މިރޭ ބަހެއް ބުނެލަން މިއުޅެނީ މިހާރަކަށް އައިސް ގިނަ ބައަކަށް ހިފިގެންއުޅޭ އެންމެ ނުބައިކަންބޮޑު އަދި އެންމެ ގެއްލުންހުރި އާދައާއިމެދުގައެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ތައުބާވެ ހެޔޮ އަމަލުތައް ފެށުމަކީ އުމުރުން ދުވަސްވެ މުސްކުޅިވެ ދިރިއުޅެން ކުރާ މަސައްކަތް ހުއްޓާލަންވެސް ޖެހި ހުރިހާ ވަގުތެއް އަޅުކަމުގައި ހޭދަކުރަން މަގުފަހިވުމުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ހިތާމައަކީ މިފަދަ ވިސްނުމުގައި ތިއްބައި ކުއްލިއަކަށް މަރުގެ މަލާއިކަތާ ވަޑައިގެން މަރު ހިއްޕަވާ ކަމެވެ. ފުރާނަ ގެންދަވާ ކަމެވެ.
ގިނަބައަކާއި މަރުގެ މަލާއިކަތާ ބައްދަލުކުރައްވަވަނީ އެމީހުން އިންތިޒާރުކުރާ ތައުބާވުމުގެ ވަގުތު އައިސް ޖެހުމުގެ ކުރިންނެވެ. މިވެނިކަމެއް ކޮށްލާފައި، އެވެނިކަމެއް ކޮށްލާފައި ތައުވާވާން މަޑުކޮށްގެން ތިއްބައެވެ. އުމުރުން މިތައް އަހަރުވުމުން ތައުބާވާން ވެސް މީހުން މަޑުކުރެއެވެ.
ޕެންޝަން ލިބި މަސައްކަތް ކުރަން ނެޖެހޭ ޢުމުރަށް ދިއުމުން ކުރާ އަޅުކަން ގިނަކުރާށެވެ! އެއީ ކުރަން ޖެހޭނެ ކަމެކެވެ. ޢުމުރުން ދުވަސްވަމުންދާ ވަރަކަށް މަރު ގާތްވަމުން އަންނަކަން އިޙްޞާޞްކުރުން ގިނަ ކުރާށެވެ! ކުރާ ހެޔޮ ޢަމަލުތައްވެސް ގިނަކުރާށެވެ!
ދުނިޔެއިން ފެންނަ ތަޖުރިބާތަކަށް ބަލައިފިނަމަ ޕެންޝަން ލިބުމުން ނުވަތަ އުމުރުން ދުވަސްވުމުން އަޅުކަންކުރާ ވަގުތު ގިނަ ކުރެވެނީވެސް ޒުވާން އުމުރުގައިވެސް އަޅުކަން ކުރުމަށް ސަމާލުކަން ދޭ މީހުންނަށެވެ. ޒުވާން އުމުރުގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވީ މީހުންނަށެވެ. ޒުވާން އުމުރުން ފެށިގެން ފާފަތަކާއި ދުރުހެލިވީ މީހުންނަށެވެ.
އެކަން އެހެން މެދުވެރިވަނީ ޒުވާން އުމުރުން ފެށިގެން ހިތް ޠޯހިރު ކުރަން މަސައްކަތް ނުކުރެވޭނަމަ އުމުރުން ދުވަސްވާއިރު ހިތުގައި ކަޅުތިކިޖަހައި މުޅިހިތް ކަޅުތިކިތަކުން ފުރިފައި އޮންނާތީއެވެ. މުސްކުޅި އުމުރުގައިވެސް ބައެއް މީހުންނަށް ނަމާދާއި ދުރުހެލިވެވި އަޅުކަން ނުކުރެވެނީ އެކަމުގެ ސަބަބުންނެވެ!
ވީމާ އުމުރުން ދުވަސްވުމުން އަޅުކަން ކުރަން މަޑުކުރުމަކީ މިގޮތުން ބެލި ނަމަވެސް ވަރަށް ނުރައްކައުތެރި ކަމެކެވެ. ޙައްލަކީ ކުރިން ވެސް ބުނިފަދައިން ޒުވާން އުމުރުން ފެށިގެން ފާފަތަކާއި ދުރުހެލިވެ އަޅުކަން ކުރުމާއި ޢުމުރުން ދުވަސްވާވަރަކަށް ކުރާ އަޅުކަން އިތުރުކުރަމުން ގެންދިއުމެވެ. ޒުވާން އުމުރުގައިވެސް އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދު ޖަމާއަތުގައި ކުރުމަށާއި ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވައިލުމަށް ސަމާލުކަން ދޭށެވެ! ހުރިހާ ކަމަކަށްވެސް ދާނީ މަގުފަހިވަމުންނެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން