އިސްލާމީ އުންމަތް ކުރިއަރައި ވަރުގަދަވާން އޮތީ ދެމަފިރިންގެ ގުޅުމުގެ މައްޗަށެވެ. ގުޅުންކެނޑި ވަކިވަމުންދާނަމަ ދަރިންތަކެއް އެބަ ނިކަމެތިވެއެވެ. އެއިގެތެރެއިން ގިނަކުދިން ބޮޑެތިވަނީ ރަނގަޅު ތަރުބިއްޔަތެއް ނެތިއެވެ. ނަތީޖާއަކަށްވަނީ އެކަމުގެ އަސަރު މުޅި މުޖުތަމަޢަށް ކުރުމެވެ. ދީނީ ގޮތުން ހޭލުންތެރިކަން ކުޑަ، ދީނަށް ލޯބިކުޑަ މީހުން އިތުރުވުމެވެ.
ދެމަފިރިން ވަކިވުމުން ދެމީހުންނަށް ލިބޭ ގެއްލުންތަކުގެ އިތުރުން މިއީ ކުރިމަތިވަމުން އަންނަ އެންމެ ބޮޑު އެއް މައްސަލައެވެ. ވީމާ ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ އުންމަތް ކުރިއެރުވުމަށްޓަކައިވެސް ކައިވެނީގެ ގުޅުން ދަމަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން މިވަނީ މަޖުބޫރުވެފައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހުރިހާ ދެމަފިރިންވެސް އެކަކު އަނެކަކަށް ހިތްހެޔޮކޮށް މާފުކުރާށެވެ! އެންމެ ފުރަތަމަ ދެމަފިރިން ގުޅުނު ދުވަހާއި އެއްފަދައިން ދެމިތިބެން ގަދައަޅައި މަސައްކަތްކުރާށެވެ!
ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބިން އެކުގައި ދިރިއުޅުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ ކަމެކެވެ. އިން ޝާ ﷲ. އެކަލާނގެ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަމަކީ ވަރިކުރުން ނުވަތަ ވަރިވުންކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ. ވީމާ ކަމެއް ޖެހޭއިރަށް ވަރިކުރުމަކީ ނުވަތަ ވަރިވުމަކީ ފުރަތަމަ ފިޔަވަޅުކަމުގައި ހަދައިގެން ނުވާނެއެވެ. އެކަން ވާންޖެހޭނީ ދެން އެހެން އެއްވެސް ގޮތެއް ނެތުމުން ކުރާ ކަމަކަށެވެ.
އެކަކު އަނެކަކަށް ހިތް ސާފުކުރަން އަބަދުވެސް ބުނަމެވެ. ހިތްތައް ޠޯހިރުކުރާށެވެ! މާފުކުރުން އެންމެ ކުރިއަށް ނެރޭށެވެ! ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކަށް މާފުކޮށް ހިތްހެޔޮކުރާށެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތަކުރާރުކޮށް ބުނަމެވެ. ދެމަފިރިން އެކަކު އަނެކަކަށް ހިތްހެޔޮކޮށް ހެޔޮދުޢާކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވާނެ ކަމެކެވެ. އެކަމުގެ ރަޙްމަތް ދެމަފިރިންނަށާއި ދަރިންނަށްވެސް ލައްވަވާނެ ކަމެކެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން