ހިނިތުންވުން ބޭނުންވާނަމަ ހިނިތުންވުން ދޭށެވެ ބުނެވެނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އަނެކާއަށް ހިނިތުންނުވާ މީހަކަށް ހިނިތުންވުން ލިބޭނެ ކަމަށް ހީވެސް ނުކުރާށެވެ. އެއީ ވާނެ ކަމެއް ނޫނެވެ.
ތެދުވެރިކަމާއިއެކު ބުރަކޮށް މަސައްކަތްކުރާ ފިރިންނަށް ނިދައި ހޭލެވުމާއިއެކު ސިކުނޑީގައި ހިނގަން ފަށާނީ އެދުވަހު ކުރަންހުރި މަސައްކަތްތަކެވެ. ނަތީޖާއަކަށްވާނީ ސައިމޭޒުދޮށުގައި އިންނައިރުވެސް ބައިވެރިޔާއާއި ރަނގަޅަށް ވާހަކަވެސް ދައްކައިނުލެވުމެވެ.
އެވަޤުތު ގިނަ ފިރިންނަށް އަނބިންނާއި ރަނގަޅަށް ވާހަދައްކައިނުލެވޭ ސަބަބަކީވެސް އެއީއެވެ. އަނބިމީހާ ސުވާލެއް ކުރިނަމަވެސް ކުރުކޮށް ޖަވާބުދެވޭ ސަބަބަކީވެސް އެއީއެވެ. އަދި އެީ މައްސަލައެއްވެސް ނޫނެވެ. ރަނގަޅު އަނބިންނަށް އެކަން ވިސްނޭނެއެވެ. އެހެންވެ ޝަކުވާއެއްވެސް ނުކުރާނެއެވެ.
ދެން ކުރިމަތިވާ ކަމަކީ މަސައްކަތް ނިމިގެން އެނބުރި ގެއަށް އައިސް ވަންނައިރުވެސް މަސައްކަތުގެ ވިސްނުމުގައި ހުރެގެން ގެއަށް ވަންނާތީއެވެ. އެގޮތަށް ގެއަށް ވަދެއްޖެނަމަ އަދި ގެއަށް ވަދެ އެވިސްނުމުގައި އުޅެން ފަށައިފިނަމަ އަނބިމީހާގެ ޝަކުވާތައް ކުރިމަތިވާނެއެވެ. ޝަކުވާތައްވެސް ގިނަވާނެއެވެ.
މިއީ ފިރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. މަސައްކަތުން ނިމިގެން ގެއަށް އައިސްފައިވެސް އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނެ ނަމަ ރަނގަޅީ ކައިވެނިނުކުރުމެވެ.
ވިސްނާށެވެ! އަނބިމީހާ ގޭގައި އިންނަނީ އެކަންޏެވެ. ނުވަތަ ދަރިންނާއިއެކުގައެވެ. މުޅި ދުވަހު އޭނާ އިންތިޒާރުކުރަނީ ފިރިމީހާ އެނބުރި އަންނާނެ ވަޤުތަކަށެވެ. އެހެން އިންދައި އިރުއޮއްސެން ކައިރިވުމުން ނުވަތަ ރޭގަނޑުވާފަހުން ގެއަށް އައިސް އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ އަނބިމީހާގެ ހިތަށް ލިބޭނެ އެކަނިވެރިކަން ނިކަން އިޙްޞާޞްކޮށްލައިބަލާށެވެ! އެއިރުން މިދެއްކި ވާހަކަތަކުގެ ޙަޤީޤަތް އެނގޭނެއެވެ.
ކަންބޮޑުވާންވީ މައްސަލަ ޖެހުމަކުން ނޫނެވެ. މައްސަލަ ޖެހުމުގެ ކުރިންނެވެ. ޙައްލަކީ އެއީއެވެ!
- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް