ހެޔޮލަފާ މައިންނަކީ އިސްލާމީ އުންމަތުގެ މައިބަދައެވެ. ހެޔޮލަފާ މައިންނަށް އެހާމަތިވެރި ޤަދަރެއް ލިބިފައިވާ ސަބަބަކީވެސް އެއީއެވެ. އެއްވަނަ އާއި ދެވަނައާއި އަދި ތިންވަނަވެސް މައިންނަށް ދެއްވަވާފައި 4 ވަނަ ބައްޕައަށް ދެއްވެވީވެސް ހަމައެސަބަބަށްޓަކައެވެ.
އެހެންކަމާއިއެކުވެސް އެކަން ޤަބޫނުކުރެވޭ ބައަކު އުޅެއެވެ. އެމީހުންގެ މައިންބަފައިންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދެވެނީ އެކަން ޤަބޫލުނުކުރެވޭތީއެވެ. އެހެންކަމުން އިލްތިމާސްކުރަން ބޭނުންވަނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ. ވިދާޅުވެއްޖެނަމަ ފައިދާތަކެއް ކުރާނެއެވެ. އިން ޝާ ﷲ
އިސްލާމީ މުޖުތަޢުތައް ނެތިވެ ފަނާވަމުންމިދާ އެންމެ ބޮޑު ސަބަބަކީ އުޚުތުންގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ. މިހެން ބުނުމުން އެއީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ މުޖުތަމައުތައްވެސް މުޅި ދުނިޔެވެސް ފަޚުރުވާ ބަޠޮލުން، ބަޠޮލުންނަށްވީތީ އެކަމުގެ ފަޚުރުވެސް ތިއަ ކަނބަލުންނަށް ލިބޭކަމެވެ.
އިސްލާމް ދީނުގައި މައިންގެ ދަރަޖަ ބައްޕައިންނަށްވުރެ 3 ގުނަ އުފުލިގެން ގޮސްފައިވަނީ ހަމައެކަނި ވިހާތީއެއް ނޫނެވެ. އެއްވެސް ޝައްކެއް ނެތެވެ. ބަލިވެ އިނުމާއި ހަމައިން ވިހަންދެން މައިން އުފުލާ ވޭނާއި ވިހަން އުފުލާވޭނުގެ އަގު ވަޒަންކުރަން ކިރައިލެވޭނެ ވަރުގެ ތިލަފަތެއް މިހައިތަނަށްވެސް އުފެއްދިފައިނުވާއިއރު ކުރިއަށް އޮތްތަނުގައިވެސް ނުވެސް އުފެއްދޭނެއެވެ.
ސައިންސްވެރިން ޖައްވުގައި އުދުހެނީއެވެ. ހަނދަށްވެސް ދިއައީއެވެ. މާރސްގައި ދިރިއުޅެން ތައްޔާރުވަނީއެވެ. އެހެންކަމާއިއެކުވެސް މިއަދާއި ހަމައަށްވެސް ވިހަން މައިންގެ ގައިގައި އަޅާވޭނުގެ ބުރަދަން އަދިވެސް އެއުޅެނީ ކިރައިނުލެވިގެންނެވެ. އެކިމީހުން އެކިގޮތަށް ބުނަނީއެވެ. ޙަޤީޤަތަކީ އެކަން އަދި މިހައިތަނަށްވެސް ހޯދިފައި ނެތްކަމެވެ.
ލޮބުވެތި އުޚުތުންނޭވެ! އެހައި ބޮޑި ތަކްލީފެއް އުފައިލައިގެން ވިހެއުމަކުން އަދި ނުނިމެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މައިންގެ ޒިންމާތައް އެހިސާބުން އަދިކިރިޔާ އެދަނީ ފެށިގެންނެވެ. ދަރައިފުޅު ގެންގުޅެ ބަލައި ބޮޑުކޮށް މީސްތަކުން ފަޚުރުވެރިވާނެ ބަޠޮލަކަށް ހެދުމުގެ ޒިންމާ ފެށިގެންދަނީ އެހިސާބުންކަމަށްވާތީއެވެ.
ނަމަވެސް މިއަދު ކަންކަން ވަމުން މިދަނީ ކިހިނަކުންހެއްޔެވެ؟ ޙައްޤުތައް ގިނަވެ ދިގުވެ ބިޔަވެ އެދަރިން ބެލުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްވުރެ ކުރިއަށް ތިއަ ނެރެނީ އެދަރިފުޅު ބެލުމުގެ ޒިންމާ، ގިނަފަހަރަށް އެހެން ދީނެއްގެ މީހަކާއި ޙަވާލުކޮށްފައި ވަޒީފާއަށް ދިއުމުގެ ޙައްޤެވެ.
ލޮބުވެތި އުޚުތުންނޭވެ! ދިރިއުޅެން މަސައްކަތްކުރުމާއި ވަޒިފާއަދާކުރުމުގެ ޙައްޤު ތިއަ ކަނބަލުންނަށް ލިބިގެންވެއެވެ. އިސްލާމް ދީން އެކަމަށް ހުރަހެއް ނުއަޅައެވެ. އިސްލާމް ދީން ތިއަ އުޚުތުންނަށް ނުދެނީ ދަރިން ތަރުބިއްޔަތުނުކުރުމުގެ ޙައްޤެވެ. ﷲ ތަޢާލާގެ މަގުގައި ދަރިން ތަރުބިއްޔަތުނުކުރުމުގެ ޙައްޤެވެ. ދަރިން ތަރުބިއްޔަތުކުރި ގޮތާއިމެދު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހެނީ އެސަބަބަށްޓަކައެވެ.
ތަކުރާރުކޮށްލާނަމެވެ. އިސްލާމް ދީން ބަލިކަށިވަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ ތިއަ ލޮބުވެތި މައިންނާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ފޭލްވިކަމެވެ. ﷲ ތަޢާލާގެ ޙައްޤުތަކުގެ ކުރިއަށް ތިމާމެންގެ ޙައްޤުތައް ނެރެވޭކަމެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދަރިން ތަރުބިއްޔަތުނުކުރެވޭކަމެވެ.
އަޅުގަނޑުގެ މިބަސްކޮޅު ނިންމާލާނީ ލޮބުވެތި އުޚުތަކު ހަމަ މިމަޢުޟޫއަށް ލިޔުއްވާފައިވާ ވަރަށް ފުރިހަމަ ލިޔުމަކުންނެވެ. އަޅުގަނޑުގެ ލިޔުމާއި އެކަމަނާގެ ލިޔުން ގުޅުވާލުމުން މިދެއްކި ވާހަކަތައް ވަރަށް ފުރިހަމައަށް ފަހުމްވާނެއެވެ.
ހުރިހާ ޙައްޤުތައް ﷲ ދެއްވާފައިވީއިރު ނީލަމެއްގަ އޮންނަ ފިނިފެންމަލަކަށް ވެނުލައްވާ! ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ؟: ޖައިޝާން ސަޢީދު
ޖަހާލަތުގެ އަނދިރިކަމުން މުޅި ކައުނު އަލިކޮށްދެނިވި ވޮށެއްކަމުގައި ނޫރުލް އިސްލާމް ވީހިނދު، އެ މާތް ދީނުގެ އެންމެ މައިގަނޑު އެއް ބަހާއެއް ކަމުގައި ވެފައިވަނީ ކަނބަލުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމެވެ. ޖާހލިއްޔަ ޒަމާނުގައި އަންހެން ކަނބަލުންނަކީ ޖިސްމާނީ ލައްޒަތެއް ޙާޞިލްކުރުމުގެ ވަޞީލަތެއްކަމުގައި ދެކުންނަމަވެސް މާތް ވެގެންވާ އިސްލާމް ދީން އެކަނބަލުން ޢިއްޒަތްތެރި ކުރުވިއެވެ. ވާރުތަ މުދަލުން އެކަނބަލުންގެ ޙިއްސާ ކަނޑައެޅުއްވިއެވެ. ދިރިއުޅުމާއި ދިރިހުރުމުގެ ޙައްޤު އެކަނބަލުންނަށް ކަށަވަރުކުރެއްވިއެވެ. ޙައިޟު ނިފާސްކަމުގެ ދުވަސްވަރުގައި އެކަނބަލުންނަކީ ނަޖިސް ބައެއްގެ ގޮތުގައި ޖާހިލީ ޒަމާނުގައި ދެކުނަސް، އިސްލާމް ދީން އެކަން މަނާކުރައްވާ އެކަނބަލުންނީ ޠާހިރު ބައެއްކަމުގައި ލެއްވިއެވެ.
މިދެންނެވި ޙައްޤުތަކުގެ އިތުރުން ތަޢުލީމު އުނގެނުމާއި ވިޔަފާރި ކުރުމާއި ދުނިޔެވީ ރިވެތި އުޅުމެއް ވެއަތުކުރާނެ ޙައްޤުވެސް ދެއްވިއެވެ. މި ޙައްޤުތަކުގެ އިތުރަށްވެސް، އެންމެ އިސްކަމެއް ދެއްވާފައިވާ ޙައްޤަކީ އެކަނބަލުންގެ އަބުރާއި ޢިއްޒަތަށެވެ. އޭ އުޚްތާއެވެ! އިސްލާމްދީން ތިޔަ އުޚްތުންނަށް މިދެންނެވި ޙައްޤުތައް ދެއްވާފައިވީއިރު ނީލަމެއްގައި އޮންނަ ފިނިފެންމަލަކަށް ވެނުލައްވާށެވެ!
އުޚުތާއެވެ! ކަމަނާއަކީ އުއްމަތުގެ ދިރުމެވެ. އުއްމަތުގެ އުއްމީދެވެ. އުއްމަތް އަލިކުރާ އުއްމީދުގެ ހުޅުކޮޅެވެ. އެއީ ކީއްވެހެއްޔެ؟ ކަމަނާގެ ތިޔަ ނިޔަނެތި އަތްތަކުން މި އުއްމަތުގެ އެތައް މުޖާހިދުންނާއި މުޢައްލިމުންނާއި އެދުރުން ތަރުބިއްޔަތު ކުރަމުއެވެ. ކަމަނާ ދެއްވާ ފުރިހަމަ ތަރުބިއްޔަތުގެ ނަތީޖާއަކަށް ވެގެންދަނީ، މަކާރިމުލް އަޚްލާޤުގެ މަތިވެރި ފިލާވަޅުތައް ދަސްވެފައިވާ، ތަރުބަވީގޮތުން ކިޔަމަންތެރި ދަރިންތަކެއް މި އުއްމަތް ދިފާޢުކުރުމަށްޓަކައި ތިބުމެވެ. އެނގޭ ހެއްޔެވެ؟ ކަމަނާ އެ ދަރިންނަށް އުނގަންނައިދެއްވާ ކޮންމެ ފިލާވަޅަކީވެސް، މާދަމާ މި އުއްމަތް އެ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލްކުރާނޭ ފިލާވަޅުތަކެކެވެ. އެހެންނަމަވެސް، ނީލަމެއްގައި އޮތް ފިނިފެންމަލަކަށް ތިޔަ އުޚުތުން ވެއްޖެނަމަ، އެ ފިލާވަޅުތަކުން ޢިބްރަތް އަޅުގަނޑުމެން ޙާޞިލްކުރާނީ ކޮން ބީދައަކުން ހެއްޔެވެ؟
އުޚުތާއެވެ! ކަމަނާއަކީ ރާނީ އެކެވެ. އަގު ބޮޑު ޖަވާހިރެކެވެ. އިތާމުތައްވުރެ އަގު ބޮޑީ ކަމަނާގެ ކަރާމާތެވެ. ޢިއްޒަތެވެ. “ކޮހިނޫރު”ގެ ކުރިމަތީގައި ކަމަނާގެ ޢިއްޒަތް “އަގުބޮޑު”ވެގެންވެއެވެ. އެނގޭ ހެއްޔެވެ؟ ސުވަރުގެ ވަނީ ކަމަނާގެ ފައިތިލަ ދަށުގައެވެ. ދީނުގެ ދެބައިކުޅަ އެއްބަޔަކީ ކަމަނާއެވެ. ކަމަނާގެ ހެޔޮ ދުޢާއިން ކިތަންމެ މުޝްކިލް ކަމެއްވެސް މުމްކިން ވެދެއެވެ. އެނގޭ ހެއްޔެވެ؟ ބައްޕައަކަށް ލިބޭނެ އެންމެ ބޮޑު ހަދިޔާއަކީ ޢިއްފަތްތެރި އަންހެން ދަރިއަކު ތަރުބިއްޔަތު ކުރެވުމެވެ. ޢިއްފަތްތެރި ފިރިއެއްގެ އަތްމައްޗަށް ކަމަނާ ވެދުންކުރެމެވެ. ނަމަވެސް ކަމަނާގެ ރުހުމާއި އެކީގައެވެ. ކަމަނާ ލައްވާ ގަދަބާރުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، ނީލަމެއްގައި އޮންނަ ފިނިފެންމަލަކަށް ކަމަނާ ވާންބޭނުންވަނީ ފަހެ ކީއްވެހެއްޔެވެ؟
މިއަދުގެ ދުނިޔެއަށް ނަޒަރު ހިންގާލާށެވެ. އަދުގެ އުޚުތުންގެ ޢިއްޒަތް ކޮބާހެއްޔެވެ؟ އެކަނބަލުންގެ ކަރާމާތް ކޮބާހެއްޔެވެ؟ އެކަނބަލުންގެ ޙައްޤުތައް ކޮބާހެއްޔެވެ؟ އިސްލާމްދީން ގެނެސްދެއްވީ މާ ހަރުކަށި ޙައްޤުތަކެއްކަމަށް ވަކާލާތު ކުރާ މީހުން އެކަނބަލުން އޮރިޔާން ކޮށްފިއެވެ. އެކަނބަލުން ފަޟީޙައްކޮށްފިއެވެ. އެކަނބަލުންގެ ކަރާމާތް ވެއްޔާ މޮޑެލައިފިއެވެ. އެ މުތުގެ އަގު ވައްޓާލައިފިއެވެ. އެ ރީތި ފިނިފެންމާ ނީލަމަށް ލައިފިއެވެ.
އުޚުތާއެވެ! ކަމަނާގެ ދެއަތްތިލައިން ނޫނީ މި އުއްމަތް ހެޔޮމަގަކަށް ނޭޅުވޭނެއެވެ. ކަމަނާގެ އުނގުން ނޫނީޤާބިލް ޖީލުތަކެއް ބިނާ ނުކުރެވޭނެއެވެ. ކަމަނާއަކީ އުއްމަތުގެ ދިރުމެވެ. ރޫޙެވެ. އުއްމަތުގެ ފަޚުރެވެ. ކަމަނާގެ ޢިއްޒަތަށާއި އަބުރަށް ހުތުރުވާ އެންމެ ބަހެއްވެސް، އެންމެ ލަފްޒެއްވެސް، އަޑު އަހާކަށް މި ކަންފަތްތަކަށް ކުޅަދާނައެއް ނޫނެވެ. ކަމަނާއެވެ. ތިޔައީ އަގުބޮޑު ޖަވާހިރެކެވެ. “ކޮހިނޫރަށް” ވުރެވެސް ކަމަނާގެ ޢިއްޒަތް މަތިވެރިއެވެ. ވީއިރު ނީލަމެއްގައި އޮންނަ ފިނިފެންމަލަކަށް ތިޔަ ވެވަޑައިގަންނަވަނީ ކީއްވެހެއްޔެވެ؟