ހެޔޮ ޢަމަލެއް ކުރާއިރަށް ކޮންމެ މީހަކަށް ވަޤުތުން އެމީހަކަށް ހެޔޮގޮތްތައް މެދުވެރިނުވެދާނެއެވެ. ވަޤުތުން ހެޔޮގޮތްތައް މެދުވެރިވާނީ މަދުމީހަކަށެވެ. މަދުފަހަރަކުއެވެ. ނަމަވެސް އެންމެންނަށްވެސް ހެޔޮގޮތްތައް މެދުވެރިވާނެއެވެ. ބައެއް މީހުންނަށް މިދުނިޔެއާއި ޢާޚިރަތުގައެވެ. އަނެއްބައަކަށް ހަމައެކަނި އާޚިރަތުގައެވެ. އެކަން ކަނޑައެޅުއްވެވުންވަނީ ހަމައެކަނި މާތް ﷲ ގެ ޙަޟްރަތަށެވެ.
ތިރީގައި އެވަނީ މާތް ﷲ އަށްޓަކައި އޭނާގެ ފެންވަރުން ނިކަމެތިންނަށް އެހީތެރިވަމުން ދިއަ ޒުވާން އަންހެން ކުއްޖަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކައެވެ. ތަނަވަސް މީހެއްގެ ކައިވެނި ލިބުނު ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އެއީ ޒުވާނެކެވެ. ނަމަވެސް ލޮލަށް ނުފެންނަ ޒުވާނެކެވެ. ހުރީ ބައުވެ ވީދިފައިވާ ހެދުމެއްލައިގެން ކަޅު އައިނެއްވެސް އަޅައިގެންނެވެ. އޭނާ އާދޭސްކުރަމުން ދިއައީ މަގުހުރަސްކުރަން އޭނާއަށް އެހީތެރިވެދިނުމަށެވެ.
އެއްވެސް މީހަކު އޭނާއަށް ސަމާލުކަމެއް ނުދެއެވެ. 2 ގަޑިއެއްހާއިރު ހުރިއިރުވެސް އެއްވެސް މީހަކު އޭނާއަށް އެހީތެރިއެއް ނުވިއެއެވެ. އެހެން ހުއްޓައި ކޮތަޅުތަކެއް ހިފައިގެން ވަރަށް ބަރުކޮށް ހިނގަމުން އައި ފަޤީރު އަންހެންކުއްޖަކު އޭނާއަށް އެހީތެރިވެ މަގުގެ އަނެއްފަރާތަށް ގެންގޮސްދިނެވެ.
ގެންގޮސްދިނުމުން ޒުވާނާ އެދުނީ ބުރަކަމަކަށް ނުވާނަމަ އެތަނާ ވަރަށް ކައިރީގައި އޮތް ރަތްކުލައިގެ ކާރަކާއި ހަމައަށް ގެންގޮސް ދިނުމަށެވެ. އެއީ އެއްވެސް ކަމެއް ނޫންކަމަށްބުނެ ކާރުކައިރިއަށް ޒުވާނާ ގެންގޮސްދިނުމުން ލޮލުން ކަޅުއައިނު ނެގިއެވެ. އަދި ޖީބުން ރިމޯޓް ނަގައި ކާރުގެ ދޮރުހުޅުވާލުމަށްފަހު ފަހަތު ސީޓަށް އަރަން އަންހެންކުއްޖާގެ ކިބައިން އެދުނެވެ.
ޒުވާނާ ލައިގެންހުރި ހެދުމަށާއި ކާރުގެ އަގުބޮޑުކަމަށާއި އަދި ލޯފަން މީހަކަށް ހެދިގެން އުޅުން ފަދަ ކަންކަމަށް ވިސްނާލުމުން އަންހެންކުއްޖާއަށް ލިބުނު ސިހުމުގައި މިއީ ނުރައްކައުތެރި މީހަކު ކަމަށް ހީކުރެވި ކުޑަކޮށް ފަސްޖެހެވުނެވެ. އެވަގުތު ޒުވާނާ އޭނާގެ ކާޑުދައްކައި އޭނާއަކީ ކާކުކަން ބުނެދިނުމުން ﷲ އަށް ވަކީލުކުރަމުން އަވަސްއަވަހަށް ކާރަށް އެރިއެވެ.
ޒުވާނާ އަންހެންކުއްޖާގެ އެޑްރެސް އޮޅުންފިލުވައިގެން އޭނާ ގޮވައިގެންދިއައީ އެނާގެ ގެއަށެވެ. ގެއަށް ގޮސް މައިންބަފައިންނާއި ބައްދަލުކުރުމަށްފަހު ބުންޏެވެ. "އަހަރެންނަކީ މިލިއަނަރުން ފެންވަރުގެ ތަނަވަސްކަންހުރި މީހަކީމެވެ. އަހަރެން ލޯއަނދިރިމީހަކަށްހެދިގެން މަގުމަތީގައި އެތައް ދުވަހަކު ހުރެއްޖައީމެވެ. އެއީ ކައިވެނިކުރާނެ ހިތްހެޔޮ، އޯގާތެރި ބައިވެރިއަކު ހޯދުމުގެ ބޭނުމުގައެވެ. އެއިމްތިހާނުން ކަލޭމެންގެ ދަރިފުޅު ވަރަށް ރަނގަޅަށް ފާސްވެއްޖެއެވެ. ވީމާ އަހަރެން އެދެނީ ކަލޭމެން ރުހޭނަމަ ކަލޭމެންގެ ދަރިފުޅާއި ކައިވެނިކުރާށެވެ!"
އެމީހުން އެކަމަށް އެއްބަސްވުމުން އެމީހުންނަށް ފައިސާކޮޅެއްދީފައި މާދަމާރޭ 7 ޖަހާއިރު އެންމެން ބަލައި ފޮނުވާނެކަމަށާއި ތައްޔާރުވެގެން ތިބުމަށް ބުނެފައި ޒުވާނާ ދިއައީއެވެ. ޒުވާނާ އޭނާގެ ވައުދު ފުއްދިއެވެ. އަނެއްރޭ ޢާއިލާ އެކުގައި އޭނާގެ ގެއަށްގޮސް ކައިވެނިކުރިއެވެ. އެކައިވެނީގައި މިހާރު 20 އަހަރުވެއްޖެއެވެ. ދިރިއުޅެމުން ގެންދަނީ ނުހަނު އުފާވެރިކަމާއިއެކުގައެވެ.
މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. އަޅުގަނޑަށް ވަރަށް ޢިބްރަތެރިވާހަކައެކެވެ. މީހާގެ ނިކަމެތިކަމަށް ނުބަލައި ނިކަމެތިންނަށް އޯގާތެރިވުމުން ކުރާ ފައިދާގެ ބޮޑުކަން އެނގިގެންދާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް ހީކުރަމެވެ.
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް