މުސްކުޅިއަކަށް ކަމެއްކޮށްދިނުމުން ދިން އަގުގަ ނުހިފާ ﷲ ގެ ރަޙަމަތަށް އެދުނު މީހަކަށް ދެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
މުސްކުޅިއަކަށް ކަމެއްކޮށްދިނުމުން ދިން އަގުގަ ނުހިފާ ﷲ ގެ ރަޙަމަތަށް އެދުނު މީހަކަށް ދެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އެންމެންވެސް މިއުޅެނީ ލިބޭ އާމްދަނީ މަދުވެގެންނެވެ. ތަނަވަސްކަން އިތުރުވާވަރަކަށް ގިނަ ފަހަރު އެކަންތައްވަނީ ބޮޑެވެ. ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ހިތްފުރިގެންތިބީ ވަރަށް މަދުބައެކެވެ. މިއީ ކޮންމެ ދުވަހަކު ލޯތަކަށް ފެންނަ ކަންކަމެވެ. އެހެންކަމުން ބުނަން ޖެހެނީ އިހްޞާންތެރިން ވަރަށް މަދުވެއްޖެ ކަމަށެވެ.

ތިރީގައި އެވަނީ ދަތިޙާލުގައި އުޅެންޖެހި ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުންވެސް ލިބޭ މިންވަރަށް ޝުކުރުކޮށްގެން ހުރި މީހެއްގެ ވާހަކައެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަމުންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރި މީހަކަށް ލިބުނު ބޮޑު ތަނަވަސްކަމާއި އުފާވެރިކަމުގެ ވާހަކައެވެ. މަސައްކަތްކުރަންވީ އެޒުވާނާ ފަދަ މީހަކަށްވެވޭތޯއެވެ. 

އެއީ ވަރަށް ވިއްސާރަ ދުވަހެކެވެ. ހައިވޭގައި ބާރަށް ދުއްވަމުން ދިއަ ޓެކްސީއެއްގެ ޑްރައިވަރަށް ފެނުނީ މުސްކުޅި އުމުރުގެ ފިރިހެނަކު ކާރެއްގެ ފުރޮޅު ބަދަލުކުރަންޖެހިގެން ފުރޮޅު ނުނެއްޓިގެން އުޅޭތަނެވެ. އެއިރުވެސް ވާރޭވެހެއެވެ. ޓެކްސީގައި ދެމަފިރިއަކާއި ދެ އަންހެންދަރިން ތިއްބެވެ. ފަސިންޖަރުންގެ ހުއްދަ ހޯދައިގެން ޑްރައިވަރު ކާރުމަޑުކޮށްލާފައި ފައިބައިގެންގޮސް މުސްކުޅި މީހާ ގާތު ކާރަށް އަރައި ވާރޭ ހިޔާވާން ބުނެފައި އެކާރުގެ ފުރޮޅު ބަދަލުކޮށްދިނެވެ. 

އެކަންކޮށްދިނުމުން މުސްކުޅި މީހާ އޭނާއަށް އެކަމަށް އަގެއްވެސް ދޭން މަސައްކަތްކުރިއެވެ. ޑްރައިވަރުބުނީ އެއްވެސް އަގެއް ބޭނުން ނޫންކަމަށާއި އެއީ ﷲ އަށްޓަކައި ކޮށްދިން ކަމެއް ކަމަށެވެ. ﷲ އަށްޓަކައި މީހަކަށް ކަމެއް ކޮށްދިނުމުން ﷲ ދެއްވަވާނެ ވަރާއި ގާތަކަށްވެސް އެއްވެސް މީހަކަށް ފައިސާދޭން ނުލިބޭނެ ކަމަށެވެ. 

ޑްރައިވަރު ކާރަށް އެރުމުން އޭނާކުރި މަސައްކަތަށް ދިން އަގު ނުވަތަ ހަދިޔާގައި ނުހިފި ސަބަބާއިމެދު ކާރުގައި އިން އަންހެންމީހާ ސުވާލުކުރިއެވެ. ޖަވާބުގައި ބުނީ ހަމަ އެއްގޮތަކަށެވެ. ޑްރައިވަރުގެ ޖަވާބުން އެންމެންހެން ދިއައީ ސިއްސައިގެންނެވެ. ދަތުރު ނިންމީ ވަރަށް ތަނަވަސް މީހެއްގެ ގެއަށެވެ. ކާރުން ފައިބަމުން އެމީހުން ޑްރައިވަރުގެ ފޯނު ނަމްބަރު އޮޅުންފިލުވިއެވެ. 

އެއިގެ ހަފްތާއެއްހައި ދުވަސްފަހުން ޑްރައިވަރަށް ގުޅައި ގޮސްދޭންބުނި އެޑްރެހަށް ދިއައިރު އެއީވެސް ވަރަށް ތަނަވަސް މީހެއްގެ ގެއެކެވެ. ޑްރައިވަރަށް ވަރަށް ހޫނު މަރުޙަބާއެއްކިޔައި ގެއަށް ވެއްދިއެވެ. 

އެގެއަކީ ކުރީ ދުވަހު އޭނާގެ ކާރުގައި ދަތުރުކުރި މީހާގެ ބޭބެގެގެއެވެ. ޑްރައިވަރު މިގެންދެވުނީ އެދުވަހު ޑްރައިވަރު ކަންތައްކުރިގޮތާއި ދިން ޖަވާބު ބޭބެއަށް ކިޔައިދިނުމުން ޑްރައިވަރަކީ ވަރަށް ރަނގަޅު މީހެއްކަން ޤަބޫލުކުރެވިގެން ޑްރައިވަރުހުރީ ހުހަށް ނަމަ ބޭބެގެ ދަރިފުޅާއި ކައިވެނިކުރަން ހުށަހަޅަންވެގެންނެވެ. 

ޑްރައިވަރުވެސް ހުރީ ކައިވެންޏެއްކުރަން ބޭނުންވެގެންކަމަށްވުމުން އެކަން ޤަބޫލުކޮށް ކައިވެނިކުރި އެވެ. ކައިވެނީގެ ޙަފްލާ ނިމި އެއިގެ 3 ދުވަސްފަހުން ޢޭނާގެ ޓެކްސީގައި އެދުވަހު ދަތުރުކުރި ޢާއިލާއާއި ބައްދަލުވުމުން ބުންޏެވެ. "އަހަރެން ބުނިތަން މިފެނުނީއެވެ. މުސްކުޅިޔާ އެދުވަހު ދިން 100 ގަ ހިފިނަމަ ލިބުނީހީ އެ 100 އެވެ. ނުހިފިކަމުގެ ސަބަބުން ލެއްވެވި މިބޮޑުރަޙްމަތާއި ކުރިއަށް އޮތްތަނުގައި ލައްވަވާނެ ރަޙްމަތް ގުނާ ޢަދަދުކުރެވޭނެ ހެއްޔެވެ؟ ﷲ އަށްޓަކައި މީހަކަށް ކަމެއް ކޮށްދިނުމުން ﷲ ދެއްވަވާނެ ވަރާއި ގާތަކަށްވެސް އެއްވެސް މީހަކަށް ފައިސާދޭން ނުލިބޭނެ ކަމަށް އެދުވަހުވެސް ބުނީ އެހެންވެގެންނެވެ." 

މިއީ އެކުވެރިއަކު އަޅުގަނޑަށް ޙިއްޞާކުރި ވާހަކައެވެ. މިފަދަ އަމިއްލަ އެދުމުން ފުރިފައިވާ މީހުން ގިނަ ޒަމާނެއްގައި، އެދުމެއް ނެތި ވެދުމެއް ނުކުރާ ޒަމާނުގައި ހިނގާ މިފަދަ ޙާދިސާތަކަކީ ޢިބްރަތް ޙާޞިލްކުރަންޖެހޭ ކަންކަން ނޫންތޯއެވެ؟ އޭނާ އެބުނިފަދައިން މުސްކުޅިއަކަށް ހެޔޮކަމެއްކޮށްދިނުމުން ދޭން އުޅުނު ފައިސާކޮޅުގައި ނުހިފައި ﷲ ގެ ޙަޟްރަތުން ރަޙްމަތަށް އެދުމުން ދެއްވެވި ނިޢްމަތްތައް ނިކަންދެކިބަލާށެވެ! 

ކޮންމެ މީހަކަށް މިފަދަ ރަޙްމަތެއް ދުނިޔޭގައި ނުލިބިދާނެއެވެ. ނަމަވެސް ޔަޤީންވާކަމަކީ ޤިޔާމަތްދުވަހުން ﷲ ދެއްވަވާނެ ނިޢްމަތްތައް މުޅި ދުނިޔެއާއި ނުބައްދަލުވާނެ ކަމެވެ. އިން ޝާ ﷲ 

- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން