ތަނަވަސްކަމުގެ ދަހިވެތިކަމުގަ ލޯބިވީ މީހަކަށް 2 ލޯބިވެރިން އެކަގަ ގެއްލި މޮޔަމީހަކަށްވާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ތަނަވަސްކަމުގެ ދަހިވެތިކަމުގަ ލޯބިވީ މީހަކަށް 2 ލޯބިވެރިން އެކަގަ ގެއްލި މޮޔަމީހަކަށްވާންޖެހުނު ގޮތުގެ ވާހަކަ-

އެންމެންނެކޭ ނުބުނެވޭނެއެވެ. ނަމަވެސް ތަނަވަސްކަމުގެ ދަހިވެތިކަމުގައި ލޯބިވާކަމަށް ހެދިގެން، ނުވަތަ ލޯބިވާކަން ދައްކައިގެން އުޅޭ މީހުން ގިނަވެއްޖެއެވެ. ތިރީގައި އެވަނީ އެފަދަ ޒުވާނަކަށް ޖެހުނު ޙާލުގެ ވާހަކައެވެ. ގެންގުޅުނު 2 ލޯބިވެރިން އެކުގައި ގެއްލި ދުނިޔެއިން މޮޔަވާންޖެހުނު ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ. 

އާދައިގެ ފެންވަރެއްގައި ދިރިއުޅެމުންދިއަ ދެލޯބިވެރިންނެވެ. ފިރިހެން މީހާ އޮފީސް ދަތުރެއްގައި މަހެއްހައި ދުވަހު ރަށުންބޭރުގައި އުޅުފައި އެނބުރި އައިދުވަހެވެ. ހަވީރު ރެސްޓޯރަންޓެއްގައި ދެމީހުން ބައްދަލުކޮށްފައި ފިރިހެން މީހާ ބުނީ އިތުރަށް މިގޮތަށް ކަލެއާއެކު އުޅެން ބޭނުންނުވާ ކަމަށެވެ. އަންގާރަހެންކުއްޖާ ބުނީ އޭނާއަށް 1 މިލިއަން ޑޮލަރު ލިބިއްޖެ ކަމަށެވެ. ބުނާއިރަށް ފިރިހެންމީހާ ބުނީ އަހަރެން ކަލެއާއިއެކު މިގޮތަށް އިތުރަށް ބޭނުންނުވާކަމަށް މިބުނީ ދެން އިތުރަށް އުޅެން ބޭނުންވަނީ ކައިވެނިކޮށްގެން ކަމަށްވާތީ ކަމަށެވެ. 

އެހިސާބަށް ވާހަކަދިއަތަނާ ފިރިހެންމީހާ މިހާރުނަގައިގެންއުޅޭ ލޯބިވެރިޔާ ރެސްޓޯރަންޓަށް އައިސް ދުރުގައި މަޑުކޮށްލިތަން ފެނުމުން އެބައަންނަން ކަމަށް ބުނެފައި ފިރިހެންމީހާ ތެދުވެގެންގޮސް އޭނާއާއި ބައްދަލުކުރުމުން އޭނާ ބުނީ މިއަދަކީ 2 މީހުންކުރެ އެކަކު އިޚްތިޔާރުކުރަންޖެހޭނެ ދުވަސްކަމަށެވެ. ފިރިހެންމީހާ އަނެއް ލޯބިވެރިޔާއަށް ލިބިފައިވާ 1 މިލިއަން ޑޮލަރަށް ދަހިވެތިވެފައިހުރިވަރުން ބުނީ ކަލެއާއެކު އެއްވެސް ގުޅުމެއް އިތުރަށް ބާއްވަން ބޭނުން ނޫންކަމަށާއި އަވަހަށް އެތަނުން ދިއުމަށެވެ. އެހެންބުނުމާއިއެކު އަންހެންކުއްޖާ އެތަނުން ހިނގައްޖެއެވެ. 

އެނބުރި ގޮސް ގޮނޑީގައި އިށީނދެފައި 1 މިލިއަން ޑޮލަރުލިބުމުން އެންމެ ފުރަތަމަ ކުރާނީ ކޮންކަމެއްތޯ ސުވާލުކުރިއެވެ. ލޯބިވެރިޔާ ބުނީ އެއިން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އެފައިސާ އެކުގައި ވަގުތުން ޞަދަޤާތްކޮށްފައިވާ ކަމަށެވެ. އެހެން ބުނުމާއިއެކު ފިރިހެން މީހާ ވަގުތުން ރުޅިގަދަވެ އެއްޗެތި ގޮވަންފެށިއެވެ. ލޯބިވެގެން އުޅެންވެސް ކައިވެނިކުރަންވެސް ދެން ބޭނުންނުވާކަމަށް ބުންޏެވެ. އަދި އޭނާއަކީ ބޮޑު މޮޔައެއް ކަމަށްވެސް ބުންޏެވެ. 

ކިޔާނެހައި އެއްޗެއް ކިޔައި ނިމުމުން އަންހެންމީހާ ބުންޏެވެ. "އަހަރެންނަށް 1 މިލިއަން ޑޮލަރު ލިބުނީ އަހަރެންނަކީ އެންމެ ރަނގަޅަށް މަސައްކަތްކުރާ މުވައްޒިފުކަމަށް ވިދިވިދިގެން 3 ވަނަ އަހަރު ހޮވުމުން ކުންފުނީގެ ވެރިމީހާ ދިން ހަދިޔާއެއްގެ ގޮތުގައެވެ. ލިބުމުން އޭނާގެ ކުރިމަތީގައި އަހަރެން އެފައިސާ ވަގުތުން ޞަދަޤާތު ފަންޑަކަށް ހަދިޔާކުރީމެވެ. އެކަމުން އޭނާއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އަހަރެންފަދަ އާދައިގެ ފެންވަރުގައި ދިރިއުޅޭ އަންހެނަކަށް އެހައިގިނަ ފައިސާ ލިބުމުން އެކުގައި ޞަދަޤާތްކުރީތީއެވެ. އެކަމަށް ތަޢްރީފްކުރަމުން އޭނާ ވަނީ އެކުގައި ޞަދަޤާތްނުކުރަން ވައުދުކުރުވާފައި ވަގުތުން އިތުރު 2 މިލިއަން ޑޮލަރު އަހަރެންނަށް ދީފައެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ ދެން އެންމެ ހިނދުކޮޅަކުވެސް ކަލެއާއި އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. އަހަރެން މިދަނީއެވެ. އަހަރެންނަށް ނުގުޅާށެވެ. ނަންބަރުވެސް ބްލޮކްކުރާނަމެވެ." 

އެހެންބުނެފައި ތެދުވެ ހިނގައިގަންނަން އުޅުމުން ދެފައިމައްޗަށް ތިރިވެ ވަރަށް އާދޭސްކުރިއެވެ. ނަމަވެސް މަޑުވެސްކޮށްނުލައި ނުކުމެގެންދިއައީއެވެ. ފައިސާއަށް ދަހިވެތިވީވަރުން ދެލޯބިވެރިން އެކުގައި ގެއްލުނީއެވެ. އަދި ކީއްހެއްޔެވެ؟ އެކަމުން ސިކުނޑިއަށް ކުރި ބާރު ބޮޑުވެ ލިބުނު ޝޮކުގެ ވަރުގަދަކަމުން ދުނިޔޭގައި އުޅެންޖެހުނީ މޮޔައެއްގެ ގޮތުގައެވެ. 

މިއީ އަޅުގަނޑުބަލާފައިވާ ފިލްމެއްގެ މުހިންމު މެސެޖެވެ. މިވާހަކަކޮޅުވީ އަޅުގަނޑަށް ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކަށެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިނާއި ޙިއްޞާކޮށްލީއެވެ. މިއަދު ހަމަ ގިނަބައަކު ލޯބިވަނީ ފައިސާދެކެއެވެ. އިންސާނުންދެކެ ލޯބިވަނީ މަދުމީހެކެވެ. މިފިލްމުންވެސް އެނގިގެންދަނީ ހަމައެކަމެވެ. 

ފުރަތަމަ ލޯބިވެރިޔާއަށް ބޮޑުތަނަވަސްކަމެއް ލިބުމުން ދެވަނަ ލޯބިވެރިޔާގެ އެއްވެސް ބޭނުމެއް ނެތެވެ. ވަގުތުން ދޫކޮށްލައި ވަކިވީއެވެ. ފުރަތަމަ ލޯބިވެރިޔާއަތުގައި 1 މިލިއަން ޑޮލަރު ނެތްވާހަކަބުނާއިރަށް 2 މިލިއަން ޑޮލަރު އަތުގައި އެބަހުރިކަމަށްބުނަންވެސް ފުރުޞަތުނުދީ އޭނާ އާއިވެސް ވަކިވީއެވެ. ލޯބިވެރިޔާއަތުގައި މިހާރު 2 މިލިއަން ޑޮލަރު އެބަހުރިކަން އެނގޭއިރަށް ކުރިން ބުނި ބަސްތައް އަނބުރާ ގެނެސް އަނެއްކާވެސް ލޯބިވީއެވެ. 

އެހެންކަމަށްވާނަމަ ލޯތްބަކީ ބޭންކް އެކައުންޓްފަދަ އެއްޗަކީހެއްޔެވެ؟ މިލިއަނުން ފައިސާހުންނައިރު ވަރަށް ބޮޑަށް ސަމާލުކަންދެވެއެވެ. ފައިސާނެތްނަމަ ބަލައިވެސް ނުލެވެއެވެ. ހަމަހައިރާނުން ޙައިރާންވާންޖެހޭވަރުގެ ކަމަކަށް އެކަން ނުވޭބާވައެވެ! 

އަޅުގަނޑު މަސައްކަތްކުރި ކުންފުނީގެ ވަރަށް ރަނގަޅު މަޤާމެއްގައި ހުރެ ބޮޑުމުސާރަ ލިބުނުއިރު މީހަކު އަޅުގަނޑުދެކެ ވަރަށް ލޯބިން އުޅުނެވެ. އެތަނުގެ ހިންގުމަށް ގެނެވުނު ބަދަލަކާއިއެކު ވަޒިފާ ތަންކޮޅެއް ދަށްވެ މުސާރަ ކުޑަވާއިރަށް ދުރަށް ދިއައެވެ. އެއިގެ 3 މަސްފަހުން އަނެއްކާވެސް ވަޒީފާ މަތިވެ ބޮޑުމުސާރަލިބެންފަށާއިރަށް އަޅުގަނޑު ދެކެ ލޯބިވާވަރު ބޮޑުކަމުން ދުރުގައި ނުހުރެވިގެން ގުޅަން ފެށިއެވެ. އެކަން ހުއްޓުނީ ހަމަ ނަންބަރު ބްލޮކްކޮށްގެންނެވެ. 

ވީމާ މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ޖަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

 

މިއަދު އޮންލައިން