ހަނދުމަކޮށްދިނުމެއް!: ޝިފާއަށް އެދި ކުރަންވީ ދުޢާ އާ ޛިކުރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 19ސ
ހަނދުމަކޮށްދިނުމެއް!: ޝިފާއަށް އެދި ކުރަންވީ ދުޢާ އާ ޛިކުރު-

ކޮންމެ މީހަކީވެސް ކޮންމެ ވަޤުތެއްގައިވެސް ބަލިވެދާނެ މީހެކެވެ. އެއްވެސް މީހަކަށް އެމީހާ ބަލިވާނެ ދުވަހެއް އަދި ވަޤުތެއް ނުއެނގޭނެއެވެ. މިހާރު ބަލިވެއުޅޭ މީހުންވެސް ތިބޭނެއެވެ. އިސާހިތަކު ބަލިވެދާނެ މީހުންވެސް ތިބޭނެއެވެ.  

ޤަވާޢީދުން މެޑިކަލް ޗެކަޕް ހެދިނަމަވެސް ބަލިވެއެވެ. ޗެކަޕް ހަދާފައި ހުރީ ފުރިހަމަ ޞިއްޙަތެއްގައި ކަމަށް ޑޮކްޓަރުން ބުނާ ދުވަހުވެސް އެބަ ބަލިވެއެވެ. އަދި ހާޓްއެޓޭކް ޖެހުން ފަދަ ކަންކަން މެދުވެރިވެ މަރުވެސް ވެއެވެ. މިކަންކަމުން އެނގެނީ ބަލިވުމާއި މަރުވުމުގެ ވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ.

އަހުރެމެންނަށް އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ މަސައްކަތްކުރުމެވެ. ޑޮކްޓަރުންނަށް ދައްކައި ފަރުވާކުރުމާއިއެކު މިފަދަ ދުޢާތައްކޮށް ޛިކުރުތައް ކިޔާށެވެ. ބިރުގަންނަންވީ ބަލިވެދާނެކަމަކަށް ނޫނެވެ. މިހުރެވެނީ މަރަށް ތައްޔާރުވެގެންކަމާއިމެދުގައެވެ.   

ބަލިވުމަކީ އާދަމުގެ ދަރިޔާގެ މައްޗަށް މާތް ﷲ ލިޔުއްވާފައިވާ ކަމެކެވެ. ބަލިވުމާއި ވޭން އެޅުމަކީ  މުއުމިނު އަޅުންގެ ފާފަތައް ފުއްސެވުމަށް އެކަލާނގެ ލައްވާފައިވާ ސަބަބެއްވެސްމެއެވެ. ބަލިތަކަށް ޝިފާދެއްވާފަރާތަކީ މާތް ﷲ އެވެ. 

އިބްރާހީމް علية السلام ވިދާޅުވިބަސްފުޅު މާތް ﷲ ކީރިތި ގުރުއާނުގައި ވަޙީކުރެއްވިއެވެ. 

وَإِذَا مَرِضْتُ فَهُوَ يَشْفِينِ (الشعراء 80)

މާނައީ: "އަދި ތިމަން ބަލިވެއްޖެނަމަ، ފަހެ ޝިފާދެއްވަނީ އެކަލާނގެއެވެ." 

އެހެންކަމުން ބައްޔެއްޖެހުމުން ބޭސްވެރިކަމުގެ އެކިއެކި ޞިއްޙީ ސަބަބުތަކުގައި ހިފުމާއިއެކު އެބަލިން ސަލާމަތް ކޮށްދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުން ގިނަގިނައިން ދުޢާ ކުރަންވާނެއެވެ.

މިގޮތުން ކުރެވިދާނެބައެއް ދުޢާތަކަކީ: 

1. އިމާމް ބުޚާރީ ރިވާކުރައްފައިވާ ހަދީޘްފުޅެއްގައި ވެއެވެ.

((اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا))

މާނައީ: "އޭ ﷲ! މީސްތަކުންގެ ވެރި ރައްބެވެ! އުނދަގޫތައް ދުރުކުރައްވާނދޭވެ! އަދި ޝިފާ ލައްވާނދޭވެ! އިބަ އިލާހީ ޝިފާދެއްވާ އިލާހީމެވެ. އިބައިލާހުގެ ޝިފާ ފިޔަވާ އިތުރު ޝިފާއެއް ނުވެއެވެ. އެ ޝިފާއަކީ (ވިދިގެން) ބަލިމަޑުކަމެއް ދޫނުކުރާ ޝިފާއެއްކަމުގައި ލައްވާނދޭވެ!"  

‘2. އިމާމު މުސްލިމު ރިވާ ކުރައްވާފައިވާ ހަދީޘްފުޅެއްގައި އައިސްފައި ވެއެވެ. “ތިބާގެ ހަށިގަނޑުން ތަދު އިހުސާސްވާ ތަނުގައި ތިބާގެ އަތް ބާއްވާށެވެ. ދެން ތިންފަހަރު  بسم اللهކިޔާށެވެ. އަދި ހަތްފަހަރު  

((أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ)) މިފަދައިން ކިޔާށެވެ.

މާނައީ: "މިއަޅާއަށް އިޙުސާސްމިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން މާތްﷲއާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ރައްކާތެރިކަން ތިމަން ހޯދަމެވެ." 

މީގެ އިތުރަށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީވެސް ބަލިކަތުންނާއި އަދިވެސް އެހެނިހެން މުސީބާތްތަކާއި ގެއްލުންތަށް އެއްކިބާކޮށްދީ ސަލާމަތް ކޮށްދެނިވި ކަންތައްތަކެކެވެ. މިގޮތަށް ކިއިދާނެ ބައެއް ޛިކުރުތަކަކީ: 

1. (ހެނދުނު އަދި ހަވީރު ތިންފަހަރު) ((اللَّهُمَّ عَافِنِي فِي بَدَنِي اللَّهُمَّ عَافِنِي فِي سَمْعِي اللَّهُمَّ عَافِنِي فِي بَصَرِي لَا إِلَهَ إِلَّا أَنْتَ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْكُفْرِ وَالْفَقْرِ  وأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ لَا إِلَهَ إِلَّا أَنْتَ))

މާނައީ: "އޭ ﷲ! މިއަޅާގެ ހަށިގަނޑަށް ޢާފިޔަތު ދެއްވާންދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ އެހުމުގައިވެސް ޢާފިޔަތު ދެއްވާންދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ ފެނުމުގައިވެސް ޢާފިޔަތު ދެއްވާންދޭވެ! އިބަﷲ މެނުވީ އަޅުކަން ވެވުން ޙައްގުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އޭ ﷲ! ކާފިރުކަމުންނާއި ފަޤީރުކަމުންނާއި ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ. އަދި ކަށްވަޅުގެ އަޒާބުން ރައްކާތެރިކޮށްދެއްވުމަށްވެސް މިއަޅާ އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ. އިބަﷲ ފިޔަވައި އަޅުކަން ވެވުން ޙައްގުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ." 

މިޙަދީޘްފުޅަކީ އަބޫދާވޫދު، އިމާމު އަހުމަދު އަދި މިނޫނަސް އެހެންބޭފުޅުން ރިވާކޮށް ފަޟީލަތުއް ޝައިޙު އިބުނުބާޒު حسنދަރަޖައިގެ ޙަދީޘްއެއްކަމަށް ވިދާޅުވެފައިވާ ހަދީޘެކެވެ. 

2.(ހެނދުނާއި ހަވީރު ތިންފަހަރު) ((بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي  السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ))

މާނައީ: "ﷲގެ އިސްމުފުޅުގެ ބަރަކާތުން(ރައްކާތެރިކަން ލިބިގަންނަމެވެ.) އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

މިޙަދީޘްފުޅަކީ އަބޫދާވޫދު، ތިރުމިޒީ އަދި މިނޫނަސް އެހެންބޭފުޅުން ރިވާކޮށް ފަޟީލަތުއް ޝައިޙު ނާޞިރުއްދީން އަލްއަލްބާނީ ޞައްހަކުރައްވާފައިވާ ހަދީޘެކެވެ. 

ދުޢާއަކީ މާތް ﷲ އަޅަމެންނަށް ދުޅަހެޔޮޞިއްހަތެއްދެއްވައި އެންމެހާ ބަލިތަކުން ދުރުހެލިކޮށްދެއްވުމެވެ. 

- އާޔަތް، ޙަދީޘް ދުޢާ- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން