އިންސާނުންގެ ތެރޭގައި މުނާފިޤުން ނުވަތަ ދެމޫނުގެ ވެރިން ގިނަވެއްޖެއެވެ. އެކުވެރިންގެ ތެރޭގައިވެސް ހިމެނެއެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.
އެކުވެރިންގެ ތެރެއިން ހަސަދަވެރިން ދެނެގަންނާނީ ކިހިނަކުންހެއްޔެވެ؟ މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. މިއީ ސީދާ ޖަވާބު ހޯދަން ވަރަށް އުނދަގޫވެސް ސުވާލެކެވެ. އެއީ އެކި މީހުންގެ ޢަމަލުތައް ތަފާތުވާނެތީއެވެ. ކުރާނެ ކަންކަންވެސް ތަފާތުވާނެތީއެވެ. ވިސްނުންވެސް ތަފާތުވާނެތީއެވެ. ކަންކަން ކުރާނެގޮތް ވެސް ތަފާތުވާނެތީއެވެ.
ނަމަވެސް މިކަމުގައި ބޭނުންކުރެވިދާނެ ބައެއް އުކުޅު އެބަހުއްޓެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން އެމީހަކު އެދޭ ކަންކަން ކޮށްނުދީ ލަސްކޮށްލާށެވެ! ދެވަނަ ކަމަކަށް އޭނާ ރުޅިއަންނާނެ ކޮންމެވެސް ކަމެއްކޮށްލާށެވެ! މީހުންގެ ޙަޤީޤީ ސިފަ ހާމަވެގެންދާނެ ވަގުތަކީ އެމީހަކު ރުޅިއަންނަ ވަގުތެވެ.
ހިތުގައި ހަސަދަލައިގެން ތިބޭ މީހުންގެ ޙަޤީޤީ ކުލަ އެންމެ ފަސޭހައިން ފެނިގެންދާނެ ދެގޮތަކީ މިއީއެވެ. މި ދެކަމުން ކުރެ ކަމެއް މެދުވެރިވުމުން ކޮންޓްރޯލެއް ނުކުރެވޭނެއެވެ. ވަގުތުން "ފަޅައިގެން" ނުދިއަ ނަމަވެސް އިސާހިތަކު ފަޅައިގެންދާނެއެވެ. ތިބާ އާއިމެދު ތަފާތު ވާހަކަތައް ދައްކަން ފަށާނެއެވެ. އަދި ބައެއް މީޙުން ހަމަ ކުރިމަތީގައިވެސް ފަޅައިގެންދާނެއެވެ.
އެމިހަކީ ޙަޤީޤީ އެކުވެރިއެއްނަމަ އެހައިފަސޭހައިން ފުންމައިގެނެއް ނުދާނެއެވެ. އަދި ރުޅި އައިނަމަވެސް އަނެކާ ފަޟީޙަތްކޮށް ބަދުނާމުކުރަމަކުން ނުހިނގާނެއެވެ! މަސައްކަތްކުރާނީ ވީހައި އަވަހަކަށް އެކަމެއް ޙައްލުކުރުމަށެވެ.
އަނެކުން ރުޅީއަންނާނެ ކަންކަން ކުރުމަކީ ކުރަން ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް އެމީހަކީ ހަސަދަވެރިކަމާއިމެދު ޝައްކުކުރެވިއްޖެނަމަ އެކަން ބަލައިލުމަށް މަސައްކަތްކޮށްލަން އެބަޖެހެއެވެ. އެއީ އޭނާގެ ކިބައިން ސަލާމަތްވެހުރުމަށެވެ. އެކުވެރިއެއްގެ ގޮތުގައި ހުރެގެން ދީފާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށެވެ.
އެފަދަ ކަމެއް ކުރަންޖެހިގެން ކުރިނަމަވެސް ތިބާ އެގެން ބޭނުން ކަންކަން އެނގުމުން ކުރެވުނު ކަންތަކަށް މާފަށް އެދޭށެވެ! އަދި ކުރިމަތީގައި ބުނެލާށެވެ. "އެކަން ކުރީ ރުޅިއަކުން ނޫނެވެ. ތިބާ އާއިމެދު ހަސަދަވެރިކަމެއް އޮވެގެނެއްވެސް ނޫނެވެ. ހަމައެކަނި ތިބާގެ ޙަޤީޤަތް އެނގުމަށެވެ."
ޝައްކުގެ މަތީގައި ހުރުމަކީ ފާފައެކެވެ. އަދި އެއްވެސް މީހަކަށް ހަސަދަލުމަކީވެސް ފާފައެކެވެ. ވީމާ މިބުނި ފަދަ ގޮތަކުން އަނެކާއަކީ ހަސަދަވެރިއެއްކަން އެނގުނު ނަމަވެސް އެމީހަކާއިމެދު ހަސަދަނުލާށެވެ. ހަސަދަވެރިނުވާށެވެ! އެހިސާބުން އެކަން ހިތުން ފުހެލާށެވެ!
-
-އިސްލާމީ ތިލަފަތުގެ ދަރުސަކުން