ކޮންމެ ދުވަހަކު ގޭގެ މަސައްކަތްކުރަމުން ދަރިންބަލަމުން އަނބިނމީހާ އުފުލާ ބުރަ ވަޒަންނުކުރެވޭ ފިރިމީހާ އިޞްލާޙްކުރަން އަނބިމީހާ ބޭނުންކުރި އުކުޅު! ވަރަށް ކާމިޔާބު!

ކިޔުމަށް ހޭދަވާނީ 4މ 12ސ
ކޮންމެ ދުވަހަކު ގޭގެ މަސައްކަތްކުރަމުން ދަރިންބަލަމުން އަނބިނމީހާ އުފުލާ ބުރަ ވަޒަންނުކުރެވޭ ފިރިމީހާ އިޞްލާޙްކުރަން އަނބިމީހާ ބޭނުންކުރި އުކުޅު! ވަރަށް ކާމިޔާބު!

ބުރައީ ވަޒީފާއަދާކުރަން އޮފީހުގައި ފިރިހެނުން ކުރާ މަސައްކަތްތޯ ނޫނީ ގޭގެ ކަންކަން ބަލަހައްޓަމުން ދަރިން ބަލަމުން އަނބިން ކުރާ މަސައްކަތްތޯ ކުރެވޭ ބަހުސް މިހާރުވެސް ކުރިއަށް ދަނީއެވެ. މިއީ ބަހުސްކޮށްގެން ނަތީޖާއެއް ނެރެވެން އޮތް ކަމެއް ނޫނެވެ. ނަތީޖާއެއް ނެރެވެން އޮތް ހަމައެކަނި ގޮތަކީ އަނބިން ކުރާ މަސައްކަތްކުރަން ފިރިންނަށް ޖެހުމެވެ. 

ތިރީގައިވާ ވާހަކައަކީ މިގޮތުން ބަލައިފިނަމަ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އެވިސްނުމުގެ ފިރިންނަށް ދޭންޖެހޭ ފިލާވަޅެކެވެ. 

އަޅުގަނޑުގެ ފިރިމީހާއަކީ ގޯސްމީހެއް ނޫނެވެ. ހިލޭއަންހެނުން ގާތަށްދާކަން އެނގިފައެއް ނެތެވެ. މުސާރައިން ބޭކާރު ޚަރަދުތަކެއްވެސް ނުކުރެއެވެ. ނަމަވެސް ވަރަށް ބޮޑު މައްސަލައެއް އޮވެއެވެ. އެއީ 3 ދަރިން ބަލަމުން ގޭގައި އަޅުގަނޑުކުރާ މަސައްކަތުގެ އަގުވަޒަންނުކުރެވުމެވެ. 

ގެއަށް އައުމަށްފަހު ބަލާނީ އަޅުގަނޑަށް ނުކުރެވިހުރި ކޮންމެވެސް ކަމެއް ދެއްކޭތޯއެވެ. ނުވަތަ ކޮށްފައިވާ ކޮންމެވެސް މަސައްކަތަކުން އުނިކަމެއް ދެއްކޭތޯއެވެ! 3 ދަރިން ބަލަމުން ކައްކަމުން ، އެންމެންގެ އެއްޗެތި ދޮވެ އިސްތިރިކުރަމުން، އެނދުތައް ފޮޅައި ތަންމަތި އަޅަމުން ގޭތެރެ ކުނިކަހައި ސާފުކުރަމުން މޮޕްލަމުން މިހެންގޮސް ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތުގެ ބުރަކަން އެނގޭނީ ހަމަ އެފަދަ މަސައްކަތްތައް ކުރަންޖެހުނު މީހަކަށެވެ! 

އަޅުގަނޑުގެ މައިންބަފައިން ދިރިއުޅެނީ 300 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ. އެއިރު މަންމަމެންގެ ގާތަށް ނުދެވޭތާވެސް 2،3 އަހަރުވެއްޖެއެވެ. އެހެންވެ ކުރިއާލައި ފިރިމީހާ ގާތުގައި އެދިގެން މަންމަމެންނަށް ޒިޔާރަތްކޮށްލަން ދާނެ ދުވަހެއް ކަނޑައެޅީމެވެ. އަދި އެހަފްތާގެ ހަފްތާ ބަންދުގައި ފިރިމީހާ ކުދިން ބަލަން ގޭގައި މަޑުކުރާގޮތަށްވެސް ދެމީހުންގެ މެދުގައި އެއްބަސްވެވުނެވެ. 

އެއްބަސްވެފައިވާ ގޮތަށް ހުކުރު ދުވަހު ހަވީރު އަޅުގަނޑުފުރީއެވެ. އަޅުގަނޑު އެނބުރިގެއަށް އަންނަން ހަމަޖެހިފައި އޮތީ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އާދީއްތަ ދުވަހު ހަވީރު ގުޅާފައި ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ދަތުރުކުރެވެން ނެތްކަމަށާއި ޑޮކްޓަރު ހުއްދަދިނީމާ އެނބުރިދާނެ ކަމަށް ބުނީމެވެ. ފިރިމީހާވެސް އެކަމަކަށް ދެކޮޅެއް ނުހަދައެވެ. 

މަންމަމެންގާތުގައި 10 ވަރަކަށް ދުވަހު މަޑުކޮށްލާފައި އެނބުރި ދިއުމުން ފިރިމީހާ އުފަލުން ވަރެއް ނެތެވެ. ދުވެފައި އައިސް ބައްދައި އޮޅުލައިގެންފިއެވެ. މަންމަ މިއޮއް އައީއޭ ކިޔައި ކުދިންނަށް ގޮވަން ފަށައިފިއެވެ. 

ފިރިމީހާ ފުރަތަމަވެސް އެހީ އަޅުގަނޑުގެ ޙާލުގެ ވާހަކައެވެ. އަޅުގަނޑު ބުނީ އާދައިގެ ގޮތަކަށް ރަނގަޅު ކަމަށެވެ. ފިރިމީހާގެ ޙާލު ކިހިނެއްތޯ ސުވާލުކުރުމުން ބުނީ އުމުރުން 38 އަހަރުވީއިރު ހުރިހާ ގޮތަކުން މިހައި ދަތިޙާލުގައި އުޅެންޖެހުނު ދުވަސްކޮޅެއް ނުދެކޭ ކަމަށެވެ. ކުދިން ބަލަމުން ގޭތެރޭގެ ކަންކަން ކުރުމުގެ ހުރި ބުރަ އެނގިއްޖެ ކަމަށެވެ. މިހައިވަރުންވެސް ސަލާމަތްމިވީ ފާއިތުވި 10 ދުވަހު އެއްޗެތި ދޮވެ އިސްތިރިނުކުރާތީ ކަމަށްވެސް ބުންޏެވެ. 

"ބައެއް ފަހަރު ހަމަހިތަށް އަރާ ކާރަކަށް ކުދިންކޮޅު އަރުވާފަ ތިގެއަށް ފޮނުވާލާނަމޭ! އަނެއްބައި ފަހަރު ހިތަށްއަރާ ޔަތީމްޚާނާއަކަށް ގެންގޮސްލާންވީއޭވެސް! އެކަމަކު އަބަދު ބައްޕާއޭ ގޮވަމުން ފަހަތުން ދުވާތީ ހަމައެއިން އެއްވެސް ކަމެއް ކުރަންނުކެރުނީ! އަނބިމިހާއަށް މިހައިތަނަށް ބުނެވިފައިވާ ހުރިހާ ނުބައިބަސްތަކަށް ވަރަށް ބޮޑަށް މާފަށް އެދެން. އިތުރު ވަޒީފާއެއް ހޯދައި އާމްދަނީ އިތުރުކޮށްގެންނަމަވެސް ބަލާނަން ގެންގުޅޭނެ ކުއްޖަކު ހޯދައި ދެވޭތޯވެސް!" 

"ކޮބާ އަހަރެންގެ މުޅި އުމުރު މިދުއްވާލަނީ ތިއަ ގޮތުގަ. އެންމެ 10 ވަރަކަށް ދުވަހު ކެތްކޮށްނުލެވިގެން ދަރިންކޮޅު އުކާލަން ތިއައުޅުނީ! ދެން ކޮންމެހެން ގޭގަ ގެންގުޅޭ ކުއްޖަކު ހޯދަން އިތުރަށް މަސައްކަތްކުރާނެ ކަމެއް ނެތް! އެވަގުތު ގޭތެރޭގަ އަހަރެންނާއިއެކު މަޑުކޮށްލަދީ! އިރާދަކުރެއްވިއްޔާ ހުރިހާ މަސައްކަތެއްވެސް ކުރާނަން!" 

ފިރިމީހާ ބުނީ "އެހެން މިބުނީ ބަނޑުގަ ރިހުން ފަދަ މައްސަލަތައް ކުރިމަތިވާނަމަ ބުރަކޮށް މަސައްކަތްކުރަން ނުވާނެތީ ލުއިކޮށްދިނުމުގެ ގޮތުން!" ކަމަށެވެ. 

ޖަވާބުގައި "ފިރިމީހާ ހާދަ ރަނގަޅޭ! ފިރިމީހާ ކުރީގެ ވިސްނުން ދޫކޮށްލައި އަހަރެންވެސް މިކުރަނީ މަސައްކަތްކަން ދަނެގެން ލޯބިން އުޅޭނަމަ އަހަރެން ބައްޔެއް ނުވާނެ. ނޫނީ ދެން ހަމަ ވަރަށް ގިނައިން ބަލިވާނެ!" ކަމަސްވެސް ބުނީމެވެ. 

އަނބިމީހާ އެނބުނަނީ ކޮންވާހަކައެއްކަން ފިރިމީހާއަށް ވިސްނުނީ އެހައިވަރުންނެވެ. ފިރިމީހާ ބުންޏެވެ. "އިރާދަކުރެއްވިއްޔާ މިހާރުމިއީ ވަރަށް ބޮޑަށް ބަދަލުވެފައިވާ ފިރިއެކެވެ. ކަމެއް ނުކުރެވިހުރިނަމަ ޝަކުވާއެއް ނުކުރާނަމެވެ. އެކަމެއް ކޮށްލައިދޭނީއެވެ!" 

މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. މިއީ ބޭރުގައި ހިނގާފައިވާ ކަމެއް ނަމަވެސް މިއީ ހަމަ މިދިވެހިރާއްޖޭގައިވެސް އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ދަރިންބެލުމާ ގޭތެރޭގެ މަސައްކަތް ފިރިމީހާއަށް ބޭނުންވާ ފެންވަރަށް ނުކުރެވޭކަން އެއީ އަނބިން ވަރިކޮށް ދަރިންކޮޅުވެސް އުކާލަން ބޭނުންވުމުން ފިރިން ބޭނުންކުރާ އެންމެ ޢާންމު ހަތިޔާރެވެ! މިވާހަކައިގައި ފިރިމީހާއަކީ އަދި ތަންކޮޅެއް ރަނގަޅު މީހެކެވެ. 

ކޮންމެއަކަސް އަޅުގަނޑު ދެކޭ ގޮތުގައި މިއީ ހަމަ އަޅުގަނޑުމެންނަށްވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބިގެންދާ ޙާދިސާއެކެވެ. މިބާވަތުގެ ބައެއް ވާހަކަތައް މިއަދުނޫހުން އަޅުގަނޑު ކުރިންވެސް ވަނީ ކިޔައިފައެވެ. އަޅުގަނޑަކީވެސް މިދާއިރާއިން ކަންބޮޑުވުންތަކާއިއެކު ދިރިއުޅެންޖެހިފައިވާ އަންހެނަކަށްވުމުން ހަމަ ޙިއްޞާކޮށްލީއެވެ! އުންމީދަކީ ކިޔުންތެރިންނަށް ފައިދާހުރި ފިލާވަޅެއް ލިބުމެވެ.

 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން