ޢިބްރަތްތެރި ވާހަކަ: ތިމާ އިޞްލާޙްނުވެ ހުރެ ދަރިފުޅުގެ ގާތުގަ ރަނގަޅަށް އުޅެން ބުނި ބައްޕައަކަށް ދަރިފުޅުދިން އަގުހުރި ފިލާވަޅު! ވަރަށް ޢިބްރަތްތެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޢިބްރަތްތެރި ވާހަކަ: ތިމާ އިޞްލާޙްނުވެ ހުރެ ދަރިފުޅުގެ ގާތުގަ ރަނގަޅަށް އުޅެން ބުނި ބައްޕައަކަށް ދަރިފުޅުދިން އަގުހުރި ފިލާވަޅު! ވަރަށް ޢިބްރަތްތެރި!

ކޮންމެ ކަމެއްގައިވެސް އޮތީ ނަމޫނާ ދެއްކުންކަމަށް އަހުރެމެން އެންމެންވެސް އެބަ ޤަބޫލުކުރަމުއެވެ. މާނައަކީ ރަނގަޅު ނަތީޖާ ނެރެވޭނީ ނަމޫނާ ދައްކައިގެން ކަމަށް އެންމެންވެސް ޤަބޫލުކުރާނެއެވެ. ނަމަވެސް އެކަމަށް ޢަމަލުނުކުރެވޭ ބައަކު އަބަދުވެސް އުޅެއެވެ. 

ތިރީގައި އެވަނީ ތިމާ އިޞްލާޙްނުވެ ހުރެ ރަނގަޅަށް އުޅެން ދަރިފުޅަށް ނަޞޭޙަތްދިން ބައްޕައަކަށް ކުރިމަތިވި ކަންތައްތަކުގެ ވާހަކައެވެ. މިވާހަކައަކީ ބައްޕައެއްގެ ވާހަކަނަމަވެސް މިވާހަކައަކީ މިފަދަ ގޮތްގޮތަށް ކަންކަން ކުރެވޭ ކޮންމެ ބައްޕައަކަށާއި މަންމައަކަށްވެސް ވަރަށް އަގުހުރި ފިލާވަޅެކެވެ. އިން ޝާ ﷲ 

އެދެމަފިރިންނަކީ ވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅުނު ދެމަފިރިންނެވެ. ހުންނަނީ އެންމެ އަންހެންކުއްޖެކެވެ. ދެމަފިރިންވެސް އެ ކުއްޖާ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ގެންގުޅެ ބޮޑުކުރަނީ ވަރަށް އުފަލުގައި ބަހައްޓައިގެންނެވެ. 

ދަރިފުޅުގެ އުމުރުން 15 އަހަރުގައި އެއްދުވަހަކު ސްކޫލަށް ގޮސް ކްލާހުގައި އިނދެފައި ބޮލުގައި ރިއްސާތީ ގެއަށް އައިރު ބައްޕަގެ ކޮޓަރިން ބައްޕައާއި އަންހެނަކާއި ވާހަކަދައްކާ އަޑުއިވުމުން ކުއްޖާ ވިސްނައިލިއެވެ. "މިއީ ބައްޕަ އޮފީހުގައި އުޅެންޖެހޭނެ ގަޑިއެވެ. އެއިވެނީ މަންމަގެ އަޑެއް ނޫނެވެ. މިވަނީ ކިހިނެއްބާވައެވެ!" 

މަޑުމަޑުން ތަޅުގައި ހިފައިލިއިރު ހުރީ ތަޅުލައިފައެވެ. ޓަކިޖެހުމުން ބައްޕަ ދޮރުހުޅުވިއެވެ. އަދި މިގަޑިގައި ގެއަށް އައީ ކީއްކުރަންތޯ ސުވާލުކުރުމުން ދަރިފުޅުވެސްކުރީ ހަމަ އެސުވާލެވެ. "މިގަޑީގައި ބައްޕަ ގޭގައި އުޅެނީ ކީއްވެގެންތޯއެވެ؟" ސުވާލުކުރުމާއިއެކު ކޮޓަރިތެރެއަށް ވަނެވެ. އެނދުގައި ނުދަންނަ އަންހެނަކު އޮއްވައި ފެނުމުން "ސޮރީ" ބުނެފައި ނުކުތެވެ.

 

އެއިގެ 2،3 ދުވަސްފަހުން މަންމަގެ މަންމަ އާއި ބައްދަލުކުރަން މަންމަ އެގެއަށް ދިއަރެއަކު ބައްޕަ ގޭގައި އުޅެނިކޮށް ދަރިފުޅު އޭނާގެ ރައްޓެހި ފިރިހެން ކުއްޖަކު ގެއަށް ގެނެސް ސިޓިންގރޫމްގައި ތިއްބާ ބައްޕަ އަންނަތަން ފެނުމުން ފިރިހެންކުއްޖާގެ ގައިގައި ބައްދައިލިއެވެ.

 

ގަތްލަދުން ފިރިހެން ކުއްޖާ ނުކުމެގެންދިއަތަނާ ބައްޕަ އައިސް ދަރިފުޅާއި ޝަކުވާކުރަން ފެށިއެވެ. ފިރިހެންކުދިން ގެއަށް ގެނެސް ގޯސްގޮތްގޮތަށް އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް ބުންޏެވެ. އެބާވަތުގެ ކަންކަން ނުކުރަން ދަރިފުޅަށް ވަރަށް ނަޞޭޙަތްދިނުމުން ދަރިފުޅު ބުންޏެވެ.

 

"ބައްޕާއެވެ! ހިލޭ އަންހެނުންނާއިއެކު ބޭނުންހައި ގޮތަކަށް އުޅެން ބައްޕައަށް ހުއްދަ އޮންނަނަމަ އަޅުގަނޑަށް އެހުއްދަ ނުއޮންނަންވީ ކީއްވެގެން ތޯއެވެ؟ އަޅުގަނޑުވެސް މިހުރީ ބާލިޣްވެ ބޮޑުވެފައެވެ. ދެން ބައްޕަ ތިއަ ބުނުއްވަނީ އަޅުގަނޑު ފިރިހެނެއްގެ ގައިގަ ބައްދާލުމުން ބައްޕަ ވަރަށް ދެރަވެއްޖެ ކަމަށެވެ. ބައްޕަ ހިލޭ އަންހެނުންގެ ގައިގަ ބެއްދީމާ މަންމަ ދެރައެއް ނުވާނެތޯއެވެ؟ އަޅުގަނޑު ފިލާވަޅު މިދަސްކުރީ ބައްޕަގެ ގާތުންނެވެ! އިސްލާމް ދީނުގައި ބައްޕވީމާ ވަކިކަމެއް ހުއްދަވެފައި ދަރިފުޅު އެކަން ކުރީމާ ޙަރާމްވާގޮތަށް އޮންނަނީތޯއެވެ؟"

 

ބައްޕަގެ ބަސްހުއްޓުނެވެ. ދެވޭނެ ޖަވާބެއް ނެތުމުންނެވެ. ބާރަށް ރޯން ފެށިއެވެ. ބުންޏެވެ. "ދަރިފުޅާއެވެ! އެއީ ބައްޕައަށްކުރެވުނު ވަރަށް ބޮޑު ކުށެކެވެ. ދަރިފުޅު ތިއަދިނީ ބައްޕައަށް ވަރަށް އަގުހުރި ފިލާވަޅެއްކަމަށް ހިތުގެ އަޑިން ޤަބޫލުކުރަމެވެ. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އެބާވަތުގެ އެއްވެސް ކުށެއް ނުކުރާނަމެވެ. މަންމަގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާނަމެވެ."

 

ދަރިފުޅު ބުންޏެވެ. "ބައްޕަ ދެރަނުވާށެވެ. އެއީ އަޅުގަނޑުގެ ލޯބިވެރިއެއް ނޫނެވެ. ލޯބިވެރިއަކު ނުވެސް ހުންނާނެއެވެ. ހަމަ ވަރަށް ގާތް އެކުވެރިއެކެވެ. ވަރަށް އަޚްލާޤް ރަނގަޅު ޒުވާނެކެވެ. އޭނާއަށް ގުޅާފައި މާފަށްވެސް އެދޭނަމެވެ. އެކަންކުރީ ހަމަ ބައްޕައަށް ދައްކާލަންވެގެންނެވެ. އެކަންކުރީވެސް މާމަ، (ބައްޕަގެ މަންމަ) ދިން ނަޞޭޙަތަށެވެ. ކަންތައް މިކުރީ މާމަބުނި ގޮތަށެވެ." އެހިސާބަށް ބުނެވުނުތަނާ މަންމަ ގެއަށް އައުމުން ދެބަފައިންގެ ވާހަކަ ހުއްޓައިލީއެވެ.

 

އެއިގެ ފަހުން ބައްޕަ އެފަދަ އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހާ ކަންކަން އިޞްލާޙްކުރިއެވެ.

 

މިވާހަކަ އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ މިއީ ވަރަށް ޢިބްރަތްތެރި ފިލާވަޅެއްކަމަށް އަޅުގަނޑަށް ވިސްނިގެންނެވެ. ފާހަގަކުރަންވީ މިހާރުގެ ދަރިންގެ ހުރި ހޭލުންތެރިކަމެވެ. ބައްޕަ އިޞްލާޙްކުރުމަށް އެ މަސައްކަތްކުރީ ބައްޕައަށް ގެއްލުމެއް ނުދީ އެކަންކުރެވޭނެ އެންމެ ރަނގަޅަކަށެވެ. ބައްޕަފަރާތުގެ މާމައަށް ޙިއްޞާއެކުރީ މާމަ އެކަން ސިއްރުކޮށް ދެމަފިރިންގެ ކައިވެނި ސަލާމަތްކުރަން މަސައްކަތްކުރާނެތީއެވެ.

 

ހަމައެއާއިއެކު މިފަދަ ގޮތްގޮތަށް އުޅޭ ބައްޕައިންނަށް މިވާހަކޮޅުގައި ވަރަށް ބޮޑު ޢިބްރަތެއްވާކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ދަރިންގެ ކުރިމަތީގައި އަނގަ ތަޅުނުލެވޭނެ ގޮތްގޮތަށް ޢަމަލުތައް ބަހައްޓަން ރަނގަޅު ފިލާވަޅަކަށްވާނެ ކަމަށް ވެސް އުންމީދުކުރަމެވެ.

 

--ޛުލައިޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

 

މިއަދު އޮންލައިން