"ވުޟޫ"އެވެ ބުމުން އަހުރެމެންނަށް ވިސްނެނީ ބޭރުފުށުގެ ގުނަވަންތަކުގައި ފެންޖައްސައިގެން ކުރާ ވުޟޫއެވެ. ޤުރްއާން ކިޔެވުމަށްޓަކައި އިތުރު "ވުޟޫ"އެއް ބޭނުންވެއެވެ. އެއީ ހިތުން ކުރަންޖެހޭ ކަމެކެވެ. އެކަމަކީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމެވެ.
އަހުރެމެން ބޭރުފުށުގެ ގުނަވަންތައް ދޮންނަނީ ޠޯހިރުކުރުމަށެވެ. ހިތަކީ ފެންޖައްސައިގެން ދޮވެވޭނެ އެއްޗެއް ނޫނެވެ. ހިތް ޠޯހިރުކުރަން ކުރަން އޮތް ކަމަކީ ގިނަގިނައިން ތައުބާވުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމައެކަނި ތައުބާވުމަކުންވެސް ނުފުދޭނެއެވެ. ތައުބާވުމާއިއެކު ފާފަނުކުރަން މަސައްކަތްކުރަންވާނެއެވެ. އަދި ވީހާގިނައިން ހެޔޮ ޢަމަލުކުރަން މަސައްކަތްކުރަންވާނެއެވެ. ޚާއްޞަކޮށް ޛިކުރުކުރުން ގިނަކުރަން މަސައްކަތްކުރަންވާނެއެވެ.
ޤުރްއާން ކިޔެވުމުގެ ފައިދާކުރާނީ މިކަންކަމަށް ފަރުވާތެރިވީމައެވެ. ހިނގަމުން މިދަނީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކެވެ. ގިނަ ބައަކު ގެންދަނީ ޤުރްއާން ކިޔަވަމުންނެވެ. ބުނެލަން ބޭނުންވަނީ މިބުނި ކަންތައްތަކަށް ސަމާލުކަންދޭށެވެ. ކިޔެވުމުގެ ފުރިހަމަ ފައިދާކުރާނީ އެއިރުން ކަމަށްވާތީއެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން