އާއިޝަތު ބޭރުން އައިސް ގެއަށް ވަންނަން އުޅުނިކޮށް ފެނުނީ ފާރުގައި ލެގިލައިގެންހުރި ކުޑަ އަންހެން ކުއްޖެކެވެ. ވާހަކަދައްކައިލުމުން އެނގުނީ މަންމައާއި ބައްޕަ ނިޔާވެފައިވާ ކަމެވެ. ގެންގުޅެނީ ބޮޑުދައިތަކަމެވެ. ބޮޑުދައިތަ ކަންތައްކުރަނީ ވަރަށް ގޯސްކޮށް ކަމެވެ.
ޢާއިޝަތު އެކުއްޖާ ގެއަށް ވެއްދިއެވެ. ރަނގަޅަށް ކާންދިނެވެ. ފިރިމިހާއަށް ތަޢާރަފްކޮށްދިނެވެ. ދެން ދިއައީ ކުއްޖާ ގޮވައިގެން ބޮޑު ދައިތަގެ ގެއަށެވެ. ބޮޑުދައިތަ ގާތުން އެދުނީ ކުއްޖާ އޭނާއަށް ދިނުމަށެވެ. ދެމަފިރިންގެ ކައިވެންޏަށް 8 އަހަރުވީއިރުވެސް ދަރިއަކު ލިބިފައިނުވާތީ ކުއްޖަކު ގެންގުޅުމުގެ ބޭނުމުގައެވެ.
ކުއްޖާ ގެއަށް ގެންގޮސް އަމިއްލަދަރިއަކު ފަދައިން ގެންގުޅޭތީ ކުއްޖާ ހުންނަނީ ވަރަށް އުފަލުންނެވެ. އެއްރޭ ކުއްޖާ ނިންދަވާފައި ގޮސް ކޮޓަރީގައި އުޅެނިކޮށް ދޮރުހުޅުވި އަޑު އިވިގެން ސިއްރުން ބެލިއިރު ކުއްޖާ ތެދުވެ އެނދުގައި އިނދެގެން ދެއަތް އުފުލައި ދުޢާކުރަނީއެވެ.
"މާތް ﷲ! އަޅުގަނޑުގެ މައިންބަފައިންނަށް އަޅުގަނޑު ދެއްވެވި ފަދައިން މިމަންމައާއި ބައްޕައަށްވެސް ކުއްޖަކު ދެއްވަވާނދޭވެ! އަދި އަޅުގަނޑުގެ މައިންބަފައިން ގެއްލުނު ފަދައިން މިމަންމަ އާއި ބައްޕަ އަޅުގަނދަށް ގެއްލުނަ ނުދެއްވަވާނދޭވެ! އާމީން"
މިއަޑު އިވުމުން ދެމަފިރިން ވަރަށް ޙައިރާންވިއެވެ. ވަރަށް އުފާވެސްވިއެވެ. ކުއްޖާއަށް ހެޔޮކޮށް ހިތުމާއި ލޯބިދިނުން އިތުރުވެސްކުރިއެވެ. އެއިގެ ފަހުން 2،3 މަސްވީތަނާ ޢާއިޝަތު ބަލިވެއިނދެއްޖެކަން އެނގުމުން ދެމަފިރިން އެކުއްޖާދެކެ ވަމުން އައި ލޯބި މާބޮޑުތަނުން އިތުރުކުރިއެވެ.
ދެމަފިރިންނަށް ލިބުނީ އެންމެ ކުއްޖެއް ނޫނެވެ. އެއްމާބަނޑު ދެކުދިންނެވެ. ވިހައިގެން ހޮސްޕިޓަލުން ގެއަށް އައުދެވުމުން އެކުއްޖާއަށް ބުންޏެވެ. "ދަރިފުޅާއެވެ. އުފާކުރާށެވެ! ތިއައީ އަހުރެމެންގެ ދޮށީ ދަރިފުޅެވެ. އެމަޤާމް ދުވަހަކުވެސް ނުގެއްލޭނެއެވެ."
އެދެމަފިރިން އެވަޢުދު ހިފެހެއްޓިއެވެ. ކުއްޖާއަށް ކިޔަވައިދިނެވެ. އާދައިގެ ވަރަކަށް ނޫނެވެ. ރާއްޖެއިން ކިޔެވޭނެ އެންމެ މައްޗަށެވެ. އެކުއްޖާ ބޮޑުވެ ކައިވެނިކުރުމުންވެސް ދަރިއަކުފަދައިން ގެންގުޅެނީ އެދެމަފިރިންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިގެނެސްދިނީ އެކުއްޖާއެވެ. އަޅުގަނޑުގެ އޮތް ހަމައެކަނި ބޭނުމަކީ އަޅުގަނޑުފަދައިން ނިކަމެތިވާ ކުދިންނަށް އއެހީތެރިވެދިނުމެވެ. އެކަމަށް ހެޔޮޖަޒާ ﷲ ތަޢާލާ ކޮންމެވެސް ސިފައެއްގައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