ދިވެހި ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުރިނަމަވެސް ދިވެހި ދައުލަތުގެ ފުރިހަމަ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ޚާރިޖިއްޔާގެ އެންމެ ފުރިހަމަ އެހީތެރިކަން ބޭރުގައި އުޅޭ ރައްޔިތުންނަށް ލިބޭނެގޮތަށް ކަންކަން ފުރިހަމަކުރުމަށް އެމަނިކުފާނު ގަސްތުކުރައްވާކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީވެސް އެގޮތަށްކަމަށާއި، ދިވެހި ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުރިނަމަވެސް އެރައްޔިތުންނަށް ދިވެހި ދައުލަތުގެ ފުރިހަމަ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތުތައް ބައްޓަންކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮންމެ ގޮތެއްވިޔަސް މިތާ އުޅޭ ދިވެހިންނަށް، މިތާ ހައިކޮމިޝަންހުރީމަ ލިބެންވާނެ ފަސޭހަތަކެއް ހުންނާނެ. އަޅުގަނޑު އެދެނީ ހައިކޮމިޝަންގެ ފަރާތުން މިހާރުލިބޭ ކޮންސުލް ޚިދުމަތްތަކާއި، މިހާރު ރަނގޅުކުރަން ހުރިކަންކަން ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެޤައުމުތަކުގައި އުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި، އެއީ ދިވެހިންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި އެކަންކަމަށް ޙައްލުތަކެއް ގެނެސްދެއްވުމަށްކަމަށެވެ.
މި ބައްދަލުކުރެއްވުމުގެއި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ "ދިވެހި ރައްޔިތުން އުޅޭ ޤައުމުތަކުގައި އެމްބަސީ ނުވަތަ ކޮންސުލަރ ޚިދުމަތަކީ ވީހާވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހެދުމަށް ރައީސް ވަރަށް ބޮޑަށް ބާރުއަޅުއްވާ. ޚާއްޞަކޮށް ރާރާއްޖެ ރެޕްރެޒެންޓުކުރާ އޮފީސްތަކަކީ ދިވެހިންނާ ވަރަށް ކައިރިން މަސައްކަތްކުރާ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހެދުމަށް ރައީސް ތަކުރާރުކޮށް ހަނދާންކޮށްދެއްވާ" ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ދިވެހިންނާއި ޚާރިޖިއްޔާއާއި ދިވެހި އެމްބަސީތަކާއި މިހާރު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދޭން ކުރަންޖެހޭ މަސައްކަތް ގިނަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.