ކަންތައް އެކުރީ ބެލެނިވެރިން ޢަމަލުކުރަންޖެހޭނެ ގޮތަށެވެ. އެގޮތަށް ކަންތައް ނުކުރިނަމަ ކުއްޖާއަށް ޤަބޫލުކުރެވޭނީ އެއީ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށެވެ.
ސްކޫލްތަކުގައި ކިޔަވާ ބައެއް ދަރިވަރުން އެހެން ކުދިންގެ ތަކެތި ގެއަށް ގެންނަކަން އެނގިތިބެ ވެސް ބެލެނިވެރިން އެކަމާ އަޅައިނުލާ އެބަ ތިއްބެވެ. ކުއްޖާ އޭނާ ބޭނުންވާ އެއްޗެއް ވަގަށް ނަގައިގެން ގެނައި ނަމަވެސް އަޅައި ނުލަނީ ކުއްޖާ ވައްކަންކޮށްގެން ނަމަވެސް އެ އެއްޗެއް ހޯދުމުން އެ އެތި ގަނެދޭން ބެލެނިވެރިންނަށް ނުޖެހޭނެތީ ލިބޭނެ މާލީ ލުޔަށް ބަލައިގެން ކަމަށްވެދާނެއެވެ. ނުވަތަ އެކަން ބަލަން އުޅެފިނަމަ ތިމާގެ ދަރިފުޅު ބަދުނާމުވެދާނެތީ ކަމަށްވެސް ވެދާނެއެވެ. ސަބަބަކީ ކޮންމެ ސަބަބެއް ނަމަވެސް މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
މިފަދަ ކުދިންގެ ވައްކަމުގެ މައްސަލައެއް ފަޅައި އެރުމުން ސްކޫލުން ފިޔަވަޅު އަޅައިފިނަމަ ކުށްވެރި ކުރަނީ ފިޔަވަޅު އެޅި ފަރާތެކެވެ. ކުއްޖާ ކުޑަކަން ވެސް އިޙްޞާޞް ވަނީ އެ ހިސާބުންނެވެ. އެފަދަ ހާލަތުގައި ކުއްޖާ ކުރި ކުށް ކުށެއް ކަމަށް ވެސް ޤަބޫލެއް ނުކުރެވެއެވެ. އިސް ކުރެވެނީ ކުޑަކުދިންނަށް ލިބެން ޖެހޭ ޙައްޤުތަކުގެ ވާހަކަތަކެވެ. ދައްކާނީ ކޮންމެވެސް ދުވަހަކު އެސޮރުގެ ކޮންމެވެސް އެއްޗެއް ގެއްލުނު ވާހަކައެވެ.
ބައެއް ޢާއިލާތަކުން، ވަޒީފާ އަދާކުރާ ދަރިން ނުވަތަ ފިރިން ވައްކަންކުރާއިރުވެސް އަޅައެއް ނުލައެވެ. ލިބޭ މުސާރައަށްވުރެ އެތައް ގުނައެއް އިތުރަށް ގެއަށް ގެނައުމުން ސުވާލެއްވެސް ނުކުރެއެވެ. މަހަކު 10000 ވަރު މުސާރަ ލިބޭ މުވައްޒިފުން މިލިއަންނަރުން ފެންވަރުގައި ދިރިއުޅޭ އިރުވެސް ފައިސާ ހޯދާ ގޮތަކާއިމެދު ސުވާލެއް ނުކުރެއެވެ. ފަޅާ އަރައި އަދަބު ލިބުމުން ކުށްވެރި ކުރެވެނީ ޙުކުމް ކުރި ޤާޟީ އާއި އަދަބު ތަންފީޒުކުރާ ފަރާތެވެ.
ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ހެޔޮ ނަޞޭޙަތް ދީ ތިމާގެ ކުށްތައް އިޞްލާޙްކުރަން މަސައްކަތް ނުކުރާ 1000 ރަޙްމަތްތެރިންނަށްވުރެ ހެޔޮ ނަޞޭޙަތް ދީ ތިމާ އިޞްލާޙްކުރަން މަސައްކަތްކުރާ އެންމެ ރަޙްމަތްތެރިއެއްގެ މުހިންމުކަންވެސް މާ ބޮޑެވެ. އޭނާގެ ކިބައިން ލިބޭނެ ފައިދާވެސް މާބޮޑެވެ.
ބެލެނިވެރިންނާއި ޢާއިލާތަކުން މިބަޔާންކުރިމަގުން ޢަމަލުނުކުރާނަމަ އެއީ ވައްކަންކުރަން ދެވޭ ހިތްވަރެކެވެ. އެއީ އެންމެ ނުބައި ގޮތެވެ.
"ހެޔޮ އެދޭނަމަ އޭނާ ކުރާ ނުބައި ކަންކަން މަނާކުރާށެވެ! އޭނާ އެކުރާ ނުބައި ކަންތައްތަކުން ތިމާޢަށް މަންފާތަކެއް ކުރި ނަމަވެސް އެއީ ވަގުތީ ކަމެކެވެ. ދެން ފަހުން އޭނާއަށް އަދަބު ލިބެން ފެށީމާ އަދަބު ދޭ މީހާ ދެކެ ރުޅި އައުމަކުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ."
- ސަމިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް