ދިވެހި މުޖުތަމަޢަކީ ޤުރްއާނާ ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ރައީސް އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 24ސ
ދިވެހި މުޖުތަމަޢަކީ ޤުރްއާނާ ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ރައީސް އެދިވަޑައިގެންފި

އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އަރިހުން އެދެނީ، ކީރިތި ޤުރްއާނާއި، މޫރިތި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް، މި ދިވެހި މުޖުތަމަޢު ބަދަލުކުރުމުގައި، ތިޔަ އެންމެ ބޭފުޅުންގެ ބައިވެރިވުން ދެއްވުން. އެ ގޮތުން، ތިޔައިން ކޮންމެ ބޭފުޅަކު ވެސް މި ވަގުތު މިތާނގައި އަމިއްލަ ނަފުސުގެ މައްޗަށް ވަޢުދުވެވަޑައިގަތުން. ދޮގުހެދުމާއި، ދޮގު ޚަބަރު ފެތުރުމާއި، އާޑަ ފުރައްސާރައިގެ ފިތުނަވެރި ޢަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުއްވުން. އަޅުގަނޑުމެންނަށް  ދެއްވާ ރިޒުޤާއި، މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަނުކުރެއްވުން.

ތިމާ މަތިވެރިވެގަންނާން އަނެކާ ނިކަމެތިކުރާން ހިތުހުރިހައި ކަމެއް ކުރާއިރު، ތިމާއަކީ ގެ ޙަޟްރަތުގައި އަނެކާއަށް ވުރެ މަތިވެރި މީހެއްތޯ؟ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އަޅުގަނޑުމެންނަށް ދޫކުރެއްވި ވަޞިއްޔަތްޕުޅަކީ، މި ކަމުގައި ވެސް އޮތް އެންމެ ރަނގަޅު ގޮތް. އެ ކަލޭގެފާނު އުންމަތަށް ގޮވާލެއްވި. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންކުރެ އެންމެ މާތް މީހަކީ ތަޤުވާވެރިކަން އެންމެ ބޮޑު މީހެކެވެ".

ވުމާއެކު، ތިމާއަށް އަނެކާގެ މައްޗަށް މަތިވެރިވެގަތުމަށް ހިތުހުރިހައި ކަމެއް ކުރުމުގެ ޖާގަ ލިބިގެނެއް ނުވޭ ނޫންތޯ؟ އަޅުކަމާއި، ރިވެތި އަޚްލާޤާއި، ތަޤުވާވެރިކަމުން މެނުވީ، އެ މަތިވެރިކަން ލިބޭނޭ ހަމަ އެއްވެސް ގޮތެއް ނެތެއް ނޫންތޯ؟

 

ދިވެހި ލޮބުވެތި ރައްޔިތުން؛

 

ދިވެހިރާއްޖެ އިސްލާމްކަންމަތީގައި 900 އަހަރު ހަމަކުރަން ދާއިރު، މިއަދަކީ ވީހާ ވެސް ފުންކޮށް މުޖުތަމަޢަށް ބަލައި ކަޅިހިންގާން އެންމެ މުނާސަބު ދުވަސް. އަނެއްކާ ވެސް ޅެންވެރިޔާގެ ސިފަކުރެއްވުމަށް ބަލައިލާނަން.

ބަދު އަޚްލާޤުން ހޯދާ ޝުހުރަތު، ލަދުތަދު ފިސްކޮށް ނައްތާ ޣީރަތު
           މަދުއެތިކޮޅަކަށް ވިއްކާ ޢިޞްމަތު، ދެންވެސް ކިޔަނީ އިސްލާމުންނޭ

ދީނުގެ އަސްލެއް ނޭނގި އުސޫލެއް، އީމާންވާނޭ ނޭނގި ރަސޫލެއް
           ސީދާ މަގު ނުމެކޮށްމެ ގަބޫލެއް، ދެންވެސް ކިޔަނީ އިސްލާމުންނޭ

 

އަދި ވެސް އެއްބައިތު ދަންނަވާލަން.

ތަރުހީބުދެނީ އޮތް ލަޢުނަތަކަށް، މަރުދީ ބަލަނީ އޮތް ބިދުޢަތަކަށް
         ކަރުމަރު ހިފަނީ ނަމަ ރިޝްވަތަކަށް، ދެން ވެސް ކިޔަނީ އިސްލާމުންނޭ

އެހެންވީމާ، ދީނާ ބީރައްޓެހި ކިތައް މައްސަލައިގެ ތެރޭގައިތޯ އަޅުގަނޑުމެން އުޅެމުން މިދަނީ؟ މާތް ﷲ ނުރުއްސަވާ، އެކަލާނގެ ލަޢުނަތްލެއްވި އެތައް ކަމަކަށް ތަރުޙީބު ދެވޭކަން އެބަ އެނގޭ ނޫންތޯ. ދީނުގެ ނަމުގައި ގޯސް ކަންތައްތައް އެބަ ކުރެވޭ. ހިތްތަކުގައި އޮންނަން ޖެހޭ ނަޒާހަތްތެރިކަން ކޮބައިތޯ؟ ރިޝްވަތެއް ހޯދުމަށްޓަކައި ނަމަ، ފުރާނަދޭން ވެސް ފަސްނުޖެހޭކަމަށް ޅެންވެރިޔާ އެބަ ވިދާޅުވޭ.

