ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ މުމްބާއީގައި ބޭއްވުނު އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ބޮލީވުޑް އިންޑަސްޓްރީގެ ފިލްމްތައް ރާއްޖޭގައި އުފެއްދުމަށް ދަޢުވަތު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، "ބޮލީވުޑް އިންޑަސްޓްރީގެ ފިލްމްތަކުގެ ސެޓްއަޕް ރާއްޖޭގައި ހަދައި، ފިލްމް އުފެއްދުމުގައި ރާއްޖޭގެ ރީތިކަން ބޭނުން ކުރެވިދާނެ. އެހެންވީމަ ފިލްމް ޓުރިޒަމްގައި ރާއްޖެ އިހުތިޔާރު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުހަބާ ކިޔާނަން," ކަމަށެވެ.
މި އަހަރު އެކަނިވެސް، އިންޑިއާއިން ރާއްޖެއަށް ލައްކައަކާ ގާތްކުރާ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަރަމުންދާކަމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ވިދިވިދިގެން 4 އަހަރު ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ މަޤާމު ހޯދާފައިވާ ޤައުމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށްކުރާ އިތުބާރުގެ ނަތީޖާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުޞަތުތަކަކީ، އިޤްތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ދިވެހިރާއްޖެ ދެކޭ ތަޞައްވުރަށް ބާރުދޭ ފަދަ ފުރުޞަތުތަކެއް ކަމުގައެވެ. މީގެ ތެރޭގައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް ހިމެނެއެވެ.
މީގެއިތުރުން، "މައިސް ޓުވަރިޒަމް" ފަދަ ފަތުރުވެރިކަމުގެ އައު ބާވަތްތައް ތަޢާރަފުކުރުމަށް އަމާޒުކުރައްވައިގެން، ފަތުރުވެރިކަމުގެ ލާސާނީ ތަޖުރިބާތަކެއް ފަރުމާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
2025 ވަނަ އަހަރު، ވެލާނާ އިންޓަނޭޝަނަލް ވައިގެބަނދަރާއި، ހަނިމާދޫ ވައިގެބަނދަރަށް ވެސް އެދެވޭ ބަދަލުތަކެއް ގެނެވޭނެކަމަށް ދެކިވަޑައިގަންނަވާކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅުތަކުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ބޮލީވުޑް އިންޑަސްޓްރީއަށް ރާއްޖޭގައި ފިލްމް އުފެއްދުމަށް ދެއްވި ދަޢުވަތަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު މަންޒިލެއް ހުޅުވައިދޭނެ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މި ދަޢުވަތުގެ ސަބަބުން، ރާއްޖޭގެ ޤުދުރަތީ ރީތިކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިތުރަށް ފެތުރި، ފިލްމް ޓުރިޒަމްގެ ސަބަބުން އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިުރިއެރުމެއް ލިބި، ވަޒީފާގެ އައު ފުރުޞަތުތަކެއް ވެސް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅާއި، އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ދެއްކެވި ވާހަކަފުޅުތަކަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަރުވައި ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވެއެވެ.