މިއަދުނޫހުގެ ކިޔުންތެރިންނަށް މިއީ ހަނދުމަކޮށްދިނުމެކެވެ.
ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ރޭތައް އަހުރެމެންނާއި ބައްދަލުކޮށް ވަކިވެގެންދާތީއެވެ. މިއީ 2 އިރު ކޔަން އޮތް ދުޢާއެކެވެ. އެހެންކަމާއިއެކުވެސް ރޯދަވީއްލާ ވަޤުތުގައިވެސް އަދި ރޭގަނޑުގެ ވަޤުތުތަކުގައިވެސް ދުޢާ ކުރަމުން ގެންދާށެވެ. ހުރި ދަރަނިތަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
އަބޫ ސަޢީދު އަލްޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. އެ ކަލޭގެފާނު ވިދާޅު ވިއެވެ: އެއް ދުވަހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތަށް ވެދެވަޑައިގެންނެވިއެވެ. އޭރު މިސްކިތުގައި އަންޞާރުންގެ ތެރެއިން އަބޫ އުމާމާއެވެ ކިޔޭ ބޭކަލަކު އިންނެވިއެވެ.
އަބޫ އުމާމާއަށް އިތުރު އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ: "އޭ އަބޫ އުމާމާއެވެ! ނަމާދު ވަގުތު ނޫން ވަގުތެއްގައި ކަލޭގެފާނު މިސްކިތުގައި އިންނަވަނިކޮށް ފެނިވަޑައި މި ގަތީ ކީއްވެ ތޯއެވެ؟"
ޖަވާބުގައި އަބޫ އުމާމާ ދެންނެވިއެވެ: "އޭ ﷲގެ ރަސޫލާއެވެ! ކަންބޮޑުވުމާއި ދަރަނިތަކެއް ޖެހިއްޖެއެވެ."
ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ:"އެ ބަސްތަކެއް ކިޔުމުން ތިބާގެ ކިބައިން ތިޔަ ބޮޑުވެގެން އުޅުއްވާ ކަންތައް ފިއްލަވައި، ތިބާއަށް ތިބާގެ ދަރަނި ދައްކަވައި ދޭނޭ ބަސްތަކެއް ތިމަންކަލޭގެފާނުން އުނގަންނަވައި ދެއްވަންތޯއެވެ! "
އަބޫ އުމާމާ ވިދާޅުވިއެވެ: " އާދޭހެވެ! އޭ ﷲގެ ރަސޫލާއެވެ!"
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ:" ކަލޭގެފާނު ހެނދުނު ކޮށްފި ނަމަ އަދި ހަވީރު ކޮށްފި ނަމަ، ވިދާޅު ވާށެވެ:
" اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ "
މާނައީ : "ޔާ ﷲ! ހަމަކަށަވަރުން މި އަޅާ ފިކުރު ބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މި އަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުމަށް އިބަ ﷲ ގެ ހަޒްރަތުން އެދި ދަންނަވަމެވެ. "
- އަލްއަޚް ޖުމައިލް މުޙައްމަދު