ޢިބްރަތްތެރި ވާހަކަ: ކުށެއް ކުރެވުނަސް ޤަބޫލުކޮށް އިޞްލާޙްވާ ބައިވެރިޔާއަށް ދެވަނަ ފުރުޞަތުދިނުމަކީ ލޯބި އިތުރުވާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ޢިބްރަތްތެރި ވާހަކަ: ކުށެއް ކުރެވުނަސް ޤަބޫލުކޮށް އިޞްލާޙްވާ ބައިވެރިޔާއަށް ދެވަނަ ފުރުޞަތުދިނުމަކީ ލޯބި އިތުރުވާކަމެއް!

ކުށެއް ކުރަން ޤަބޫލުވާނެ އެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް އިންސާނަކަށްވީތީ ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ކުށެއް ކުރެވުމުން އެކަން ޤަބޫލުކޮށް މާފަށް އެދި ކުށް ތަކުރާރުނުކުރާނަމަ ބައިވެރިޔާ އާއި ވަކިވުމުގެ ބަދަލުގައި މާފުކޮށް ދެވަނަ ފުރުޞަތު ދިނުމަކީ މާއުފަލުގައި ދިރިއުޅެވޭ ސަބަބެކެވެ. އެކަންކަމަކީ ތަޖުރިބާއިން ޔަޤީންކުރެވޭ ކަމެކެވެ.  

ތިރީގައިވާ ވާހަކައަކީވެސް އެގޮތުން ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބިގެންދާ ވާހަކައެކެވެ.  

ވަރަށް ލޯބިން އެކުގައި ދިރިއުޅެމުންދިއަ ދެމަފިރިންނެވެ. އެއްރެއަކު ދެމަފިރިން އެކުގައި ސިޓިންގރޫމްގައި ތިބެފައި އަނބިމީހާ މީރު ކާއެއްޗެއް ތައްޔާރުކޮށްލަން ބަދިގެއަށް ދިއަ ވަގުތެވެ.  

މޭޒުމަތީގައި އޮތް އަނބިމީހާގެ ފޯން ރިންގވާން ފެށުމުން ބަލައިލިއިރު ގުޅަނީ "ބްރަދަރ ޔޫސުފް" އެވެ. ޅިޔަނާއި ބައްދަލުނުވާތާ އެތައް ދުވެހެއްވެފައިވާތީ ވާހަކަ ދައްކައިލުމުގެ ބޭނުމުގައި ކޯލު ނަގައި އަނގައިން ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ވާހަކަދައްކަން ފެށިއެވެ.  

"ހަލޯ ލޯބީ! ކޮބާ މާދަންރޭ ބައްދަލުކުރެވޭނެ ގޮތަށްތަ ކަންތައްތައް ހުރީ؟ ފިރިމީހާ މާދަން ފުރާތަ؟ ހށާދަ ކެތްމަދުވެފައޭ މިހިރީ!----" ފޯނުން ފިރިމީހާ ބޭނުންވިވަރަށް އަޑުއަހާފައި ގެންގޮސް ޅިޔަނުގެ ފޯނެއް ކަމަށް ބުނެފައި އަނބިމީހާގެ އަތަށް ފޯނުދިނެވެ. ފޯނުދީފައި ފިރިމީހާ ދިއައީއެވެ.  

އަނބިމީހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސް އަވަހަށް ފޯނުކަނޑައިލިއެވެ. ކައްކައިނިމިގެން ކާންހަދާފައި ފިރިމީހާ ހޯދަން ކޮޓަރިއަށްދާން އުޅެނިކޮށް ފިރިމީހާ އައިސް ބުންޏެވެ. "އަހަރެން ކަލެއާއިއެކު މިހައިތަނަށް ދިރިއުޅެމުން މިއައީ ވަރަށް އިތުބާރުކޮށްގެންނެވެ. ވަރަށް ލޯބިންނެވެ. ކަލޭގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރަމެވެ. ކައިވެނިކުރިފަހުން ހިލޭ އަންހެނެއްގެ ގައިގައި ސަމާސައަށްވެސް އެންމެ ފަހަރަކުވެސް ބީހިލާފައިވެސް ނުވާނެއެވެ. އޮފީސް ނިމޭއިރަށް މިއަންނަނީ ގެއަށެވެ.  

އެހުރިހާ ކަންކަމަށް ދިން އިނާމުން ފުދިއްޖެއެވެ. ކޮންމެހެން އަހަރެން ފުރީމާ މާދަން ރޭ ބައްދަލުކުރަން ލަސްކުރާނެ ކަމެއް ނެތެވެ. އަވަހަށް ބްރަދަރ ޔޫސް ގާތަށްދާށެވެ!"  