ހަމަ އެހެންމެ މި ހުރިހައި ކަމެއް ހިނގާއިރު، މާތްވެގެންވާ އިސްލާމްދީނުގެ ޙަޤީޤީ ތަރަހަތަކާއި، ފުން މާނަތައް އަދުގެ ޖީލަށް ދޭހަ ނުވާކަން ވެސް އެބަ ފާހަގަކުރައްވާ. ވީމާ، ރާއްޖެ އިސްލާމްވީ ދުވަހަކީ މި ހުރިހައި ކަމަކާ އަޅުގަނޑުމެން ހުރިހައި އެންމެން ވިސްނާންވީ ދުވަސް. މި ކަޅު ޞަފުޙާ އަނެއް ފުށަށް ޖަހައި، އަލި އުޖާލާ މުސްތަޤުބަލެއް ރާއްޖެއަށް ގެނައުމަށް އާ ޢަޒުމެއް ދިރުވަންވީ ދުވަސް. 

އިއްތިފާޤުން މިއަދަކީ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ކަމުގައިވާތީ އަޅުގަނޑު ދިވެހި މުދައްރިސުންނަށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެން މި ރާއްޖެ ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުން ބިނާކުރަން ބޭނުންކަން ތަކުރާރުކޮށް އަޅުގަނޑު މިދަނީ ދަންނަވަމުން. އިންސާނިއްޔަތާއި، އަޚްލާޤާއި، މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގަންނަވަން ބޭނުން. މި ކަމުގައި ތިޔަ ހުރިހައި މުދައްރިސުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުން. ދިވެހި ދަރީން، ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކޮށްދެއްވާ! ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވާ! މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގެ ޝައުޤާއި ޤާބިލުކަން އަށަގަންނަވައިދެއްވާ! ހަމަ އެހެންމެ، މި ކަމުގައި ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލެއްވުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަމަށްޓަކައި އަޅުގަނޑުމެން އާރާސްތުކުރަން ޖެހޭ އަޚްލާޤީ އެތައް ބިނާއެއް އެބަހުރި. އަޅުގަނޑުމެން ދިއްލަންޖެހޭ އެތައް ވޮށެއް، ރޯކުރަންޖެހޭ އެތައް ދަންމަރެއް އެބަހުރި. 

އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި، އެއްރޫޙެއްގައި ގަދައަޅައި އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ފަށަމާތޯ! ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ހާލަތު ބަދަލުކުރުމަކީ، އަޅުގަނޑުމެންގެ ކަމެއް. ޙާލަތު ބަދަލުކޮށް، އިޞްލާޙަށް މަސައްކަތް ފެށުމުން، މާތް ﷲ އެ ކަމަށް ހެޔޮ ތައުފީޤު ދެއްވާނެ. އެހެންވީމާ، ޅެންވެރިޔާ ވިދާޅުވަނީ،

ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ޤައުމެއްގެ ޙާލާތެއް
           ނުވާ ނަމަ ޤައުމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް

ލޮބުވެތި އެންމެހައި ރައްޔިތުން؛ 

މިއަދުގެ ޒުވާނުންގެ ޖީލަކީ ޖެންޒީ. ޖެންޒީގެ ވިސްނުންތައް، ތަޖުރިބާތައް އޭގެ ކުރީގެ ޖީލުތަކާ އިންތިހާޔަށް ތަފާތު. ވިސްނާގޮތާއި، ފިކުރުކުރާ ގޮތްތައް ވެސް ތަފާތު. ދުނިޔެއަށް އަލަށް އައި ޓެކްނޯލޮޖީއާއި، އެކި ކަހަލަ ކުރިއެރުންތައް، އިންސާނީ މުޖުތަމަޢުތަކުގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި. އޭގެ ތެރޭގައި، އިސްތިޢުމާރީ ޙަރަކާތްތަކުގެ ދައުރު ކުޑައެއްވެސް ނޫން. އަދި ދުނިޔޭގައި ހިނގާ ސިޔާސީ އިޤްތިޞާދީ އެކިއެކި އޮއިވަރުތަކުގެ ރޯލުވެސް ވަރަށް ފުޅާ. މި ބަދަލުތަކުގެ ތެރެއިން، ޖެންޒީއަކީ ތަޢުލީމު ލިބިފައިވާ ފަލްސަފާގެ ސަބަބުން އަމިއްލަ މިނިވަންކަމަށް އިންތިހާއަށް ބޭނުންވާ ޖީލު. ލުއި އަވަސް ގޮތްތައް ފަހިވި ޖީލު.

އެހެންކަމުން، މިއަދު އަޅުގަނޑުމެން ޒުވާނުން ބާރުވެރިކުރުވަން މަސައްކަތްކުރަމުން ދާއިރު، މިހިރީ ވިސްނާލަން ޖެހޭ ކަންކަން. މިއަދުގެ ޒުވާނުން ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށްޓަކައި، މިޒުވާން ޖީލުގެ ވިސްނުމާ ގުޅުވައިލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެޒުވާނުން ހަދަންޖެހޭ. ދިވެހީންގެ ތާރީޚާއި، ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތް ޙަޤީޤަތްތައް، އެ ޒުވާނުންނަށް ވިސްނޭނެ ގޮތަކަށް އަންގައިދެވެންޖެހޭ. އިސްލާމީ ޝަޚްޞިއްޔަތާއި، ދިވެހި ޤައުމިއްޔަތަކީ، އެ ޒުވާނުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭ. ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ތިމަންނާއަކީ ވެސް މި ޤައުމާ އެއްކޮޅަށް ބަސްބުނާން، މި ޤައުމުގެ ތަރައްޤީއަށްޓަކައި ދާ އޮހޮރުވާން ހުރި ޒުވާނެއްކަން ހިތުގެ އަޑިން ޤަބޫލުކޮށް، ކަމަރު ބަންނަ ޒުވާނަކަށް ހެދުމުގެ ޤައުމީ، ދީނީ މަސައްކަތް ކުރަން އެބަ ޖެހޭ. އަދި މި ޖީލުގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާ ކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ. ޚާއްޞަކޮށް، އަޚްލާޤީ ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭ. 

ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރި ކަމެއް. އޭރުން އެ ބައެއްގެ ޟަމީރުގައި ހެޔޮނުބައި ކަނޑައެޅުމުގެ ބާރެއް ނޯންނާނެ. ދުނިޔޭގެ ވަޔާއި އޮޔާއެކު، އެ ބަޔަކަށް އަމާޒު ދައްކައިދޭ އާރުކާޓީއަކަށް އޭރުން ވާނީ ޝައިޠާނާ. ނުވަތަ އިންސާނާގެ ހަވާ ނަފުސު. މި ޙަޤީޤަތަށް ބަލާއިރު، މިއަދު ދިވެހި މުސްލިމު މުޖުތަމަޢަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ، މި ޤައުމުން ރޫޙާނީ ހުސްކަން ނައްތައިލުން. ދިވެހި ކޮންމެ ދަރިޔެއްގެ ރޫޙާނީ ފުދުންތެރިކަން ކަށަވަރުކުރަން އެބަޖެހޭ. އީމާނާއި ބުއްދިޔާއި ޢަމަލު އެއްފަސްކުރަން އެބަޖެހޭ. މި ކަމަށްޓަކައި މާތްވެގެންވާ އިސްލާމްދީން، އޭގެ ޙަޤީޤީ މާނައިގައި އުނގަންނައިދީ، މި މާތް ދީން ފޮނުއްވުނު މަތިވެރި މަޤުޞަދާ އެއްގޮތަށް، އެ ކަންކަން ދަސްކޮށްދޭން ޖެހޭ. ޢަމަލީ ގޮތުން ހާނަން ޖެހޭ. ދީނަކީ ގަބޫލުކުރުމާއި ޢަމަލުކުރުމެއް. ޙަޔާތުގެ ކޮންމެ ކަމެއް ކުރުމާއި ނުކުރުމުގައި، ގޮތް ނިންމާދޭ ޙުކުމްދާރަކީ މާތްވެގެންވާ އިސްލާމްދީންކަން، އަމިއްލަ ވިސްނުމުން ކޮންމެ ދިވެއްސަކަށްމެ ކަނޑައަޅާލަން އެބަ އެނގެންޖެހޭ. މި ދީނަށް އަޅުގަނޑުމެން އުޅޭކަމަށް ވާނީ، އަދި މި ދީނަށް އުޅޭތީ، މުޖުތަމަޢުން އޭގެ ސޫރައެއް ސިފައެއް، އޭރުން ނޫނިއްޔަކާ ނުފެންނާނެ. އަމާންކަމާއި، ރައްކާތެރިކަމާއި، ދެ ދުނިޔޭގެ ސަލާމަތް ކަށަވަރުވާނީ ވެސް އޭރުން. 

- ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން