ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔެވުމަކީ ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެއް: މޭޔަރު ޢާޒިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔެވުމަކީ ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެއް: މޭޔަރު ޢާޒިމް

ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔެވުމަކީ ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މި ވާހަކަ މޭޔަރު ވިދާޅުވީ އިއްޔެ ރޭ ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 2 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި ގަދީމީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް، ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދަކާދައަކީ ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެކެވެ. އަދި ކުރީ ޒަމާނެކޭ އެއްގޮތަށް، ކީރިތި ޤުރުއާނުގެ މޫރިތި އަޑުން، މި ސައްތައިން ސައްތަ މުސްލިމް މުޖުތަމަޢަށް ދިރުން ގެނައުމަށްޓަކައި، ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދަކާދަ ދިރުވައި އާލާކުރުމަށް މޭޔަރު ގޮވާލެއްވިއެވެ.

މީގެ އިތުރުން، މިހާރު ޒަމާން ބަދަލުވެ ދުނިޔެ ތަރައްޤީވެފައި ވިޔަސް، ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ބެލެނިވެރިން ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން ޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ސްކޫލުން ޤުރުއާން ކިޔަވައިދޭ މިންވަރަށްވުރެ އިތުރަށް، ޤުރުއާން ކިޔަވައިދިނުމަށްޓަކައި، ކޮންމެވެސް ޤުރުއާން ކުލާހަކަށް ދަރިފުޅު ފޮނުވުމާއި، ނުވަތަ ޤުރުއާން މުދައްރިސަކު ގެއަށް ގެނެސްގެން ޤުރުއާން އުނގަންނައިދޭ ބެލެނިވެރިންގެ މަސައްކަތަށް މޭޔަރު ތަޢުރީފުކުރެއްވިއެވެ.

"ކުރުގޮތަކަށް ދަންނަވާނަމަ ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައިދެއްވުމަށް ބެލެނިވެރިން ހޭލަމޭލައަށް އުޅެމުންދާ ތަން ފެނުމަކީ، އަޅުގަނޑު ވަރަށް އިޙުތިރާމާ އެކު ބަލައިގަންނަ ކަމެއް" މޭޔަރު އާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ 2 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތާއި މަދަހަ މުބާރާތުގެ ވަނަތައް ހާމަކުރެވުނެވެ. އަދި މި މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން މޭޔަރު އާޒިމް ވަނީ ޚާއްޞަ ބަސްތަކެއް ވިދާޅުވެފައެވެ.

މިއަދު އޮންލައިން