އަހުރެމެންގެ ޢަދާވާތްތެރިން އަހުރެމެންނަކަށް ނުއެނގެއެވެ. އަހުރެމެންނަށް އެމީހުންނާއިއެކު އުޅެވޭއިރުވެސް އަހުރެމެންނަކަށް ނުއެނގެއެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައި ގެންގުޅެވޭއިރުވެސް ނުއެނގެއެވެ. އެކަމަކު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
﴿60﴾ وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا مِن شَيْءٍ فِي سَبِيلِ اللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ
އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގެތެވެ. ﷲ، އެއުރެން ދެނެވޮޑިގެންވެތެވެ. އަދި ﷲގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަމަޔަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
(އަލްޢަންފާލް: 60)
ވީމާ އަހުރެމެންނަށް އޮތީ ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. ޢަދާވާތްތެރިން ވަކިކުރަން ނުއެނގިދާނެތީ ކަންބޮޑުވުމެއްވެސް ނެތެވެ. އަހުރެމެން ކުރަން އޮތްކަމަކީ މިދުޢާކުރުމެވެ. މިއީ އިބްރާހީމްގެފާނާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް ކުރެއްވެވި ދުޢާއެވެ.
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
މިދުޢާގެ ހުރި ބަރަކާތް ނިކަން ދެކިބަލާށެވެ. އެބިޔަ ބޮޑު އަލިފާންގަނޑަށް ﷲ ތަޢާލާ އެންގެވީ އިބްރާހީމްގެފާނަށްޓަކައި ފިނި، އަރާމު އެއްޗަކަށް ވުމަށެވެ. ބުނެވޭ ގޮތުން އެމީހުން އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލައިލީ ހަތަރެސްފައި ބަނޑެފައެވެ. އަލިފާންގަނޑު އެރޯނުތައް އަންދާލައި އިބްރާހީމްގެފާނު މިނިވަންކުރިއެވެ. އެކަމަކު ހަށިކޮޅަކު ނުބީހެއެވެ. އެއްވެސް ހޫނެއް ނުވެއެވެ.
މިހުރީ ވަކީލްކުރާއަޅުންނަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތުގެ ބޮޑުކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މިމަތިވެރި ރަޙްމަތް ލިބުމަށް އެދޭމީހާ އިޚްލާޞްތެރިކަމާއިއެކު މިދުޢާކުރާށެވެ! އަދި މިފަދައިންވެސް ދުޢާކުރާށެވެ.
حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
- މުފްތީ މެންކުގެ ދަރުސަކުން