މިއަދު އަޅުގަނޑުމެންގެ ކުދި ދަރިން ކިޔަވަނީ ހަމައެކަނި މުސްލިމް ކުދިންނާއިއެކުގައެއް ނޫނެވެ. އެހެން ދީންކަމުގެ ކުދިންނާއިއެކުގައިވެސް ކިޔަވައެވެ. ވީމާ އެކުދިންނާއި ދެކެވޭ ވާހަކަތަކުން ކުދިންގެ ވިސްނުމުގައި ވަރަށް ގިނަ ސުވާލުތައް އުފެދޭނެ ވާހަކަތައްވެސް ދައްކާނެއެވެ.
އެކަމަށް ހޭލުންތެރިނުވެވިއްޖެނަމަ ދަރިފުޅުގެ ޢަޤީދާއަށް އެކަމުގެ އަސަރުކޮށް ނުބައި މަގުތަކުން ދެވޭތަން އަންނަނީ ފެންނަމުންނެވެ. އެހެންވެ ފާހަގަކޮށް މިލަނީ އެންމެ މުހިންމު އެއްކަންތަކެވެ. މިއީ ދަރިންނަށް ވަރަށް ރަނގަޅަށް އަންގައިދޭންޖެހޭ ކަމެކެވެ.
ސުވާލު: މާތް ﷲ ފިޔަވައި އިތުރު ކަލަކު ވޭހެއްޔެވެ؟
ޖަވާބު: އަޅުކަންކުރެވޭ ކޮންމެ ފަރާތަކަށް ބަހުގެ ގޮތުން ކިޔާނީ "އިލާހު ނުވަތަ ކަލާންގެ" އެވެ. މުސްލިމުންގެ ޢަޤީދާ އަކީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވަތަ ކަލާންގެ އަކު ނުވާކަމަށެވެ. އަދި ﷲ ފިޔަވާ އަޅުކަންވެވޭ އެންމެހައި ފަރާތްތަކަކީ ބާޠިލްކަމަށެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މާނައަކީ ބޮނޑަށް އަޅުކަންކުރާމީހުން އުޅޭތީ އެބޮނޑަށްވެސް ބަހުގެ ގޮތުން ކިޔާނީ ކަލާނގެއެއް ކަމަށެވެ.
މުސްލިމުންގެ ޢަޤީދާ އަކީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވަތަ ކަލާންގެ އަކު ނުވާކަމަށް" ޔަޤީންކުރުމެވެ. ޝަހާދަތުގައި މުސްލިމުން ހެކިވަނީ އެކަމަށެވެ.
ވީމާ ކިތަންމެ ގިނަ ކަލާނގެތައް އުފައްދައި އެއަށް އަޅުކަންކުރިނަމަވެސް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވަތަ ކަލާންގެ އަކު ނުވެއެވެ. ޝަހާދަތް ކިޔައި މުސްލިމުން ހެކިވަނީ އެކަމަށެވެ.
ދަރިންގެ ޢުމުރާއި ގުޅޭ ގޮތަށް މިކަންކަން ދަރިންނަށް ދަސްކޮށްދެއްވާށެވެ! އެކުދިންނަށް މިކަންކަން ދަސްކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ބެލެނިވެރިންނަށެވެ. އަދި އެންމެ ބޮޑު ދައުރެއް އަދާކުރަންޖެހޭނީވެސް މައިންބަފައިންނަށެވެ. އިހްމާލްވިނަމަ ޤިޔާމަތްދުވަހު ޖަވާބުދާރީވާންޖެހޭނެތީއެވެ.