ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރާއި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް އެ ކުންފުނީގެ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ޑރ. އަޒުވަރު ވިދާޅުވެއްޖެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ސެޕްޓެމްބަރު 30 އިން ނޮވެމްބަރު 06 ގެ ނިޔަލަށް ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން، ކަނޑައެޅިފައިވާ ތާރީޚަށް އެ މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވަމުން އެމަނިކުފާނު ފާހަގަކުރެއްވީ، މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން، ސަރުކާރާއި ރައްޔިތުން ކުރާ އުންމީދުތައް އިތުބާރާއެކު ފޯރުކޮށްދިނުމަށް ކުންފުނީގެ ހުރިހާ މުވައްޒަފުން، ޚާއްޞަކޮށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ސްޓެލްކޯގެ ބްރޭންޑް މިހާރުވެސް ދަމަހައްޓާފައިވާކަން ފާހަގަކުރައްވައި ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނިގެން ކުރިއަށްދާއިރު، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ޒިންމާގެ ބޮޑުކަން އިޙްސާސްކުރެއްވޭ ކަމަށެވެ. “މި ޒިންމާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ސްޓެލްކޯގައި މިހާރުވެސް ހިފަހައްޓަމުންދާ ރަނގަޅު އުޞޫލުތައް ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓައިފިނަމަ، ދިމާވާ ގިނަ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ފުރަތަމަ މަރުޙަލާގެ ތެރޭގައި މުވައްޒަފުންނާ ގުޅޭ ހުރިހާ އުސޫލުތަކެއް ފުރިހަމައަށް ދަމަހައްޓައި، ސްޓެލްކޯއަކީ ހަރުދަނާ އުސޫލެއްގެ ތެރެއިން ހިނގާ ތަނެއްކަން ހުރިހާ މުވައްޒަފުންނަށް އިހުސާސްވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޚިދުމަތްތަކާ ޙަވާލުވުމަށްފަހު ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ ރައްޔިތުން އެދޭފަދަ ފުރިހަމަ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުންކަމަށާއި، މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ޚާއްޞަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް މިހާރުވެސް ރޭވިފައިވާކަން ހާމަކުރެއްވިއެވެ.
ރަށްރަށުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޑރ. އަޒުވަރު ފާހަގަކުރެއްވީ، އަދިވެސް ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުރީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައާއި ރަށުގެ މެދުތެރޭގައި ކަމަށެވެ. އޭގެ ސަބަބުން އިންޖީނުތަކުގެ އަޑާއި ދުމުގެ އުނދަގޫ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް އެފަދަ އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. މިގޮތުން، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެކަށީގެންވާ ބޮޑެތި މަސައްކަތްތަކެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މިއީ ކުރު މުއްދަތެއްގައި ކުރަންޖެހޭ ވަރަށް ބުރަ މަސައްކަތެއްކަންވެސް ފާހަގަކުރެއްވިއެވެ.
މި ބޮޑު މަސައްކަތުގައި ކާމިޔާބީ ހޯދުމަށްޓަކައި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި ކޮމިޓްމަންޓް ދެއްވުމަށް އެދިވަޑައިގަންނަވަމުން، ރައްޔިތުންނަށް ލިބޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި ނިންމެވުމަށް ޑރ. އަޒުވަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.