ދިވެހި ޤައުމިއްޔަތަށް ބުރޫއަރާނެ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ދިވެހިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މީގެކުރިން ކަންކަން ވީގޮތަށް އެއްވެސް ކަމެއް ނުހިނގާނެކަމަށެވެ. އޭގެބަދަލުގައި އިތުރުކުރަނީ އަމިއްލަ ކެޕޭސިޓީކަމަށާއި، އެ އެއްބަސްވުމުގައި އޮންނާނީ ދިވެހީންގެ އަމިއްލަ ކެޕޭސިޓީގައި ކަންކަންކުރާނެ ވާހަކަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެހެން ޤައުމެއްގެ ބައެއްގެ އަތްމައްޗަށް އެއްވެސް ކަމެއް ދޫކޮށްލާނެ ވާހަކަ ނޯންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޤައުމުގައި އަނެއްކާވެސް އެހެން ޤައުމެއްގެ ސިފައިން އައިސް ވަޒަންވެރިވާނެކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ކަންކަމުގައި އެހެން ޤައުމެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލާނެކަމެއްވެސް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ދަތުރުގައި އިޢުލާނުކުރި "ވިޝަން ފޯ ކޮމްޕްރެހެންސިވް ޕާޓްނަޝިޕް އޮން އިކޮނޮމީ އެންޑް މެރިޓައިމް ސެކިއުރިޓީ" އަކީ ލިޔެވިފައިވާ އެއްޗެއްކަމަށާއި، އެއީ މިހާރުވެސް ކޮންމެ މީހަކަށްވެސް ބަލާލަން ބޭނުންވިޔަސް ފެންނަން އޮތް އެއްޗެއްކަމަށެވެ. އަދި އޭގައިވާ ކޮންމެ ޖުމްލައެއްވެސް އޮންނާނީ ޑިފެންސް މިނިސްޓްރީން ބަލައި އެޕްރޫވްކޮށްފައިކަމަށާއި، އެ އެއްބަސްވުމުގައި އޮންނާނީ ދިވެހިރާއްޖޭގެ ސިޔާސަތާ އެއްގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ބޭރު ސިފައިން ތިބި މައްސަލަ އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ރިވެތިކޮށް ހައްލުވެފައިވާކަމަށާއި، ދެން އެކަން އެގޮތަށް ނުހިނގާނެކަމަށެވެ.
ރައީސް އަދި ވިދާޅުވީ ދިވެހި ޤައުމިއްޔަތަށް ބުރޫއަރާނެ އެއްވެސް ކަމެއް ނޯންނާނެކަމަށާއި، ހުރިހާ ކަމެއް އޮންނާނީ ސާފުކޮށްކަމަށެވެ. އަދި މިއީ ދެފުށްފެންނަ ސަރުކާރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.