އަނބިމީހާ ވަރަށް ދެރަވެފައި އާދޭސްކުރިއެވެ. އެއްފަހަރަކަށް މާފުކުރުން އެދިއެވެ. "އަހަރެން އަދި ދުވަހަކުވެސް އޭނާ އާއި ބައްދަލެއް ނުކުރަމެވެ. ނަމަވެސް ފޯނުން ވާހަކަ ދެއްކުނެވެ. މާދަމާ ރޭ ބައްދަލުކުރަން އުޅުނީ އެއްވެސް ނުބައިކަމެއް ކުރާކަށް ނޫނެވެ. ހަމަ ފެނިލުމުގެ ބޭނުމުގައެވެ. އަހަރެންނަށް އެކުށް އެވަރަށް ކުރެވިއްޖެއެވެ. އެއްފަހަރަކަށް މާފުކުރާށެވެ!"  

ފިރިމީހާ ބުނީ އިތުބާރުގެއްލުމުން އެކުގައި އުޅެންވަރަށް އުނދަގޫވާނެ ކަމަށެވެ. ވީމާ އެންމެ ރަނގަޅުވާނީ ދެމީހުން ވަކިވުން ކަމަށެވެ. "އެންމެ ބޮޑު ސަބަބަކީ ކަލޭގެ އިތުބާރު ގެއްލުނީމާ މިލިބުނު ފޫހިކަމުގަ ހިލޭ އަންހެނެއްގެ ގައިގައި ބީހެވިދާނެތީ. އެއީ އަހަރެން ދުވަހަކުވެސް ކުރަން ބޭނުންވާ ކަމެއް ނޫން."  

އަނބިމީހާ އެދުނީ ފޮނުވާ ނުލައި ނޯކަރެއްގެ ގޮތުގައިނަމަވެސް އެގޭގައި ބައިންދައި ދިނުމަށެވެ. އަނބިމީހާ ރުއިވަރުންނާއި ކުރިއާދޭހުގެ ސަބަބުން ފިރިމީހާ އޭނާ ފޮނުވާ ނުލައި ބެއިންދިއެވެ. ވަރިކުރުންވެސް ފަސްކުރިއެވެ.  

ހިލޭ ދެމީހުން ގޮތަށް އުޅޭތާ ދުވަސްކޮޅަކުން ފިރިމީހާއަށް ވިސްނުނެވެ. "އަނބިމީހާއަށް މާފުނުކޮށް ވަރިކޮށް ފޮނުވާލާފައި ދެން ކައިވެނިކުރާ މީހާ ކަންތައްކުރާނެ ގޮތެއްވެސް އެނގެނީއެއް ނޫނެވެ. ވީމާ ފުރަތަމަ ފަހަރަށް މާފުކުރާނީއެވެ."  

އަނބިމީހާއަށް މާފުކޮށް އެކުގައި ދިރިއުޅޭތާ މިހާރު 16 އަހަރުވެއްޖެއެވެ. މާފުކޮށް އެކުގައި އުލެން ފެށުމުން އެކަމަށް ޝުކުރުކޮށް އަނބިމީހާގެ ކިބައިން އެއްވެސް ކުށެއް ފެނުނަކަ ނުދެއެވެ. އެބާވަތުގެ އެއްވެސް ކަމެއް ނުކުރާތީއެވެ. އެހެންވެ ދެމަފިރިން އަދިވެސް އުޅެމުންދަނީ ވަރަށް ލޯބިންނެވެ.  

ފިރިމީހާ ހުންނަނީ ވަރަށް އުފަލުންނެވެ! އަނބިމީހާ އާއިމެދު ފަޚުރުވެރިވެއެވެ. އަނބިމީހާގެ ތެދުވެރިކަމާ އިޚްލާޞްތެރިކަން ދައްކައިދިން ގޮތާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. ކުރިން ކަމެއްވެފައި އޮތްކަން މިހާރު އޭނާ ހަނދާނެއްވެސް ނެތެވެ.  

މިކިޔައިދިނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ކަންކަން ދިމާވި ގޮތެވެ. މިހާދިސާގައި ވަރަށް ރަނގަޅު 3 ފިލާވަޅު އެބައޮތެވެ.  

ފުރަތަމަ ފިލާވަޅަކީ ކިތަންމެ ސިއްރުން ނަމަވެސް ވައްކަން ކުރާނަމަ ބޭޒާރުވާނެ ވަގުތު އަންނާނެ ކަމެވެ.  

ދެވަނަ ކަމަކީ ކުށެއް ކުރެވުނަސް ފުރަތަމަ ފަހަރަށް މާފުކުރުމުގެ ހުރިފައިދާއެވެ. ނަޞޭޙަތަކީ ކައިވެނިކުރުމަށްފަހު ކައިވެންޏަށް ނުރަގަޅު އަސަރެއްކޮށްފާނެ އެއްވެސް ކަމެއް ނުކުރުމެވެ. 

ތިންވަނަ ފިލާވަޅަކީ އިންސާނަކަށްވީތީ ކުށެއް ކުރެވުނު ނަމަވެސް ތައުބާވެ ޢަމަލުތައް އިޞްލާޙްކޮށްފިނަމަ ލިބޭނެ އުފާވެރިކަމެވެ.  

އަޅުގަނޑުގެ މިކުރުކުރު ވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ.  

 

- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން